އަންހެނުންނަށް ބަދުބަސް ރައްދު ކުރި މައްސަލައިގައި ޔުމްނާ އުމަރު އަށް ރައްދުދެއްވައިފި

އަންހެނުންނަށް ބަދުބަސް ރައްދުކޮށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މިއަދު ކުރެއްވި ޓްވީޓާއި ގުޅިގެން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން އުމަރު ނަސީރު އަށް ރައްދު ދެއްވައިފިއެވެ.
އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަލާއި، އަންހެނުން އަދި މުދަލަކީ ރަނގަޅު މީހުން ނުބައި ކުރާ އެއްޗެހި ކަމަށެވެ. އުމަރު ވިދާޅުވީ ރަލުގެ ސަބަބުން ރާއްޖޭގައި ވެރިކަންކުރި ރައީސްއަކު އަމިއްލަފުޅަށް އިސްތިއުފާދެއްވާފައިވާ ކަމަށާއި މުދަލުގެ ސަބަބުން ރައީސްއަކު ސިޔާސީ ގޮތުން ކަނުބޭފުޅަކަށް ވެވަޑައިގެންފައިވާ ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ އަންހެނުންނާ ހެދި، ރައީސްއަކު ރާއްޖޭގައި އަވަހާރަކޮށްލާފައިވާ ކަމަށެވެ.
ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އުމަރުގެ ޓްވީޓަށް ރައްދު ދެއްވާ ޔުމްނާ މައުމޫން ވިދާޅުވީ އުމަރުގެ ޓްވީޓަކީ ވަކީ ޖިންސެއްގެ ބަޔަކަށް ފުރައްސާރަ ރައްދުވާ ގޮތަށް ކުރައްވާފައިވާ ކަމެއް ކަމަށެވެ. ފިރިހެނުންނަށްވެސް އަންހެނުން ނުބައި ކުރެވޭނެ ކަމަށާއި ނަމަވެސް އެންމެން ގުޅިގެން އެކަކު އަނެކަކު ރަނގަޅުވުމަށް އެހީތެރިވެދޭން ޖެހޭނެ ކަމަށް ޔުމްނާ އުމަރަށް ރައްދުދެއްވާ ވިދާޅުވިއެވެ.
އުމަރު އާއި ޔުމްނާގެ މެދުގައި ޚިޔާލު ތަފާތުވެފައި މިވަނީ ޕީޕީއެމްގައި އުފެދިގެން އުޅޭ މައްސަލަ އާއި ގުޅޭ ގޮތުން ދެބޭފުޅުން ވެސް ރައީސް މައުމޫންގެ ދިފާޢުގައި ވަރަށް ބޮޑަށް ވާހަކަދައްކެވިތާ 12 ވަރަކަށް ގަޑިއިރު ފަހުންނެވެ.
އުމަރުގެ ޓްވީޓަށް ކުރިމަތިވަމުން ދިޔަ ފާޑުކިޔުންތަކާއި ގުޅިގެން އޭނާ ވަނީ އެންމެ ފަހުން މިރޭ ޓްވީޓް ޑިލިޓް ކުރައްވާފައެވެ. ނަމަވެސް މިމައްސަލައިގައި އުމަރު މަޢާފަށް އެދިވަޑައިގަންނަވަން ގިނަ ބަޔަކު ގޮވާލަމުންދާ ގޮވާލުންތަކަށް އޭނާ އަދި އެއްވެސް އިޖާބައެއް ނުދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ