ދަނޑުވެރިކަން ކުރަން ކުއްޔަށް ދޫކޮށްފައިވާ ނ. ކަލައިދޫ ކުއްޔަށް ހިފި ފަރާތުން އެ ރަށުގެ ކުއްޔަށް ދައްކަން ޖެހޭ ފައިސާ މީރާ އަށް ދައްކަން ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް މިއަދު ތާއީދުކޮށްފިއެވެ.
ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ރަށް ކުއްޔަށް ދީފައި ވަނީ އާދަމް ނަޟީރު ނަމަކަށް ކިޔާ މީހަކަށެވެ.
މި ހުކުމް ހައިކޯޓުގައި ނަޟީރު އިސްތިއުނާފްކުރިއިރު، އޭނާ ވަނީ މައިގަނޑު ދެ ކަމެއް ފާހަގަކޮށްފައެވެ. އެއީ މީރާއަކީ ހަމައެކަނި ޓެކްސް އަދި ޓެކުހާ ގުޅުން ހުރި ފައިސާއާ މެދު ޝަރުއީ ކޯޓުތަކުގައި ދައުވާކުރުމުގެ ބާރު ލިބިފައިވާ މުއައްސަސާއެއް ކަމަށާއި އަދި މިނިސްޓްރީއާ މެދު ވެވުނު އެއްބަސްވުމުގެ ބައެއް މާއްދާ، ސިވިލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ މަނާކޮށްފައި ވަނީ ވެސް ރަނގަޅަށް ނޫންކަމަށް އޭނާ ހުށައެޅި އިސްތިއުނާފް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
މި ދެ ނުކުތާއާ މެދު ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ޓެކުހަށް ނުވާ ފައިސާ ހޯދުމަށް ދައުވާކުރުމުގެ ބާރު ވެސް މީރާ އަށް ލިބިފައިވާ ކަމަށާއި އަދި ސިވިލްކޯޓުން މައްސަލަ ބެއްލެވި ގާޒީ މައްސަލަ ބައްލަވާފައި ވަނީ ރަނގަޅަށް ކަމަށެވެ.
ނަޟީރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަކީ ގާނޫނީ ނުވަތަ ޝަރުއީ ރަނގަޅު ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ނުކުތާތަކެއް ނޫން ކަމަށާއި، އަދި ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށްވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.
އެހެންކަމުން، ނ. ކަލައިދޫގެ ލީސް ރެންޓުގެ ގޮތުގައި ދައްކަން ޖެހޭ އަދަދާއި ކަނޑައެޅިފައިވާ ގޮތަށް ކުލި ނުދެއްކުމުން ކޮށްފައިވާ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އާ އެކު 8،143،257.28 ރުފިޔާ މީރާ އަށް ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ނަޟީރުގެ މައްޗަށް އަމުރުކުރާ ކަމަށް އެ ހުކުމުގައި ބުނެފައިވެއެވެ.
ކަލައިދޫގެ ކުލި ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ