އިންޑިއާ މަސް ބޯޓުގެ ތަހުގީގު ދަނީ ކުރިއަށް: ފުލުހުން
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ކުރަން އުޅެނިކޮށް ހިފެހެއްޓި އިންޑިއާގެ މަސް ބޯޓާއި މަސްވެރިން ދޫކޮށްލީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށް ފަހު ކަމަށާއި ތަހުގީގު އަދި ވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ. އަށް މަސްވެރިންނާ އެކު އެ ބޯޓު ހިފެހެއްޓީ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. އެމީހުން ދޫކޮށްލުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބޯޓު ފުރުމުގެ ހުއްދަ ދިނީ ތަހުގީގަށް ބޭނުންވަ މައުލޫމާތު ނެގުމަށް ފަހު، ފިޝަރީޒްގެ މިނިސްޓްރީގެ ލަފަޔާ އެކު ކަމަށެވެ. އަދި އެ ބޯޓު ރާއްޖޭގެ ސަރަހައްދުން ބޭރަށް ގޮސްފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ކަމަށެވެ. "ފުރުމުގެ ހުއްދަ ދީފައި ވަނީ ފުލުހުންގެ ތަހުގީގަށް ވެސް އަދި ފިޝަރީޒް މިނިސްޓްރީއަށް ވެސް ބޭނުންވާ ހުރިހާ މައުލޫމާތެއް ނެގުމަށް ފަހު،" އޮފިޝަލް ވިދާޅުވި އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި ފިޔަވަޅު އެޅުމުގެ މަރުހަލާގެ ކަންކަން ފިޝަރީޒް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. މަސްވެރިން ދޫކޮށްލީ އިންޑިއާގެ ޓަމިލް ނާޑޫ ސަރުކާރުގެ ޕަބްލިކް ޑިޕާޓްމަންޓް އަދި އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މައްސަލައިގެ ތެރެއަށް ވަދެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ