ރައްޔިތުން އުންމީދު ކުރިފަދަ އެއްވެސް ބަދަލެއް އަދި ނުފެނޭ : ހަސަން މުފީދު

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ދިވެހި ރައްޔިތުން އުންމީދު ކުރި އެއްވެސް އުންމީދެއް ހާސިލްވެގެންދާ މަންޒަރު އަދި މިހާތަނަށް ފެނިގެން ނުދާ ކަމަށް މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ. ހަސަން މުފީދު މިދައިން ވިދާޅުވީ ޗެނަލް ތާޓީންގެ ނިއުސް ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުން އެދުނު ފަދަ ބަދަލެއް ރައީސް އިބްރާހީމް މުހައްމަދު ސާލިހުއަށް ހޯއްދަވައިދެއްވޭތޯ ދެއްނެވި ސުވާލަށް ޖަވާބު ދެއްވަމުން ހަސަން މުފީދު ވިދާޅުވީ ރައްޔިތުން އަސްލު ބޭނުންވެގެން އުޅުނީ ރައީސް ޔާމީންގެ ޒަޢާމަތައް ވުރެ އަދި އިތުރު ކުރިއެރުންތަކެއް ހޯދައި ގައުމަށް އެއަށްވުރެ ރަނގަޅު މަސަލަސްކަން ހޯދުމުގެ އިތުރުން އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުން ތަކެއް ހޯދުމަށް ކަމަށެވެ. އެހެންނަމަވެސް ރައީސް ސާލިހުގެ ސަރުކާރުން ދިވެހި ރައްޔިތުން ކުރި އެއްވެސް އުންމީދެއް އަދި މިހާތަނަށް ހާސިލްކޮށްދެވިފައި ނުވާ ކަމަށް ހަސަން ވިދާޅުވިއެވެ. ސަރުކާރަށް އަށް މަސްދުވަސް ވެގެންދާއިރުގައިވެސް ރައްޔިތުންނަށް އެ ރައްޔިތުން އުންމީދު ކުރި އެއްވެސް ކަމެއް ރާއްޖޭގެ މަޝްރަހަށް ބަލާއިރުގައި ފެންނަން ނެތްކަމަށްވެސް ހަސަން ވިދާޅުވިއެވެ. ރައްޔިތުން އުންމީދު ކުރި އެއްވެސް ކަމެއްނުވެ އަހަރަކަށް ފަހު އަހަރެއް ފާއިތުވެގެން ދިޔުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ވިދާޅުވެ ހަސަން ވިދާޅުވީ އަހަރެއްގެ މައްޗަށް އެކުލަވާލާ ބަޖެޓާއި ރައްޔިތުން އުންމީދުކުރި ތަރައްގީ ނުލިބި ދުވަސްތައް ފާއިތުވެގެންދާ ކަމުގައި ވަނީނަމަ އެއީ ލިބިގެންދާ ވަރަށް ބޮޑު އުނިކަމެއް ކަމަށެވެ. ފެންނަ ކަންތައްތަކާއި ހިގަމުންދާ ކަންތައްތަކުން މިއަދު ވެރިކަމުގައި ހުންނެވީ ކޮން ބޭފުޅެއްކަން ނޭގޭ ދަރަޖައަށް ކަންތައްތައް ހިނގައްޖެ ކަމަށްވެސް ހަސަން ވިދާޅުވިއެވެ. އެގޮތުން މީޑިއާއިންނާއި ރާއްޖޭގައި ހިނގާ ކަންތައްތަކަށް ބަލާކަމުގައި ވަނީ ނަމަ ރާއްޖޭގައި ވެރިކަން ކުރަނީ ރައްޔިތުންގެ މަޖިލިހުގެ ރައިސްތޯ ނުވަތަ އިބްރާހީމް މުހައްމަދު ސާލިހުތޯ ނޭގޭ ހިސާބަށް ރާއްޖޭގައި ކަންތައްތައް ހިނގައްޖެ ކަމަށް ހަސަން ވިދާޅުވިއެވެ. އަދި މި ކަންތައްތައް މިހެންދާތީ ރައްޔިތުން އެ އެދުނު ގޮތަށް އެއްވެސް ކަމެއް ހާސިލްވެގެން ހިނގައިދާނެ ކަމާމެދު ޝައްކު އުފެދޭ ކަމަށްވެސް ހަސަން ވިދާޅުވިއެވެ. އަދި ރައީސް ސާލިހަށް އެމަނިކުފާނުގެ ޒިންމާތައް އަދާ ކުރުމުގައި ދަތިތަކެއް ހުރިކަމަށް ދޭހަވާފަދަ އަމަލުތަކެއް ފެންނަމުންދާ ކަމަށް ހަސަން ވިދާޅުވިއެވެ. ބާއްވާ ކޮންމެ އެއްވުމަކުން ނުވަތަ ދެއްވާ ބަސްދީގަތުމުގައިވެސް ރައީސް ސާލިހުގެ ކިބައިން ފެނިގެންދަނީ ވަރަށް މާޔޫސްވެރިކަން ކަމަށް ވިދާޅުވެ ހަސަން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާކަމުގައި ވަނީ ނަމަ ރައީސް ޔާމީން ގެނެސްދެއްވި ރައްގީގެ ދެ ގުނަ އިތުރަށް ގެނެސްދެއްވާނެ ކަމަށް ވައުދުވި ބޭފުޅުންނަށް ރައްޔިތުންނަށް އެފަދަ އެއްވެސް ކަމެއް ކޮށްދެއްވާ މަންޒަރުތަކެއް ފެނިގެންނުދާ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ލިބިދީފައިވާ އާރާ ބާރުގެ ބޭނުންވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އެމަނިކުފާނަށްވެސް އަދާކުރެވޭ މަންޒަރުވެސް ފެނިގެން ނުދާ ކަމަށް ހަސަން މުފީދު ވިދާޅުވިއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ