އިންތިހާބުގެ އިންތިޒާމުތަކަށް ވެސް ކަރަންޓީނު ނުވާ ގޮތަށް ރަށްރަށަށް ދަތުރުކުރެވޭނީ ހުއްދައާއެކު ފަސް ދުވަހަށް

ލޯކަލް ކައުންސިލް އިންތިހާބުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަރާތުން ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ނުވާ ގޮތަށް ހާއްސަ ހުއްދައިގެ ދަށުން ފަސް ދުވަހަށް މާލެއިން ރަށްރަށަށް ދެވޭ ގޮތަށް ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ އުސޫލު އެކުލަވާލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން މި އުސޫލު އެކުލަވާލައިފައިވަނީ ރައްޔިތުންގެ މަޖިލީހުން ލޯކަލް ކައުންސިލްގެ އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އިސްލާހާއެކު، އިންތިހާބުގެ ބާރުތަކެއް އެޗްޕީއޭއަށް ދިނުމާ ގުޅިގެންނެވެ. އެ އިސްލާހުގައިވާ ގޮތުން، އިންތިހާބުގެ ކެމްޕޭނާއި އިންތިހާބުގެ ކަންކަން ކުރިއަށްދާނެގޮތް ކަނޑައަޅާނީ އެޗްޕީއޭއިންނެވެ.
އެޗްޕީއޭ އިން މިއަދު ގެޒެޓުގައި ޝާއިއުކުރި ލޯކަލް ކައުންސިލް އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ އުސޫލުގައި ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހިންގޭ ތަމްރީން ޕްރޮގްރާމްތަކުގައި، ކޮވިޑް 19 އާ ބެހޭ މައުލޫމާތުތައް ހިމަނައި، އެ ފަރާތްތައް އެކަމަށް އަހުލުވެރި ކުރުވަން ޖެހޭނެ ކަމަށެވެ.
އުސޫލުގައި ބުނީ، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމަށް ބޭނުންވާ ލިސްޓުތަކާއި އެހެނިހެން ލިޔެކިއުންތައް އޮންލައިންކޮށް ބެލޭނެ ނުވަތަ ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސަން ޖެހޭނެ ކަމަށެވެ.
އެ އުސޫލުގައިވާ ގޮތުން މާލެއާއި އަތޮޅުތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ މަސައްކަތް ކުރުމަށް މީހުން ހޮވުމުގައި އެ ރަށެއްގައި ތިބެގެން މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އިސްކަންދޭން ޖެހެއެވެ.
މީގެ އިތުރުން އެ އުސޫލުގައި ބުނީ، ލޯކަލް ކައުންސިލް އިންތިހާބުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މާލެއިން އަތޮޅުތެރެއަށްދާ މީހުންވެސް ދިހަ ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ޖެހޭނެ ކަމަށެވެ. ނަމަވެސް އީސީގެ ފަރާތުން ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ހުއްދައިގެ ދަށުން ފަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް މާލެއިން ރަށްރަށަށް ދެވޭނެ ކަމަށް އުސޫލުގައި ބުންޏެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކައުންސިލް އިންތިހާބު ބޭއްވުމުގެ އުސޫލުގައި ވަނީ އިންތިހާބުގެ ކެމްޕޭންގެ ކަންކަން އޮންލައިން ޕްލެޓްފޯމްތަކުގައި ކުރިއަށްގެންދިއުމަށް ބާރު އަޅައިފައެވެ. އަދި ކެމްޕޭން ކުރުމަށް މާލެއިން އަތޮޅުތެރެއަށްދާނަމަ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ ކުރިން އެޗްޕީއޭ އިން އުސޫލުގެ ޑްރާފްޓް އެކުލަވާލުމުން އީސީން ވަނީ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އިންތިހާބުގެ އިންތިޒާމުތަކަށް އީސީގެ ފަރާތުން ރަށްރަށަށް ފޮނުވާ ފަރާތްތަކުން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަން ޖެހުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ކޮވިޑާ ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ދިހަވަނަ ދުވަހުއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި ބުނާގޮތުން، އެ ކައުންސިލްގެ އިންތިހާބު ބާއްވަން ޖެހެނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގައެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އެމަހުގެ 18 އަށް ފަސްކޮށްގެން ވެސް އިންތިހާބެއް ނުބޭއްވުނެވެ. އެއީ ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ދެން ޖެހުނީ، އިންތިހާބު ކުރިއަށް ގެންދާނެ ދުވަސްވަރެއް ގާނޫނަކުން ކަނޑައަޅާށެވެ. އެހެންކަމުން އެކަމަށްޓަކައި، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ހުށަހެޅުއްވުމުން އެ ބިލު މަޖިލީހުން ފާސްކުރިއެވެ.
އެ ގާނޫނުގައި ބުނެފައިވަނީ ކައުންސިލް އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ދެން ފަށަން ޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށެވެ. އަދި އެ ގާނޫނު ފާސްވެ ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ބުނެފައިވެއެވެ.
މި ގާނޫނު މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައި ގެޒެޓުގައި ޝާއިއު ކުރެއްވީ، މެއި 10، 2020 ގައެވެ. އެހެންކަމުން އެ ދުވަހުން ފެށިގެން ގާނޫނަށް ވަނީ އަމަލުކުރަން ފަށައިފައެވެ. އެ ގާނޫނުގައި ބުނާގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވައި ނިންމަންޖެހެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ 10ގެ ކުރިންނެވެ.
ނަމަވެސް މިހާތަނަށް އައި އިރުވެސް ކޮވިޑާ ގުޅިގެން އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފައެއް ނުވެއެވެ. އެހެންކަމުން އިންތިހާބު ބޭއްވުމާ ގުޅޭ އެއްވެސް ކަމެއް ގާނޫނުގައި ބުނާގޮތުން އީސީއަށް ކުރެވެން ނެތުމުން މިހާރު މިއޮތް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ހުރަސްތަކަށް ހައްލެއް ހޯދައި، ވީ އެންމެ އަވަހަކަށް އިންތިހާބު ބޭއްވުމަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020" އަށް ސަރުކާރުން އިސްލާހު ހުށަހެޅިއެވެ.
މިދިޔަ މަހުގެ ތެރޭގައި ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއް ބާއްވައިގެން އެ ބިލުގެ މަސައްކަތް ކުރިއަށް ގެންގޮސް ވަނީ ފާސްކޮށްފައެވެ. މިހާރު ބިލު އޮތްގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އިންތިހާބު ބޭއްވޭނެއެވެ.
ނަމަވެސް އިންތިހާބު ބޭއްްވޭނީ، އާންމު ސިއްހަތުގެ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްްގޮތްވާގޮތުގެ މަތިންނެވެ. އަދި އެ އުސޫލުތައް އެކުލަވައިލުމުގައި މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިހާބު ބޭއްވޭނެކަން ކަށަވަރުކުރަންވާނެ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް ހާއްސަ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން މެއި 10ގެ ކުރިން އިިންތިހާބު ބޭއްވުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ 30 ދުވަހުގެ ކުރިން ސަބަބު ބަޔާންކޮށް އީސީން އެކަން މަޖިލީހަށް އަންގަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ