ަރައްޔިތުންގެ އުފަލަށް ސަރުކާރު ތެރެއިން ވެސް ކޮރަޕްޝަން ނައްތާލަންވެއްޖެ: މައުމޫން

ރައްޔިތުންގެ އުފަލަށް ސަރުކާރު ތެރެއިން ވެސް ކޮރަޕްޝަން ނައްތާލައި ގައުމަށް ހިދުމަތް ކުރުން އިސްކުރަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު އެދިވަޑައިގެންފި އެވެ. ޕީޕީއެމް އުފެއްދި މަގްސަދާ އެއްގޮތަށް މެމްބަރުންގެ އަމަލުތައް ބަހައްޓަން އެމަނިކުފާނު އެދިވަަޑައިގެންނެވީ، ޖުމްހޫރީ ޕާޓީ ދޫކުރައްވައި ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު މުބީން އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދު ޕީޕީއެމަށް ސޮއިކުރަައްވަން ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ ވަޒީރުންނާއި މަޖިލީހުގެ ޕީޕީއެމް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ރައްޔިތުން އަޅުގަނޑުމެންނަށް އިންތިހާބު ކާމިޔާބުކޮށްދެއްވީ، ކޮރަޕްޝަން ނައްތާލައި ރައްޔިތުންނަށް ފަސޭހަކަމާއި ތަރައްގީ ހޯދައިދޭން މަސައްކަތް ކުރާ ޕާޓީއަކަށް ވާތީ-- މައުމޫން މައުމޫން ވިދާޅުވީ މުދަލާއި ފައިސާ ނުވަތަ މާއްދީ ކުރިއެރުންތަކުގެ ކުރިމަތީގައި ވަރަށް ގިނަ ބަޔަކު "ހެއްލި، ހަލާކުވެގެންދާ" ކަމަށެވެ. މިއީ ވަރަށް ގިނައިން ފެންނަ މަންޒަރެއް ކަމަށާއި މާއްދީ ކުރިއެރުންތަކުގައި ބަޔަކު ހަލާކުވެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މުބީން އާއި އަބްދުﷲ ސޮއިކުރެއްވި ރަސްމިއްޔާތުގައި ރައީސް ޔާމީނާއި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން "އެހެންވީމަ އަޅުގަނޑުމެންގެ ތެރޭގައި މިބައި [މާއްދީ ކުރިއެރުމަށް އިސްކަންދިނުން] އެބަޖެހޭ ކުޑަކުރަން. އެހާ ބޮޑަށް މުދަލަށް ލޯބިކުރުން، އެހާ ބޮޑަށް ފައިސާ އަށް ލޯބިކުރުން. ކޮރަޕްޝަން ކަންތައް ވެއްޖެ އަޅުގަނޑުމެން ނައްތާލަން އެކީއެކައްޗަކަށް،" މައުމޫން ވިދާޅުވި އެވެ. ޕީޕީއެމާާއި ސަރުކާރާއި ސަރުކާރު ނޫން ދާއިރާތަކުން ވެސް ކޮރަޕްޝަން ނައްތާލަން ޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ. ޕީޕީއެމް އުފެއްދީ ވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގައި ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މުޒާހަރާތަކުގައި އަޅުގަނޑުމެންގެ ރެލީތަކުގައި، ޖަލްސާތަކުގައި އެ ވާހަކަ [ކޮރަޕްޝަނާ ދެކޮޅަށް] ވާނީ ވަރަށް ގަދައަށް ދައްކާފައި. ރައްޔިތުން އަޅުގަނޑުމެންނަށް އިންތިހާބު ކާމިޔާބުކޮށްދެއްވީ، ކޮރަޕްޝަން ނައްތާލައި ރައްޔިތުންނަށް ފަސޭހަކަމާއި ތަރައްގީ ހޯދައިދޭން މަސައްކަތް ކުރާ ޕާޓީއަކަށް ވާތީ،" މައުމޫން ވިދާޅުވި އެވެ. ރައީސް ޔާމީންގެ ދެ އަހަރަކީ ކާމިޔާބު ދެ އަހަރު ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ އެ ދެ އަހަރު ވޭތުކުރެއްވީ ވަރަށް ހަލަބޮލި މާހައުލެއްގެ ތެރޭގައި ކަމަށެވެ. އޭގެއިން ދައްކައިދެނީ ރައީސް ޔާމީންގެ ހިތްވަރާއި ކެރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި ޕީޕީއެމަކީ އިހްލާސްތެރިންނަށް އަބަދުވެސް ޖާގަ ދޭނެ ޕާޓީއެކެވެ. އަދި އިހްލާސްތެރިންގެ ހިދުމަތް ވެސް އެ ޕާޓީން ބަލައިގަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މުބީން އާއި އަބްދުﷲ ސޮއިކުރެއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން މައުމޫން ވިދާޅުވީ ޕީޕީއެމުން ނުކުމެ ތިބީ ގައުމަށް ހިދުމަތް ކުރުމަށް ކަމަށެވެ. ކުރާ މަސައްކަތަކުން އަމިއްލަ ޖީބަށް ވަންނަނީ ކިހާ ފައިސާއެއްތޯ ބަލާކަށް ޕީޕީއެމްގެ މެމްބަރުން ބޭނުން ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މުދަލާއި ފައިސާ އާއި މަޝްހޫރުކަމަކީ އިންސާނުން އެދޭނެ ކަންތައްތަކެއް ކަމަށާއި އޭގައި އޮތް ގޯހަކީ ހުރިހާ ކަމަކަށް ވުރެ އެކަންކަމަށް އިސްކަންދިނުން ކަމަށް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ދެ ދުނިޔޭގެ ހެޔޮކަންތަކަށް ވިސްނެވުމަށް ވެސް މައުމޫން ނަސޭހަތް ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ