ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރަން ނިންމާ އެ މައްސަލަ ޕާޓީގެ ސުލޫކީ ކޮމެޓީއަށް މިހާރު ފޮނުވާފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތުދެއްވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ކައުންސިލުން މިއަދު ނިންމީ ރައީސް މައުމޫންގެ އަމަލުތައް ހުރިގޮތުން އެމަނިކުފާނު ޕާޓީގެ މެމްބަރުކަމުން ވަކިކުރަން ޕާޓީގެ ސުލޫކީ ކޮމިޓީއަށް ފޮނުވަން ކަމަށެވެ.
"މިހާރު އެ މައްސަލަ ވާނީ ސުލޫކީ ކޮމިޓީއަށް ފޮނުވާފައި" އަދުރޭ ވިދާޅުވިއެވެ.
ކުރިން "ވަގުތު" އަށް މައުލޫމާތުދެއްވި ޕީޕީއެމްގެ ކައުންސިލް ބައެއް މެމްބަރުން ވިދާޅުވީ ރައީސް މައުމޫން ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރަން ކައުންސިލުން ފާސްކުރި ކަމަށެވެ. އަދި އެގޮތަށް ފާސްކުރުމުން ޕާޓީގެ މެމްބަރުކަމުން ރައީސް މައުމޫން ވަކިވީ ކަމަށް އެ މެމްބަރުން ވިދާޅުވިއެވެ.
އެ މެމްބަރުން ވިދާޅުވީ އެގޮތަށް ނިންމެވީ ސުލޫކީ ކޮމިޓީން އާއްމު މެމްބަރުން ވަކިކުރި ނަމަވެސް ރައީސް މައުމޫންއަކީ ޕާޓީގެ ރައީސް ކަމަށްވާތީ ރައީސް އާއި މެދު ފިޔަވަޅު އެޅުން އެންމެ ރަނގަޅުވާނީ ޕާޓީގެ ކައުންސިލުން ކަމަށްވާތީ ކަމަށެވެ.
މައުމޫން ޕީޕީއެމްއިން ވަކިކުރުމުގެ މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. މި މައްސަލަ ފާސްވެފައިވަނީ 26 މެމްބަރުންގެ ވޯޓާއެކުއެވެ.
ޕީޕީއެމްގެ ކައުންސިލަށް ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ކޯޓުގެ އަމުރުން ޕާޓީގެ ހުރިހާ ބާރުތަކެއް ހަވާލުކޮށްފައި ވަނީ ޕީޕީއެމްގެ މުސްތަޝާރާ ކަމަށްވާއިރު އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި ރައީސް މައުމޫން ސޮއިކުރައްވަނީ ސިވިލް ކޯޓުގެ އަމުރަށް ގޮންޖައްސަވައި ޕާޓީގެ މަސްލަހަތު ގެއްލޭގޮތަށް ކަމަށެވެ.
ސިވިލް ކޯޓުގެ އަމުރަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންވުމަކީ ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނުގެ ދަށުން ރައީސް މައުމޫންގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.
އަދި ޕާޓީގެ ކައުންސިލްގެ މަޝްވަރާއެއް ނެތި ދިވެހި ގައުމާއި ރައްޔިތުންނާއި ޕާޓީގެ މަސްލަހަތަށް ގެއްލުންވާ ފަދަ ސިޔާސަތުތައް އަމިއްލަ އަށް ކަނޑައަޅާ ޕާޓީގެ ސިއްކަ އާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން ޕާޓީގެ ނަމުގައި ހިންގާ ސިޔާސީ އެކި ހަރަކާތްތަކަކީ ކަނޑައެޅިގެން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ އަމަލުތަކެއް ކަމަށްވެސް ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.
މައުމޫން ވަކިކުރަން ނިންމާ، ސުލޫކީ ކޮމިޓީއަށް މައްސަލަ ފޮނުވައިފިން - ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ