ފުލުހަކަށް ހަމަލާދިނުމުގެ ތުހުމަތުގައި މެމްބަރު އިބްރާހިމް ރަޝީދުގެ މައްޗަށް ދައުވާކޮށްފި

ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ މައްޗަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި ދައުވާ އިއްވަވަމުން ދައުލަތުން ވަކީލް ވިދާޅުވީ ޖުލައި ،30 2012 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ސައިކަލްތަކެއްގައި ކޮލިގޭއުމަރުމަނިކު ގޯޅިން ވަންވޭއާ އިދިކޮޅަށް އޯކިޑް މަގަށް ދިއުމުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން އެ ސައިކަލުތައް ހުއްޓުވި ކަމަށެވެ. އަދި އެ ސައިކަލުތައް ދުއްވި މީހުންގެ ލައިސަންސް ދިނުމަށް ފުލުހުން އެދުމުން އެއްވެސް މީހަކު ފުލުހުންގެ އަތަށް ލައިސަންސް ކާޑު ނުދިނުމަށް ބުނެ ހަޑިހުތުރު ބަހުން ފުލުހުންނާ މުއާމަލާތުކޮށް ފުލުހުންގެ ދައުރު އަދާކުރަން މެމްބަރު ރަޝީދު ހުރަސް އަޅާފައިވާ ކަމަށް ދައުވާގައިވެ އެވެ. އަދި އެ ފުލުހުންގެ ކުރިމައްޗަށް އަރާ ފުލުހުން ފަހަތަށް ކޮއްޕަން މަސައްކަތް ކުރުމުން އެކަން އެގޮތަށް ނުކުރުމަށް ފުލުހުން އެދުމުން އެތަނުގައި ހުރި ފުލުހެއްގެ މޭމަތީގައި މެމްބަރު ރަޝީދު ޖެހިތަން ދުށް ކަމަށް ތިން ފުލުހަކު ބުނާ ކަމަށް ވެސް ދައުވާގައިވެ އެވެ.
އެހެންކަމުން ފުލުހުންގެ ދައުރުއަދާކުރަން ހުރި މީހަކަށް ހަމަލާދިނުމުގެ ދައުވާ މެމްބަރު ރަޝީދުގެ މައްޗަށް އުފުލާ ކަމަށް ދައުލަތުން ވަކީލް ވިދާޅުވި އެވެ.
ދައުވާ އިއްވުމުން މެމްބަރު އިބްރާހިމް ރަޝީދު ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. އަދި މިއީ ސިޔާސީ ދައުވާއެއް ކަމަށާއި ޖިނާއީ އަދުލުގެ ނިޒާމް ފުރިހަމަނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖެއިން ބޭރުން ވަކީލަކު ގެނައުމުގެ ފުރުސަތަށް އެދިވަޑައިގަތެވެ.
އެގޮތަށް އެދުމުން އޭނާއަށް ތިން ދުވަހުގެ މުއްދަތެއް ގާޒީ ދެއްވި އެވެ. އަދި ދެން އޮންނަ އަޑުއެހުމަކަށް ހާޒިރުވާންޖެހޭނީ ވަކީލަކާއެކު ކަމަށް ގާޒީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ