އަބްދުﷲ ގާޒީގެ މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ: ޝަމީމް

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ލަގެޖުން ރާފުޅިއެއް ފެނުނު މައްސަލަ ބައްލަވާ ގާޒީގެ އަތުން އެ މައްސަލަ ނެގުމަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، އެ ފަނޑިޔާރުގެ މަސައްކަތަށް ނުފޫޒު ފޯރުވުން ކަމަށާއި އެ މައްސަލަ ޖޭއެސްސީން ބަލައި އޭނާއާމެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ސިޔާމްގެ މައްސަލަ ބައްލަވަމުންދިޔަ ގާޒީ އަހްމަދު ސަމީރު އަބްދުލް އަޒީޒުގެ އަތުން އެ މައްސަލަ ނަގާފައިވާއިރު، ޝަމީމް ރޭ "ހަވީރަ"ށް ވިދާޅުވީ ގާޒީއަކާ މައްސަލަ ހަވާލުކުރުމަށް ފަހު، އެ މައްސަލައެއް ނެގޭނީ ސުޕްރީމް ކޯޓުން އަމުރެއް ނެރުމަށް ފަހު ކަމަށެވެ. އެ ނޫން އުސޫލެއް މިހާރު ނެތް އިރު، ސުޕްރީމް ކޯޓުން ފޮނުވާ ސިޓީއަކާ ގުޅިގެން ގާޒީ އަތުން މައްސަލަ ނެގޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ސަމީރުގެ މައްސަލާގައި އަމަލުކޮށްފައިވާ ގޮތުން އަޅުގަނޑަށް ގަބޫލުކުރެވޭނީ އަބްދުﷲ ގާޒީ، ސަމީރުގެ ފަނޑިޔާރުކަމުގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށް. އެކަން ޖޭއެސްސީން ބަލަން ވެސް ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ސިޔާމްގެ މައްސަލަ ލަސްވާނަމަ، ކޯޓުތަކާބެހޭ ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަށް ލިބިގެންވާ ބާރަކީ މައްސަލަ އަވަސްކުރުމަށް މަސައްކަތް ކުރެއްވުން ކަމަށް ޝަމީމް ވިދާޅުވި އެވެ. އެ ބާރުގެ ތެރޭގައި ގާޒީގެ އަތުން މައްސަލަ ނެގުން ނުހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަމީރުގެ އަތުން މައްސަލަ ނެގީ އެ މައްސަލަ ކުރިއަށް ގެންދިއުން ލަސްވެގެން ކަމެއް އެނގެން ނެތް. އެހެން ސަބަބުތަކެއް [ސިޔާމް] ނަގާފައި އޮތީ. މައްސަލަ ލަސްވެގެން މައްސަލަ އަނބުރާ ނުއެއް ނެގޭނެ. މައްސަލަ އަވަސް ކުރެވޭނެ ގޮތަށް ފިޔަވަޅުތައް އަޅަން [އިސް ގާޒީއަށް] ޖެހޭނީ. އެ ނޫން ކަމެއް ނުކުރެއްވޭނެ،" ޝަމީމް ވިދާޅުވި އެވެ.
މިކަމުގައި އަބްދުﷲ ގާޒީގެ މައްސަލަ، ސަމީރަށް ވެސް ނުވަތަ އާންމު ފަރުދަކަށް ވެސް ޖޭއެސްސީ އަށް ހުށަހެޅިދާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ސަމީރު ސުލޫކާ ހިލާފު ކަމެއް ކުރައްވާފައިވާ ނަމަ އެކަން ވެސް ބަލަންޖެހޭނީ ޖޭއެސްސީން ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ސަމީރަށް އަންގާފައިވަނީ ސިޔާމްގެ މައްސަލައިގެ ފައިލް އެ ކޯޓުގެ އިސް ގާޒީއާ ހަވާލުކުރުމަށެވެ. އެގޮތަށް އެންގީ ސަމީރު ބަދަލުކޮށްދިނުމަށް އެދި ސިޔާމް، އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒަށް ފޮނުއްވި ސިޓީއާ ގުޅިގެން، ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވި ފަހުންނެވެ.
ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާ ސޮއިކުރައްވައި ސަމީރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ސިޔާމްގެ މައްސަލައިގެ ފައިލް ނަގަނީ ކޯޓުތަކާބެހޭ ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން އިސް ގާޒީ އަށް ލިބިދޭ ބާރުތައް ތަންފީޒުކުރުމަށާއި ސުޕްރީމް ކޯޓުގެ ސިޓީގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން ކަންތައްތަކެއް ކަމެއް އަދިވެސް ހާމައެއް ނުކުރެ އެވެ.
ސަމީރު ބަދަލުކޮށްދިނުމަށް އެދި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އަށް ސިޔާމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ އޭނާއާ މެދު ގާނޫނުގެ ބޭރުން އަމަލު ކުރައްވަފާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ގާޒީގެ އަތާއި މޫނުގެ އިޝާރާތުން އެގޮތަށް ދޭހަވާ ގޮތްތަކެއް ހުރުމުން އެ ޝަކުވާ އެ ކޯޓުގެ އިސް ގާޒީއާ ހިސާބަށް ވެސް ގެންގޮސްފައިވާ ކަމަށް ސިޔާމްގެ އެ ސިޓީގައި ބުނެފައިވެ އެވެ. އެކަމާ ގުޅިގެން އެ ގާޒީ ސިޔާމާ މެދު ނުރުހުންތެރިވެ، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ހަރުކަށި އަދަބެއް އިއްވަފާނެ ކަމަށް، ލިބިފައިވާ މައުލޫމާތުތަކުން އެނގިފައިވާ ކަމަށް ވެސް ސިޔާމް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ