ނާޒިމްގެ އިސްތިއުނާފީ މައްސަލަ ހައި ކޯޓުން ބަލައިގެންފި
ދައުލަތާ ދެކޮޅު ހަރަކާތެއް ހިންގަން އުޅޭ ކަމުގެ ތުހުމަތުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރާއި އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފީ މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ.ހައި ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އިއްޔެ ހުށަހެޅި މައްސަލަ ބަލައިގެންފައިވާ ކަމަށާއި ނަމަވެސް އެ މައްސަލަ އަދި ޝެޑިލް ނުކުރާ ކަމަށެވެ. ނާޒިމް ދިރިއުޅުއްވާ ގެއަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ފުލުހުން ވަދެ އޭނާ ހައްޔަރުކުރީ، ޖެނުއަރީ 17 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅުއްވާ ކޮޓަރިން ހަތިޔާރުތަކެއް ފެނުނު ކަމަށް ބުނާ މައްސަލާގައި ތަހުގީގު ނިންމައި ދައުވާ ކުރަން ޕީޖީ އޮފީހަށް މިދިޔަ އާދީއްތަ ދުވަހު ފޮނުވާފައި ވަނިކޮށެވެ. ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި، ތިން ވަޒަނުގެ އިތުރުން ގޮވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މައްސަލާގައި މިދިޔަ މަހުގެ 20ގައި ނާޒިމް މިނިސްޓަރު ކަމުން ވަކިކުރި އެވެ.ނާޒިމްގެ ވަކީލުންގެ ޓީމުން ބުނެފައި ވަނީ ނާޒިމް ހައްޔަރުކުރުމާއި ގެ ބަލައި ފާސްކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ.މުޖުތަމައަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ބަލައި ނާޒިމް 15 ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އިއްޔެ ކޯޓުން އަމުރު ނެރުނު އިރު ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކި ފަރާތްތަކާ ގުޅިގެން މިހާރުގެ ވެރިކަން ބަދަލުކޮށްލަން ނާޒިމް ރާވާފައިވާ ކަމުގެ ސިއްރު މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ