މޫސުން ގޯސްވެ ނ.އަތޮޅުން ލ.އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ރާއްޖެއަށް މޫސުން ގޯސްވެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑުބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލުނެރެފައިވަނީ ނ.އަތޮޅުން ފެށިގެން ލ.އަތޮޅަށެވެ.
މެޓް އޮފީހުން މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ 13:00 އިން 17:00 އަށެވެ. މި ވަގުތުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށްވަނީ ލަފާކޮށްފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ މިވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެތީ ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެންމެ ބޯކޮށް ވިލާ ދައްކަނީ މެދުރާއްޖެ ތެރެއާއި އުތުރުގެ ރަށްތަކަށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެހެންކަމުން ބޯކޮށް ވިއްސާރަ ކުރާނީ މި ސަރަހައްދުތަކަށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ނަމަވެސް ދެކުނުގެ ރަށްތަކަށްވެސް ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ. ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވެސްވަނީ ވިއްސާރައިގެ ސަބަބުން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުއްވުމަށް އިލްތިމާސްކުރައްވާފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއް ކަމަށާއި، ވިއްސާރަ ދެން ދާނީ އަލިވާން ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އެގޮތުން އަންނަ މަހުގެ ކުރީކޮޅު ވިއްސާރަ އަލިވާނެ ކަމަށް އެއިދާރާއިންވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ