ވަޒީރުންނަށް ރުހުން ނުދޭން އުޅެނީ ގައުމު އިނދަ ޖައްސާލަން: ގާސިމް

ގައުމު ދަރަނިވެފައި އޮތް މިހާލަތުގައި އިދިކޮޅު މެމްބަރުން ވަޒީރުންނަށް ރުހުން ނުދީ، "ޖެއްސުން ކުރުން" ބަލައިނުގަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު ޕާޓީތަކުން ނިންމާފައި އޮތް އޮތުމަކީ ގައުމު އިނދަ ޖައްސާލާން ނިންމި އަމިއްލަ އެދުން އިސްކުރުމުގެ ނިންމުމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައި ގައި ވާހަކަދައްކަވަމުން ގާސިމް ވަނީ އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ގާސިމް ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ގެއްލުނީ ރައްޔިތުންގެ އިތުބާރު ގެއްލުމުން ކަމަށެވެ. އެހެންކަމުން ވަޒީރުންނަށް ރުހުން ދޭން ނުޖެހޭ ސަބަބެއް ފެންނަން ނެތް ކަމަށެވެ."ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީމާ ހިތައް އެރިހާ ގޮތަކަށް، ރައްޔިތުންނަށް ތިބޭފުޅުން [އެމްޑީޕީ] ގެ ސަރުކާރަށް އިތުބާރު ނުކުރާތީއޭ ވަކި ބޭފުޅަކު ހޮވާފަ މިވަނީ. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ބޭފުޅުންނަށް ރުހުން ނުދިމަކީ ގައުމު އިނދަ ޖައްސާލުމާ ގައުމު ހަލާކުކޮށްލަން ތިބޭފުޅުން ކުރައްވާ މަސައްކަތް،" ގާސިމް ވިދާޅުވި އެވެ.ގާސިމް ވިދާޅުވީ ރައީސް މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވަނީ ތައުލީމީ ގާބިލް ބޭފުޅުން ކަމަށެވެ. މީގެ ކުރީގެ ސަރުކާރުތަކުގެ ކެބިނެޓަށް ރުހުން ދީފައި އޮތް ތަރުތީބަށް ބެލުމުން ވެސް މިހާރުގެ ކެބިނެޓަށް ރުހުން ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.ގައުމު ދަރަނިވެފައި އޮތް މިހާލަތުގައި އިދިކޮޅު މެމްބަރުން ވަޒީރުންނަށް ރުހުން ނުދީ، "ޖެއްސުން ކުރުން" ބަލައިނުގަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ގައުމު ހަލާކުކޮށްލުމަށްޓަކާ ރައްޔިތުން ވަކި ގޮތެއް ނިންމާފަ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެތައް ބޮޑު ޕަސެންޓަކުން، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ތިބޭފުޅުންނަށް އޮއްވާ މިހުރިހާ ކަމެއް ހަލާކުކޮށްލާފަ އަނެއްކާ ދެން ވެސް އިތުރަށް ހަލާކުކޮށްލަން އުޅޭނެ ކަމެއް ނެތޭ ޑިމޮކްރެޓުންނޭ ކިޔާ ބަޔަކު މިތަނަށް ނުކުމެގެން،" އެމްޑީޕީ އަދި ޑިމޮކްރެޓްސްއަށް ގާސިމް ފާޑުވިދާޅުވި އެވެ.ގާސިމް އެހެން ވިދާޅުވީ، ބައެއް ވަޒީރުންނަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސްގެ ފަރާތުން މިއަދު ތްރީ ލައިން ވިޕެއް ނެރެފައި ވާތީ އެވެ. ގާސިމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދީފިނަމަ ފުރަގަސް އެ ދެވުނީ ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ކަމަށެވެ. އެއަށް ފަހު އަނެއް ދައުރަށް މަޖިލީހަށް ކުރިމަތި ލައިގެން ރައްޔިތުންގެ ކުރިމައްޗަށް ވޯޓް ހޯދަން ނުދާން ވެސް ގޮވައިލެއްވި އެވެ.ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ފާޑުވިދާޅުވިއިރު ގާސިމް އަކީ އެ ސަރުކާރުގެ ކޯލިޝަން މެމްބަރެކެވެ. ރައީސް މުއިއްޒުގެ ސަރުކާރުގައި ރަސްމީ ބައިވެރިވުމެއް ނެތަސް ސަރުކާރާއި ގާސިމާއި ގުޅުން ރަނގަޅެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ