ހުކުރު ދުވަހު ހުޅުވި ރަސްފަންނު ފަޅުތެރެއަށް ކަޅުތެޔޮ ވަންނާތީ ބަންދުކޮށްފި

މަރާމާތަށްފަހު ހުކުރު ދުވަހުގެ ހެނދުނު އާންމުންނަށް ހުޅުވާލި މާލޭގެ ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ފަޅުތެރެއަށް ކަޅުތެޔޮ ވަދެފައިވާތީ، އެ ސަރަހައްދު އަނެއްކާވެސް ވަގުތީގޮތުން ބަންދުކޮށްފިއެވެ. މި ސަރަހައްދު ބަންދުކުރީ ރަސްފަންނާ ދިމާ ކަނޑުން ފަޅުތެރެއަށް ތެޔޮ ވަދެ، މޫދު ތަގައްޔަރުވުމާ ގުޅިގެންނެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ، މި ސަރަހައްދު ސާފުކޮށް ނިމެންދެން ރަސްފަންނު ސަރަހައްދަށް މޫދަށް ނޭރުމަށް އާންމުންނަށް އިލްތިމާސްކުރާ ކަމަށެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު ހުކުރު ދުވަހު އަލުން ހުޅުވާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިމާވި މައްސަލައެކެވެ. ސިޓީ ކައުންސިލުން ބުނީ ރަސްފަންނު މޫދަށް އެރޭ ސަރައްހައް ވަދެފައިވާ ކަޅުތެޔޮތައް ނަގާ ނިމުމުން އަލުން ހުޅުވާލާނެ ކަމަށެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި އެތަން ހުޅުވާލާނެ ކަމަށް ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވިއެވެ. https://sun.mv/223237 މިދިޔަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ރަސްފަންނު ބަންދުކޮށްގެން ކުރިއަށްގެންދިޔަ މަރާމާތުގެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށްފަހު، ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން އެ ސަރަހައްދު ބޭނުންކުރެވޭނެ ކަމަށް އިއުލާނު ކުރީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އާންމުކުރި އިއުލާނެއްގައިއެވެ. މިއީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ރަސްފަންނުގެ އުތުރު ފަރާތުގައި ހާއްސަ ފެންހިންދާ ނިޒާމެއް ގާއިމުކޮށް، ކުރިން ޖަހާފައިވާ ހިލަތޮށި އެއްކޮށް ނަގައި، މޫދު ފެން ރަނގަޅަށް ދައުރުވާނެ ގޮތަށް އޮއިދެމޭ ހޮޅިތަކެއް ހިމަނައިގެން އަލުން ވަނީ ހިލަތޮށި ޖަހާފައެވެ. މީގެ ބޭނުމަކީ މީގެ ކުރިން ދިމާވަމުންދިޔަ ފެން ތަޣައްޔަރުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. ރަސްފަންނަކީ މާލޭގެ ގިނަ ބަޔަކު މޫދަށް އެރުމަށް ބޭނުންކުރާ ސަރަހައްދަކަށް ވީނަމަވެސް، މީގެ ކުރިން ފެން ދައުރުނުވުމާއި ކައިރީގައި ހުންނަ ފާހާނާ ހޮޅިތަކުގެ މައްސަލައާ ހެދި ގިނަ ފަހަރު އެ ސަރަހައްދު ބަންދުކުރަން ޖެހެއެވެ. އަދި އެ ސަރަހައްދު ގިރައިގެން ގޮސް، އުމްރާނީ ވަސީލަތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް މީގެ ކުރިން ލިބިފައިވެއެވެ. މިހާރު ދިމާވެފައިވާ ތެލުގެ މައްސަލަ ހައްލުކޮށް، ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ