އާބާދީ ކުޑަ ކިއުރުސާއޯ ގޮވައިގެން 78 އަހަރުގެ އެޑްވޮކާޓް ރެކޯޑް ހަދައިފި

ހިއުސްޓަން (ޖޫން 15) - ފީފާ ވޯލްޑް ކަޕެއްގައި ކުޅުނު އެންމެ އާބާދީ ކުޑަ ގައުމު ގޮވައިގެން މުބާރާތުގެ މެޗަކަށް ނުކުތް، އުމުރުން 78 އަހަރުގެ ނެދަލެންޑްސްގެ ކޯޗު، ޑިކް އެޑްވޮކާޓް، މުބާރާތުގެ މެޗެއްގައި އިރުޝާދުދިން އެންމެ ދޮށީ ކޯޗުގެ ރެކޯޑް ހަދައިފި އެވެ. 
ރޭ ޖަރުމަނުން ކިއުރުސާއޯ އަތުން 7-1 އިން މޮޅުވި މެޗާ ހަމައަށް ބަލާއިރު، ވޯލްޑް ކަޕެއްގައި މަސައްކަތްކުރި އެންމެ ދުވަސްވީ ކޯޗުގެ ރެކޯޑް އޮތީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕްގައި، ގްރީސް ޓީމަށް ކޯޗުކޮށްދިން އޮޓޯ ރެހެގާލް އަތުގަ އެވެ. އެކަމަކު، ރޭގެ މެޗަށް ފަހު އެ ރެކޯޑްގެ ހައްގުވެރިއަކީ އެޑްވޮކާޓް އެވެ. އެއީ، 78 އަހަރާއި 260 ދުވަސް ފުރުނުއިރު، ވޯލްޑް ކަޕްގެ މެޗެއްގައި އިރުޝާދުދީގެންނެވެ. 
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ޖެހިޖެހިގެން ދެ ފަހަރު ބަލިވެފައިވާ ޖަރުމަނުން، މި ފަހަރުގެ މުބާރާތް ކިއުރުސާއޯ އަތުން މޮޅުވެ ވަރުގަދަކޮށް ވަނީ ފަށައިފައި. ޖަރުމަނުގެ ލަނޑުތައް އެންމެޗާ، ޝްލޮޓަބެކް، ހަވާޓްޒް އަދި މުސިއާލާ ކާމިޔާބުކޮށްދިންއިރު، މިއީ ފާއިތުވި ދެ މުބާރާތުގެ ނާކާމިޔާބީއަށް ފަހު އެ ގައުމުން ހޯދި މުހިންމު މޮޅެއް.
އާބާދީގައި އެންމެ 160،000 މީހުން ދިރިއުޅޭ ކިއުރުސާއޯ، ވޯލްޑް ކަޕާ ހަމައަށް ގެނައުމުގައި، 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ނެދަލެންޑްސް އަށް ކޯޗުކޮށްދިން އެޑްވޮކާޓް މުހިންމު ދައުރެއް އަދާކުރި އެވެ. މާނަ އަކީ، އެޑްވޮކާޓް މި ވަނީ، އެންމެ ފުރަތަމަ ވޯލްޑް ކަޕުގައި މަަސައްކަތްކުރިތާ 32 އަހަރު ފަހުން ވެސް އެ ލެވަލްގައއި މަސައްކަތް ކުރުމުގައި ދެމިހުރެފަ އެވެ. 
ތިން ފަހަރެއްގެ މަތިން ނެދަލެންޑްސްގެ ގައުމީ ޓީމަށް އިރުޝާދުދިން އެޑްވޮކާޓް، ކިއުރުސާއޯގެ ކޯޗުކަމާ ހަވާލުވީ، 2024 ވަނަ  އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އޭރު އެ ގައުމުގެ މަދު މީހަކު ނޫނީ ހުވަފެނުން ވެސް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ކަންކަން ނުދެކެ އެވެ.
ވޯލްޑް ކަޕަށް ކިއުރުސާއޯ ކޮލިފައިކޮށްދިނުމަށް ފަހު، އަންހެން ދަރިފުޅު ބަލިވެ އުޅޭތީވެ، އާއިލާ އަށް ވަގުތުދޭން ކިއުރުސާއޯގެ ކޯޗުކަން ފެބްރުއަރީ މަހު ދޫކޮށްލި އެވެ. އެކަަމަކު، ކިއުރުސާއޯގެ ކޯޗަކަށް ގެނައި، ފްރެޑް ރުޓެން، މައްސަަލަތަކަކާ ގުޅިގެން ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދިނުމުން އެޑްވޮކާޓް އަލުން އެ ޓީމަށް އެނބުރިއައީ އެވެ. އެއީ، ދަރިފުޅުގެ ސިއްހީ ހާލަތު ރަނގަޅުވަމުން އަންނާތީއާ އެކު އެވެ. 
ރޭގެ މެޗުގައި ކިއުރުސާއޯގެ ގައުމީ ސަލާމް ކީ ވަގުތުގައި އެޑްވޮކާޓްގެ ލޮލުން ކަރުނަ އޮހުނެވެ. މެޗަށް ފަހު އޭނާ ވަނީ، އެއީ ވަރަށް ޖަޒުބާތީ ވަގުތުކޮޅެއް ކަމަށް ބުނެފަ އެެވެ. އަދި، 40 އަހަރުވެފައިވާ ކޯޗިން ކެރިއަރުގައި ކުރެވުނު އެންމެ އާދަޔާހިިލާފު މަސައްކަތަކީ ކިއުުރުސާއޯ ގޮވައިގެން ވޯލްޑް ކަޕަށް ކޮލިފައިވުން ކަމަށް އެޑްވޮކާޓް ވަނީ ބުނެފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ