ފުޓްބޯޅަ ކުޅުންތެރިން ޒަމާނުއްސުރެ އަރާ ބޫޓުގެ ކުލަ އަކީ ކަޅު ކުލަ އެވެ. ނަމަވެސް ޒަމާނާއެކު އައި ބަދަލުގެ ތެރެއިން މި ފަހުން ތަފާތު ކުލަކުލައިގެ ބޫޓުގައި ކުޅުމަކީ ފެޝަނެކެވެ. އެކަމަކު އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގައި މި ފެޝަން ވަނީ މުޅިން އެއް ކުލަވެފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި މިހާތަނަށް 12 މެޗު ކުޅެފި އެވެ. މުބާރާތުގައި ވާދަކުރާ 48 ގައުމުގެ ތެރެއިން ބައެއް ގައުމުތައް އަދި މެޗެއް ނުކުޅެ އެވެ. އެކަމަކު މެޗުތައް ބައްލަވާ ބޭފުޅުންނަށް އެންމެ އަޅައިގަންނާނެ އެއް ކަމަކީ މަދު ކުޅުންތެރިއަކު ފިޔަވައި އެހެން އެންމެން ފިޔާތޮށި ކުލައިގެ ބޫޓަށް އަރައިގެން އުޅޭތީ އެވެ. މޮރޮކޯ އާއި ބްރެޒިލް އެއްވަރުވި މެޗުގައި ބްރެޒިލްގެ ހުރިހާ ކުޅުންތެރިންނާއި މޮރޮކޯގެ ގިނަ ކުޅުންތެރިން ތިބީ ފިޔާތޮށި ބޫޓުގަ އެވެ. ކޮރެޔާގެ އާއި ޕެރަގުއޭ އާއި މެކްސިކޯގެ ކުޅުންތެރިން ވެސް މިފަދައިންނެވެ. އެމެރިކާގެ ގިނަ ކުޅުންތެރިންގެ ބޫޓުގެ ކުލަ އަކީ ފިޔާތޮއްޓެވެ. މި ނޫނަސް ފިޔާތޮށި ބޫޓުގައި ތިބި ކުޅުންތެރިން މަދެއް ނޫނެވެ. މީގެ ސަބަބަކީ ކޮބާ ހެއްޔެވެ؟
ވޯލްޑް ކަޕުގައި ކުޅޭ 1200 އަށްވުރެ ގިނަ ކުޅުންތެރިންގެ ބޫޓު ތައްޔާރު ކޮށްފައިވަނީ މައިގަނޑު ފަސް ކުންފުންޏަކުންނެވެ. އެއީ ކުޅިވަރު ސާމާނު އުފައްދަން މަޝްހޫރު އެޑިޑާސް އާއި ނައިކީ އާއި ޕޫމާ އާއި ސްކެޗާސް އަދި ނިއު ބެލެންސެވެ. މި ހުރިހާ ބްރޭންޑްތަކުން ވެސް ކުޅުންތެރިންނަށް ގިނައިން ފޯރުކޮށްދީފައިވަނީ އެކި ވައްތަރުގެ ފިޔާތޮށި ބޫޓެވެ. އެހެން ފަހަރުތަކާ ހިލާފަށް މި ވޯލްޑް ކަޕުގައި ފިޔާތޮށި މިހާ ހާއްސަ ވެގެން އުޅެނީ ކީއްވެ ހެއްޔެވެ؟
އިނގިރޭސިވިލާތުގެ ބޫޓު އުފައްދާ ބީޑަބްލިޔު ކުންފުނީގެ ފައުންޑަރ ބެން ވްރަން ބުނީ ހުރިހާ ކުންފުނިތަކުން ތަފާތު ސްޓައިލްގެ ބޫޓު އުފައްދާ ކަމަށާއި ވޯލްޑް ކަޕާ ދިމާކޮށް ހުރިހާ ކުންފުންޏަކުން ވެސް އިސްކަންދިނީ ފިޔާތޮށި ކުލައަށް ކަމަށެވެ. މިވާހަކަ އިތުރަށް ސާފުކޮށްދިނީ ނައިކީ ކުންފުނިންނެވެ. އެ ކުންފުނީގެ ގްލޯބަލް ޑައިރެކްޓަރު އޮޑިންގާ ނިމަކޯ ބުނީ ކޮންމެ މުބާރާތަށް ފަހު ކުޅުންތެރިންނާއި އާއްމުންގެ ހިޔާލު ހޯދައި ބޫޓުތަކުގެ ބައްޓަމާއި ކުލައަށް ވެސް ބަދަލު ގެންނަމުންދާ ކަމަށެވެ. މި ގޮތުން ފާހަގަ ކުރެވުނީ ގިނަ މީހުންނަށް ކަމުދަނީ އަލިގަދަ ކުލަތައް ކަމަށެވެ. ސަބަބަކީ ކުލައިގެ ސަބަބުން ބޫޓަށް އަރައިގެން ހުންނަ މީހާގެ އިތުބާރު ބޮޑުކޮށްދޭތީ އެވެ. ވޯލްޑް ކަޕަށް ބޫޓު އުފެއްދުމުގައި އަލިގަދަ އަދި ދުރަށް ފެންނަ ކުލަތަކަށް ކުންފުނިތަކުން އިސްކަންދިނީ މިހެންވެ އެވެ.
ފިޔާތޮށި ކުލަ ހާއްސަވި މައިގަނޑު ސަބަބަކީ މެޗުތައް ކުޅޭ ދަނޑުގެ ވިނަގަޑުގެ ކުލަ ފެއްސަށްވުމެވެ. ކުންފުނިތަކުން ކުރި ސައިންޓްފިކް ތަހުލީލުތަކުން އެނގުނީ ފެހި ވިނާގައި ކޮންމެ ޖާޒީގައި އެއްގައި ކުޅުންތެރިޔާ ހުއްޓަސް ހަމަލޮލަށާއި ޓީވީން މެޗުތައް ބަލާއިރު ބޫޓު އެންމެ ރީއްޗަށް ފެންނާނެ ކުލައަކީ ފިޔާތޮށި ކުލަކަމަށެވެ. ރޭގަނޑުގެ ބޮކި އައްޔާއި އިރުގެ ގަދަ އަވީގައި ކުޅުނަސް އެހެން ހުރިހާ ކުލައަކަށްވުރެ ދަނޑު މަތީގައި ފިޔާތޮށި ކުލަ ފާޅުވާލެއް ބޮޑެވެ. ނައިކީން ބުނީ އެންމެން ފިޔާތޮށްޓާ ހެދި އުޅެގަތީ މިހެންވެ ކަމަށެވެ.
އެކަމަކު ވޯލްޑް ކަޕް ކުޅޭ އެންމެ މަޝްހޫރު ބައެއް ކުޅުންތެރިންގެ ބޫޓުގެ ކުލަ ތަފާތުވާނެ އެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށް އެޑިޑާސް އިން ތައްޔާރު ކޮށްދީފައިވާ އެލް އަލްޓިމޯ ޓެންގޯ ބޫޓުގެ ކުލައަކީ ހުދާއި މަޑު ނޫލަ އެވެ. މިއީ އާޖެންޓީނާގެ ކުލަތަކެވެ. އަދި އާޖެންޓީނާގެ ޖާޒީގައިވާ ރަންފަށަށް ނިސްބަތްކޮށް ބޫޓުގެ އަރިމަތީގައި ވަނީ ރަނުގެ ތިން ފަށް ދަމާލައިފަ އެވެވެ. މެސީ އަށް ތައްޔާރުކުރި ދެ ވަނަ ބޫޓުގެ ކުލައަކީ ރަނާއި އޮރެންޖެވެ. މި ބޫޓު ތައްޔާރު ކޮށްފައިވަނީ ދުވާލުގެ އަލި އެޅުމުން ބޫޓަށް އިތުރު ފުރިހަމަކަން ގެނުވާނެ ގޮތަށެވެ. އަދި މިއީ ފޮޓޯ އާއި ވީޑިއޯއިން ފެންނައިރު ވެސް ކުރީ ބޫޓުތަކަށްވުރެ ރީތި ހިތްގައިމު ބޫޓަކަށްވާނެ ކަމަށް އެޑިޑާސްއިން ބުނެ އެވެ.
އެމެރިކާގެ ކްރިސްޓިއަން ޕުލިސިޗް އަރާނީ ހުދާއި ނޫލައިގެ ބޫޓަކަށެވެ. މި ބޫޓުގައި ކުރަހާފައިވާ ތަރިތަކާއި ރަތް ފަށުން ރަމްޒުކޮށްދެނީ އެމެރިކާގެ ދިދަ އެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް އަރާނީ ރަންކުލައިގެ ބޫޓަކަށެވެ. މިއީ ފުޓްބޯޅައިގައި އޭނާ ހާސިލްކޮށްފައިވާ ކާމިޔާބީތަައް ރަމްޒުކޮށްދޭ ތައްޔާރުކުރި ބޫޓެކެވެ. އެކަމަކު އަދަދު ނުކުރެވޭހާ ގިނަ ބޫޓުތަކާއެކު ފިޔާތޮށި އެވަނީ މުޅި ދަނޑު ހިސާރުކޮށްފަ އެވެ. ނަމަވެސް އެއް ކަމެއް ބަދަލެއް ނުވާނެ އެވެ. ފީފާއިން ބުނީ ރެފްރީން ބޭނުން ކުރާނީ ޒަމާންވީ ކަޅު ބޫޓު ކަަމަށެވެ
ވޯލްޑް ކަޕުގައި އެންމެން މިއަރަނީ ފިޔާތޮށި ބޫޓަށް. ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ