އޮމަދޫ ސްކޫލް މަރާމާތުކުރުމަށް ޖަޕާނުން 1.2 މިލިއަން ރުފިޔާގެ އެހީ ދީފި

ތ. އޮމަދޫ ސްކޫލް މަރާމާތުކުރުމަށް ޖަޕާނު ސަރުކާރުން 80،731 ޑޮލަރު ނަވަތަ 1.2 މިލިއަން ރުފިޔާގެ އެހީދީފިއެވެ. މިކަމަށްޓަކައި މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނު ސަރުކާރުގެ ފަރާތުން އޮމަދޫ ސްކޫލަށް ދެއްވި އެހީގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރިއެވެ. އޮމަދޫ ސްކޫލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް ހަސަން އާމިރެވެ. ޖަޕާނު ސަރުކާރުން އޮމަދޫ ސްކޫލަށް ދިން މި އެހީއަކީ ޖަޕާނުގެ "ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް، ޖީޖީޕީ" ސްކީމުގެ ދަށުން ދިން އެހީއެކެވެ. މިއެހީގެ ދަށުން އޮމަދޫ ސްކޫލް އަޕްގްރޭޑްވެ ނިމޭއިރު، އެ ސްކޫލުގައި ކިޔަވަމުންދާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ބޭނުންކުރުމަށް ފަސޭހަ ފާޚާނާއެއް ހުންނާނެއެވެ. އަދި ކާރިސާއެއް ކުރިމަތިވެއްޖެ ނަމަ ވަގުތީ ބޯހިޔާވަހިކަން ސްކޫލް ފޯރުކޮށްދެވޭނެއެވެ. ޖަޕާނުގެ "ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް، ޖީޖީޕީ" ސްކީމުގެ ދަށުން 1996 އިން ފެށިގެން އެގައުމުން އަންނަނީ ރާއްޖެއަށް އެހީތެރިކަން ދެމުންނެވެ. މީގެ ތެރޭގައި ހަކަތައިގެ ދާއިރާ، ދަތުރުފަތުރުގެ އިތުރުން ސިއްޙީ ދާއިރާ ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ