ހޮރުމޫޒް ކަނޑުއޮޅީގެ މަގުތައް ބަދަލުކުރަން އުޅެފި ނަމަ މަސްރަހު އިތުރަށް ގޯސްވާނެ: އީރާން

އެމެރިކާއާ އެކު އެއްބަސްވެގެން ހޮރްމޫޒް ކަނޑުއޮޅީގައި ކަނޑައަޅާފައިވާ މަގުތައް ބަދަލުކުރަން ކުރާ ކޮންމެ މަސައްކަތުން މެދުއިރުމަތީގެ ނުތަނަވަސްކަން އިތުރުވާނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާދީއްތަ ދުވަހު އިންޒާރު ދެއްވައިފި އެވެ.
މި އިންޒާރު އައިސްފައިވަނީ، ހަމަލާ ބަދަލުކުރުން މެދުކަނޑާލަން ވެފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އީރާނާއި އެމެރިކާއިން އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުކޮށް، ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ހަނގުރާމައިގެ ފުރަތަމަ ދުވަހު އެމެރިކާ އާއި އިޒްރޭލުން ހަމަލާދީ އަވަހާރަކޮށްލި އީރާނުގެ ރޫހާނީ އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް އަންނަ މަހުގެ 8 ވަނަ ދުވަހު އިރާގުގައި ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށް އިރާގުގެ ވެރިރަށް ބަޣުދާދަށް ކުރެއްވި ޒިޔާރަތުގައި އަރާގްޗީ ވަނީ ގަލްފުގެ ގައުމުތަކާ އެކު ސަލާމަތީ އޮނިގަނޑެއް އެކުލަވައިލުމަށް ވެސް ގޮވާލައްވައިފަ އެވެ.
"އީރާނުން މިހާރު އަމަލުކުރަމުންދާ އިންތިޒާމުތަކާ ހިލާފަށް، އާ ނުވަތަ ވަކި އިންތިޒާމުތަކެއް ހަމަޖައްސަން ކުރާ ކޮންމެ މަސައްކަތެއްގެ ސަބަބުން މަސްރަހު އިތުރަށް އޮޅުންބޮޅުންވެ، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުން ލަސްވެގެންދާނެ. އަދި ވޭތުވެދިޔަ ދެ ރޭ އަހަރެމެންނަށް ފެނުނު ފަދައިން ނުތަނަވަސްކަން އިތުރުވެގެންދާނެ،" ނޫސްވެރިންގެ ބައްދަލުވުމެއްގައި އަރާގްޗީ ވިދާޅުވި އެވެ.
ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރު މޮނިޓާކުރާ ޕްލެޓްފޯމްތަކުން ހުކުރު ދުވަހު ދެއްކި ގޮތުގައި، އީރާނުން ހުއްދަދީފައިނުވާ މަގަކުން އުޅަނދުތައް ދަނީ އެ ސަރަހައްދުން ދަތުރުކުރަމުންނެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އޭގެ ކުރީ ދުވަހު ބުނެފައިވަނީ އުމާނާއި ބައިނަލްއަގުވާމީ މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން އެ އާ މަގު އިއުލާނުކުރީ އީރާނާ މަޝްވަރާކުރުމެއް ނެތި ކަމަށާއި، އެ މަގުން ދަތުރު ނުކުރުމަށް އުޅަނދުތަކަށް އިންޒާރުކުރާ ކަމަށެވެ.
އަރާގްޗީގެ މި ވާހަކަ ދެއްކެވީ ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރި އުޅަނދަކަށް ދިން ހަމަލާއަކަށް ރައްދުދިނުމުގެ ގޮތުން އެމެރިކާ ސިފައިން ހޮނިހިރު ދުވަހު އީރާނުގެ އެކި އަމާޒުތަކަށް އަލުން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނުމާ ގުޅިގެންނެވެ. އީރާނުން ވަނީ މީގެ ރައްދުގައި ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފަ އެވެ.
މި ފަހުން ހިނގި ކުރިމަތިލުންތަކުގެ ސަބަބުން، ފެބުރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރިއަށްދާ މަޝްވަރާތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އަރާގްޗީ ވަނީ ހުރިހާ ފަރާތްތަކަކުން ވެސް ވަގުތީ އެއްބަސްވުމަށް ބޯލަނބައި، އެ އެއްބަސްވުން އޭގެ މަގުން ކައްސާލިޔަނުދިނުމަށް ގޮވާލައްވައިފަ އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ، ސަރަހައްދުން ބޭރުގެ އެއްވެސް ގައުމެއްގެ ނުފޫޒެއް ނުވަތަ ބައިވެރިވުމެއް ނެތި، ސަރަހައްދުގެ ހުރިހާ ގައުމުތައް ހިމެނޭ ސަލާމަތީ އޮނިގަނޑަކަށް ވާސިލުވާންޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ