އޯކްލޭންޑް، ނިއު ޒީލެންޑް (ޖޫން 29) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ކޭޕް ވާޑް ޓީމުގެ ކެޕްޓަން، ރަޔާން މެންޑޭސްގެ މައްޗަށް ނިއު ޒީލެންޑުގެ އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުކޮށް މަައްސަލަ ބަލަން ފަށައިފި އެވެ.
މުޅިން އަލަށް ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ކޭޕް ވާޑުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައި ވަނީ ސްޕެއިން، އުރުގުއޭ އަދި ސައުދީ އަރަބިއްޔާއާ އެއްވަރުކޮށްފަ އެވެ. އެ ތިން މެޗުގައި ވެސް ޓީމުގެ ކެޕްޓަންކަން ކުރި 36 އަހަރުގެ މެންޑޭސް ދެން އެ ޓީމު ގޮވައިގެން ގަދަ 32 ޓީމުގެ ބުރުގައި ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ.
އެކަމަކު، އެ މެޗަށް ދިއުމުގެ ކުރިން، މެންޑޭސްގެ މައްޗަށް ނިއު ޒީލެންޑުގެ އަންހެނަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ވަނީ މައްސަލަ ބަލަން ފަށައި، އެކަން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.
ބްރެޒިލްގެ ގްލޯބޯ ނިއުސް އިން ރިޕޯޓްކުރާގޮތުގައި، މެންޑޭސްގެ މައްޗަށް ރޭޕްގެ ތުހުމަތުކުރި އަންހެނަކީ، މިދިޔަ މާޗް މަހު ނިއު ޒީލެންޑުން ފީފާ ސީރީސްގައި އެ ގައުމުގެ ކޭޕް ވާޑްއާ ކުޅުނު މެޗު ދުވަސްވަރުގައި، ޓީމުގެ ޓްރާންސްލޭޓަރަކަށް މަސައްކަތްކުރި އަންހެނެކެވެ. އޭނާ ތުހުމަތުކުރާ ގޮތުގައި، މެންޑޭސް ވަނީ ގަދަކަމުން އޭނާގެ ކޮޓަރިއަށް ވަދެ، އޭނާ ރޭޕްކޮށްފަ އެވެ. އަދި، އެކަމަށް ބާރު ދިނުމުގެ ގޮތުން، އެ އަންހެން މީހާ ވަނީ އަނިޔާކޮށްފައިވާ ކަމުގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކެއް ފުލުުހުންނަށް ދީފަ އެވެ.
އެ ތުހުމަތާ އެކު، ނިއު ޒީލެންޑުގެ ފުލުހުން މިހާރު އަންނަނީ އެ ފަހަރު ކޭޕް ވާޑް ޓީމުން ކޭމްޕްކޮށްގެން ތިބި ހޮޓަލުގެ ސީސީޓީވީ ކެމަރާތައް ބަލަން ފަށައިފަ އެވެ. އަދި، ލިބޭ ހެކިތަކަށް ބެލުމަށް ފަހު މެންޑޭސްގެ މައްޗަށް ދައުވާކުރަން ފޮނުވާނެ ކަމަށް ބެލެވެ އެވެ.
ނިއު ޒީލެންޑުގެ މި އަންހެން މީހާ އެންމެ ފުރަތަމަ ފުލުހަށް މި މައްސަލަ ރިޕޯޓްކުރީ މީގެ މަހެއް ކުރިން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ، މި މައްސަލައިގައި އޭނާ އެންމެ ފުރަތަމަ ކޭޕް ވާޑްގެ ފުޓްބޯޅަ އިދާރާ އަށް އެންގުމުން އެކަށީގެންވާ ޖަވާބެއް ނުލިބުމުންނެވެ.
މި މައްސަލައިގައި މެންޑޭސް އާއި ކޭޕް ވާޑުން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައިނުވި ނަމަވެސް، ފީފާ އިން ވަނީ ބަޔާނެއް ނެރެ މި ކަމުގައި، ނިއު ޒީލެންޑްގެ ފުލުހުންނަށް ދެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އެކަމަކު، ފީފާ އިން ވެސް ވަނީ ތަހުގީގު ކުރެވެމުން އަންނަ މައްސަލައެއްގެ ތެރޭގައި މާ ބޮޑަށް ޝާމިލުވެ އެ ވާހަކަތައް ދެެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން ކުޅުންތެރިއަކަށް ރޭޕާ ގުޅޭ މައްސަލައެއްގެ ކަންތައްތަކާ ކުރިމަތިލާން ޖެހޭ ތިން ވަނަ ފަަހަރެެވެ. މީގެ ކުރިން، ގާނާގެ މިޑްފީލްޑަރު ތޯމަސް ޕާޓޭއާ ގުޅޭ ރޭޕް މައްސަލައެއް ބަލަމުން އަންނާތީވެ، ކެނަޑާގައި ކުޅެން ޝެޑިއުލް ކޮށްފައި އޮތް ގާނާގެ ވޯލްޑް ކަޕް މެޗަށް ޕާޓޭ އަށް ގާނާ ވިސާ ނުލިބުނެވެ. އަދި، މީގެ ތިން އަހަރު ކުރިން، ފްރާންސްގެ ޕެރިހުގައި އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތު، މޮރޮކޯގެ ކެޕްޓަން، އަޝްރަފް ހަކީމީގެ މައްޗަށް އުފުލާފައިވާއިރު، ފްރާންސްގެ ޕްރޮސެކިއުޓަރުން ވަނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.
ކޭޕް ވާޑްގެ ކެޕްޓަންގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ