"އައިޝާ" ޑޮކިއުމެންޓަރީ މަނާ ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުން ހައި ކޯޓުން ސިއްރުކޮށްފި

ރައީސް މުހައްމަދު މުއިއްޒަށް ޖިންސީ ތުހުމަތުތަކެއް އަމާޒުވި އަދަދު ނޫހުގެ ޑޮކިއުމެންޓަރީ "އައިޝާ" އާއި އޭގެ ވާހަކަ ދެއްކުން މަނާކޮށް އެންމެހާ ރައްޔިތުންގެ މައްޗަށް ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުން ހައި ކޯޓުން ސިއްރުކޮށްފި އެވެ. 
އެ މައްސަލަ ހައި ކޯޓުގައި ފަށާނީ މިއަދު ހެނދުނު 9:00 ޖަހާއިރެވެ. ނަމަވެސް އެ މައްސަލަ ކުރިއަށްގެންދާނީ ސިއްރިއްޔާތުގައި ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. ކޯޓު އަމުރު އިސްތިއުނާފު ކުރީ މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އެވެ. 
އެ މައްސަލައިގެ ތެރެއަށް މޯލްޑިވްސް ބާ ކައުންސިލުން ވަނީ މިހާރު ތަދައްހުލުވެފަ އެވެ. އެ ކޯޓު އަމުރު ނެރުމުން ވެސް އަމުރާމެދު ކަންބޮޑުވުން ފާޅުކޮށް ބާ ކައުންސިލުން ބަޔާނެއް ނެރުނެވެ. 
ކޯޓު އަމުރު ނެރުނު ފަހުން، މުއިއްޒަށް ކުރެވޭ ތުހުމަތުތަކާމެދު ސުވާލު ކުރުމުން މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ 15 ދުވަހަށް ޖަލަށްލައިފަ އެވެ. އަދި ކޯޓު އަމުރުގެ ހަބަރު ލިޔުނު މި ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް 10 ދުވަހަށް ޖަލަށްލި އެވެ. 
އޭގެ އިތުރުން، ޑޮކިއުމެންޓަރީ މައްސަލައިގައި ސީއީއޯ ފިޔާޒް އާއި މި ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް މުއިއްޒު އަންގަވައިގެން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވަނީ ގަޒުފު ކުރުމުގެ ދައުވާ އުފުލައިފަ އެވެ. 
އޭގެ ކުރިން މި ނޫހުގެ އޮފީސް ފުލުހުން ވަނީ ރެއިޑުކޮށްފަ އެވެ. ރެއިޑުގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ލެޕްޓޮޕް ހިމެނޭ ގޮތަށް 20 އިލެކްޓްރޯނިކް ޑިވައިސް ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ