ބަންގްލަދޭޝްއިން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފި

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20,000 ގަސް ހަދިޔާކޮށްފިއެވެ. މިއީ މިހާތަނަށް ރާއްޖެއަށް ބޭރު ޤައުމަކުން އެންމެ ގިނަ އަދަދަކަށް ގަސް ހަދިޔާކޮށްފައިވާ ފަހަރެވެ. މީގެ ކުރިން އެންމެ ގިނައިން ހަދިޔާކޮށްފައިވަނީ ލަންކާއިން 1,000 ގަހެވެ.
މިއަދު ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން ގަސްތައް ރަމްޒީގޮތުން ރާއްޖެއާ ހަވާލުކޮށްދެއްވިއެވެ. ރާއްޖޭގެ ފަރާތުން ގަސްތަކާ ހަވާލުވެލެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފްއެވެ. ތިން ވަޒީރުން ވެސް މިއަދު ހަވީރު ލޮނުޒިޔާރަތް ޕާކުގައި ގަސް އިންދަވާ ދެއްވާފައިވެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ބަންގްލަދޭޝުން ގަސް ގެނައުމަށް މަގުފަހިކުރުމަށް އެ ޤައުމުގެ ތިމާވެއްޓާ ބެހޭ ވަޒީރާ އެކު މަޝްވަރާކުރެވުނު ކަމަށާއި، އެ މަސައްކަތް ކާމިޔާބުވެފައިވާ ކަމަށެވެ. ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ކަމެއް ފުރިހަމަކޮށްދެއްވުމަކީ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ފާހަގަކުރައްވައި، ބަންގްލަދޭޝަށް ޝުކުރު އަދާކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މި ކަމުގެ ސަބަބުން އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގެ މަޤްސަދަކީ 5 އަހަރުގެ ތެރޭގައި 5 މިލިއަން ގަސް އިންދުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ތިމާވެއްޓާ ގުޅުންހުރި ދާއިރާތަކުން ބަންގްލަދޭޝްއާއި ރާއްޖެއާ އެކުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ބަންގްލަދޭޝުން ހަދިޔާކޮށްފައިވާ ގަސްތަކަކީ ރާއްޖޭގެ ކުރިއަށް އޮތް ޖީލުތަކަށް ފައިދާވާނެ ކަމެއް ކަމަށް ފާހަގަކުރައްވައި، ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވެއެވެ. މި ގަސްތައް ހަވާލުކުރުމުގެ ރަމްޒެއްގެ ގޮތުން ހަވާލުކޮށްދެއްވި 10 ގަހަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ ހެއްކެއް ކަމަށް ވެސް ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި ވެސް ތިމާވެށި ހިމާޔަތްކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރާނަން ކަމަށް ވެސް ބުނެވުނެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން ވިދާޅުވީ، ރާއްޖެއާއި ބަންގްލަދޭޝްއާ ދެ ޤައުމަކީ ދުނިޔޭގެ ތިމާވެށީގެ އަސަރު ފަސޭހައިން ކުރާ ޤައުމުތަކެއް ކަމަށެވެ. މިއަދު ހަދިޔާކޮށްފައިވާ ގަސްތަކުން ރަމްޒުކޮށްދެނީ ވިލުންތެރިކަމާއެކު ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް މަސައްކަތްކުރަމުންދާ ދެ ޤައުމުގެ މަސައްކަތްކަމަށް ކަމަށް ވިދާޅުވިއެވެ. ބަންގްލަދޭޝްއަކީ ސަޤާފީގޮތުން ވެސް އެކުވެރި ޤައުމުތަކަށް ގަސް ހަދިޔާކުރުމުގެ ތާރީހެއް އޮތް ޤައުމެއް ކަމަށް ފާހަގަކުރައްވައި، މި ކަމުން ރަމްޒުކޮށްދެނީ ރާއްޖެއާއި ބަންގްލަދޭޝްއާ އޮތް ގާތްގުޅުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބަންގްލަދޭޝުން ހަދިޔާކޮށްފައިވާ ގަސްތަކުގެ ތެރޭގައި ހިމެނެނީ ތިން ވައްތަރެއްގެ ގަހެވެ. އެއީ ހިޔާދޭ ގަސްގަހާއި، މާ އަޅާ ގަސްތަކުގެ އިތުރުން މޭވާ ގަސްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ