ފީފާގެ ސަސްޕެންޝަނަކާ ކުރިމަތިވުމުގެ ބިރު އޮތް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ އާ އަސާސީ ގަވާއިދު މިއަދު ފާސްކޮށް އެ ފިޔަވަޅާ ދުރަށް ޖެހިލައިފި އެވެ.
ދެން އޮތީ އާ އިންތިހާބު ބޭއްވުމެވެ. އެ އިންތިހާބު 26 ޖުލާގައި ބާއްވަން ވެސް މިއަދު އިއުލާންކުރި އެވެ.
ޖުލައި މަސް ނިމުމުގެ ކުރިން އާ އިންތިހާބެއް ބޭއްވޭ ގޮތް ނުވެއްޖެ ނަމަ ފީފާއިން ރާއްޖެ ސަސްޕެންޑްކުރުމުގެ ފުރުސަތު އެބަ އޮތެވެ. އެކަމަކު އެ އިންތިހާބަށް ދިއުމުގެ ކުރިން ނިންމަން ޖެހޭ އެންމެ މުހިންމު މަސައްކަތް ކަމަށްވާ އާ އަސާސީ ގަވާއިދު 21 މެމްބަރު ކްލަބްގެ ވޯޓާ އެކު މިއަދުގެ ކޮންގްރެސްގައި ފާސްކުރުމުން އެ ހުޅުވުނީ ވަރަށް ބޮޑު ދޮރެކެވެ.
މީރުމާގައި އޮތް ކޮންގްރެސްގައި ވޯޓުލުމުގެ ހައްގު 23 ކްލަބަކަށް ލިބުނެވެ. ނަމަވެސް އެއްވަނަ ޑިވިޒަންގެ އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކޮންގްރެސްގައި ބައިވެރިއެއް ނުވެ އެވެ.
އާ އަސާސީ ގަވާއިދަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓަކަށް އެއްވަނަ ޑިވިޒަނުން ތާއީދުކުރަން ޖެހޭ ކްލަބްތަކުގެ އަދަދު ދޭކަށް މަދުކުރުމެވެ. ކުރީގެ އަސާސީ ގަވާއިދުގައި ބުނަނީ އެއްވަނަ ޑިވިޒަންގެ މަދުވެގެން ތިން ކްލަބްގެ ތާއީދު އެ ކެންޑިޑޭޓަކަށް އޮންނަން ޖެހޭނެ ކަމަށެވެ.
މިދިއަ އަހަރު ބާއްވަން އުޅުނު އެފްއޭއެމްގެ އިންތިހާބު ދެ ފަހަރަށް ކެންސަލްކުރަން ޖެހުމުގެ މައިގަނޑު ސަބަބަކަށް ވެސް އޮތީ އިންތިހާބަށް ނުކުންނެވި ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަހުމަދު ތޯރިގު (ޓޮމް)އަށް ތިން ކްލަބެއްގެ ތާއީދު ނެތް ކަމަށް، އޭރު އެފްއޭއެމްގެ އިންތިހާބީ ކޮމިޓީން ނިންމި ނިންމުމެވެ.
އެ ނިންމުންތައް ފީފާ އާއި އޭއެފްސީން ބާތިލްކޮށް، ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ބެލުމުގެ ދަށަށް އެފްއޭއެމް ގެންދިޔަ އެވެ. އެ ކޮމިޓީގެ މުއްދަތު ޖުލައި މަހު ހަމަވާއިރު އޭގެ ކުރިން އާ އިންތިހާބެއް ބާއްވައި އެފްއޭއެމްގެ އާ ހިންގާ ކޮމިޓީ އެކުލަވާލަން ޖެހެ އެވެ.
އާ އަސާސީ ގަވާއިދުގައި މިހާރު ބުނަނީ ކުރިމަތިލާ ކެންޑިޑޭޓުންނަށް މަދުވެގެން އެއްވަނަ ޑިވިޒަނުގެ ދެ ކްލަބާއި ދެވަނަ ޑިވިޒަންގެ ތިން ކްލަބުގެ ތާއީދު ބޭނުންވާނެ ކަމަށެވެ.
އާ އަސާސީ ގަވާއިދަށް ދެން ގެނައި ބަދަލަކީ އެއްވަނަ ޑިވިޒަންގެ ޓީމުތަކުގެ އަދަދު 10 އަަށް އަދި ދެވަނަ ޑިވިޒަންގެ ކްލަބްތަކުގެ އަދަދު 13އަށް އިތުރުކުރުމެވެ. މީގެ ތެރެއިން އެއްވަނަ ޑިވިޒަންގެ ކޮންމެ ޓީމަކަށް ދެ ވޯޓު އަދި ދެވަނަ ޑިވިޒަންގެ ކޮންމެ ޓީމަކަށް އެއް ވޯޓުގެ ހައްގު ލިބެ އެވެ.
އަސާސީ ގަވާއިދު ފާސްކޮށްފި، ދެން އޮތީ އެފްއޭއެމްގެ އާ އިންތިހާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ