އަހުމަދު އިފްނާޒް ފިރާގު އަންނަނީ ފިލްމީ ދާއިރާ ފަތަހަ ކުރަމުންނެވެ. ފިލްމު 'ބަވަތި'ން 2019 ވަނަ އަހަރު ރަސްމީކޮށް ތައާރަފުވި މި ތަރި މިހާތަނަށް ތަފާތު އެކި ކެރެކްޓާތައް އެކި ސީރީސްތަކާއި ފިލްމުތަކުގައި ދައްކައިދީފައިވެ އެވެ.
އޭގެ ތެރޭގައި:
'ފަނޑު' ސީރީސްގައި ހުސެންބެގެ ރޯލް
'މަޒްލޫމް' (ޗެޕްޓަރު 1) - މާހިރުގެ ރޯލް
'ދަރަކަ' ސީރީސް - ނަވާލްގެ ރޯލް
'ލަސްވިޔަސް' - ޖަވީ
'ބިރުވެރި ވާހަކަ' - ދާއޫދު
'ފްރީ ޑެލިވެރީ' - ފިރާގްބެ
'ކަންބަޅި' - އަކްރަމް
'ހިންތާ' - އެމްޕީ މަނިކު
'ޗާލަކީ' - ނަބީލް
އިފްނާޒް ދެން އެންމެ އަވަހަށް ފެންނާނީ އައިފިލްމްސް، އިންޖީނިއަސް ވިޝުއަލް ފެކްޓަރީ އަދި ލައިޓްސްއައުޓް ޕްރޮޑަކްޝަނުން ނެރޭ 'ލޯބިން'ގައި ޒިޔާދުގެ ގޮތުގަ އެވެ.
މިފަހުން އިފްނާޒް އަނެއްކާވެސް ވިދާލައިފި އެވެ. 'ލޯބިން' ފިލްމުގެ ޕްރޮމޯގެ ގޮތުގައި އައިފިލްމްސް އިން ނެރެފައިވާ 'ލޮލުގެ ޖާޒުބާތުން' އެއީ އޭނާ ކިޔާފައިވާ ލަވައެކެވެ.
ލަވައިން ފެެންނަނީ ފިލްމުގެ މައި ރޯލުން ފެންނަ ތަރިން ކަމުގައިވާ މައިޝާ އާދަމް (ތާތި) އާއި އަހުމަދު ޝާރިފް އެވެ. ހިތްގައިމު ރީތި ވީޑިއޯ ލަވައެކެވެ. ލަވައިން އާ ލޯތްބެއްގެ ފެށުމުގެ ވައިބު ގެނެސްދެ އެވެ. އަދި އިފްނާޒް ލަވަ ހުށަހަޅާފައިވާ ފުރިހަމަކަން ފޭނުން ފާހަގަ ކުރެ އެވެ. މި ލަވަ ސޯޝަލް މީޑިއާގައި ދަނީ ވަރަށް ބޮޑަށް ވައިރަލްވަމުންނެވެ.
މީގެ ކުރިން ބެލުންތެރިންނަށް އިފްނާޒްގެ ލަވަކިޔުމުގެ ހުނަރު އެހާ ބޮޑަށް ނޭނގި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު މިއީ އޭނާ ފިލްމަކަށް ލަވަކީ ފުރަތަމަ ފަހަރެއް ނޫނެވެ.
ފިލްމު 'ދަރަކަ'އިގެ ތީމް ލަވަ އާއި 'ފްރީ ޑެލިވަރީ'ގެ 'ފްރީ ޑެލިވަރީ' އަދި 'ދުވޭ ދުވޭ' އާއި ފިލްމު 'ނީނާ'ގެ ލަވައެއްގެ ބެކިން ވޯކަލްސް ކިޔާފައި ވަނީ އިފްނާޒް އެވެ.
އިފްނާޒް ބުނީ މިފަހަރުގެ ލަވައަށް ބެލުންތެރިންގެ ފަރާތުން ލިބުނީ ހީވެސް ނުކުރާހާ ބޮޑު ތަރުހީބެއް ކަމުގަ އެވެ. ސަބަބަކީ އެއީ ރީމޭކަކަށް ވެފައިި ރީތި ހިތްގައިމު ލަވައަކަށްވުން ކަމަށް އޭނާ ދެކެ އެވެ.
ސްކޫލްގައި އުޅުނު އިރު އިފްނާޒް އިންޓަސްކޫލް ލަވަމުބާރަތުގައި ބައިވެރިވި އެވެ. އޭރު އޭނާ އުއްމީދު ކުރީ ލަވަކިޔުންތެރިޔަކަށް ވުމަށެވެެ.
"އެހެން ނަމަވެސް ލައިފްގައި އަހަންނަށް އޮތީ އެހެން ޕްލޭނެއް. އަދި އެ ހުވަފެން އަހަރެން ޖެހުނީ ދޫކޮށްލަން. އެކަމަކު މިހާރު ފިލްމަށް ލަވަކިޔަން ލިބުނު މި ފުރުސަތު މިއީ އަނެއްކާ އަހަރެންނަށް އެކަން ކުރަން ލިބުނު ޗާންސެއް ކަންނޭނގޭ،" އިފްނާޒް ބުންޏެވެ.
'ލޮލުގެ ޖަޒުބާތުން'ގައި އެކްޓްކޮށްފައިވާ އަންހެން ތަރި މައިޝާ އަކީ އޭނާގެ އަންހެނުން ވެސް މެ އެވެ. އަދި އެ ދެ މީހުން ގުޅިގެން އިންޖީނިއަސް ވިޝުއަލް ފެކްޓަރީގެ ނަމުގައި މިހާރު އަންނަނީ ޕްރޮޑަކްޝަން ކުންފުންޏެއް ހިންގަމުންނެވެ.
މުނިފޫހިފިލުވުމުގެ ދައިރާގައި ކުރާ މަސައްކަތުގެ ތެރެއިން އޭނާ އަބަދުވެސް ބަލަނީ އާ ޗެލެންޖެއް ނެގުމަށް ކަމަށް އިފްނާޒް ބުންޏެވެ. މިހާތަނަށް އޭނާ ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެކްޓްކުރުމުގެ އިތުރުން ވޮއިސް އާޓިސްޓެއްގެ ގޮތުގައި އަދި ޝޯ ހޯސްޓްކުރުމާއި ޕްރެޒެންޓް ކުރުމުގެ އިތުުރުން ފިލްމު އުފެއްދުމުގައި ޕްރޮޑަކްޝަން އެސިސްޓެންޓެއްގެ ގޮތުގައި ވެސް އޭނާ ހަރަކާތްތެރިވެ އެވެ. މޯލްޑިވްސް ހާފް މެެރެތަން އާއި އުރީދޫ ފަން ރަަން ކަހަލަ ބޮޑެތި އިވެންްޓްތައް އިފްނާޒް ހޯސްޓްކޮށްފައިވެ އެވެ.
'ލޮލުގެ ޖަޒުބާތުން' އަށް ލިބުނު ތަރުހީބާ އެކު އިފްނާޒް ދެން މި ދެނީ ބެލުންތެރިންނަށް އަނެއްކާވެސް އުފާވެރި މެސެޖެކެވެ. 'ލޯބިން' 6 އޯގަސްޓްގައި ޕްރިމިއާ ކުރުމުގެ ކުރިން، ފިލްމުގެ ދެވަނަ ލަވައެއް ބެލުންތެރިންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ފެނިގެންދާނެ އެވެ.
އިފްނާޒް 'ލޮލުގެ ޖަޒުބާތުން' ސަމާލުކަމަށް ގެނައި އާ ހުނަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ