އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވަން ތާވަލުކޮށްފައި އޮތް ސައުތު އޭޝިއަން ގޭމްސްގައި، ޖުމްލަ އެކު، 27 ކުޅިވަރު ހިމަނާފައިވާ ކަމަށް ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަން (ޕީއޯއޭ)އާ ހަވާލާދީ އެ ގައުމުގެ މީޑިއާ އިން ރިޕޯޓްކޮށްފި އެވެ.
އެންމެ ފުރަތަމަ 2023 ވަނަ އަހަރު ބާއްވަން ނިންމި ސައުތު އޭޝިއަން ގޭމްސްގެ 14 ވަނަ އެޑިޝަން، އެކި ސަބަބުތަކާ ހުރެ ހަތަރު ފަހަރެއްގެ މަތިން ފަސްކުރުމަށް ފަހު، މިހާރު ނިންމާފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 23 އިން 31 އަށް ޕާކިސްތާންގެ ލާހޯރު، ފައިސަލްއާބާދު އަދި އިސްލާމްއާބާދުގައި ކުރިއަށްގެންދާ ގޮތަށް ކަމަށް އިއުލާނުކުރީ، މިދިޔަ ފެބްރުއަރީ މަހުގަ އެވެ.
އޭގެ ފަހުން، އިންޑިއާ އާއި ޕާކިސްތާންގެ މެދުގައި ހަމަލާތަކެއް ހިނގައި، މި ގޭމްސް ނުބޭއްވިދާނެ ކަމުގެ ވާހަކަތަކެއް ދެ ގައުމުގެ މީޑިއާގައި ދެކެވުނު ނަމަވެސް، މި މަހު، ކުރިއަށްދިޔަ، ޕާކިސްތާންގެ އިންޓަ ޕްރޮވިންޝިއަލް ކޯޑިނޭޝަން ކޮމިޓީ (އައިޕީސީ) އިން ބޭއްވި ބައްދަލުވުމުގައި ވަނީ، ސައުތު އޭޝިއަން ގޭމްސް ތާވަލާ އެއްގޮތަށް ކުރިއަށްގެންދަން ނިންމައިފަ އެވެ.
ޕާކިސްތާންގެ އޮލިމްޕިކް އެސޯސިއޭޝަނުން ބުނެފައިވަނީ، ސެކިއުރިޓީގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރާ އެކު ކުރިއަށްދާ ކަމަށާއި މިހާރު އޮތް ގޮތުން، މި ވަގުތަށް ބަލާއިރު، ފައިނަލް ކުރެވިފައިވަނީ 27 ކުޅިވަރެއް އޮންނަ ގޮތަށް ކަމަށެވެ. އެ ކުޅިވަރުތަަކަކީ، އާޗަރީ، ބެޑްމިންޓަން، ބާސްކެޓްބޯޅަ، ބޮކްސިން، ފެންސިން، ފުޓްބޯޅަ، ގޯލްފް، ހޮކީ، ޖޫޑޯ، ކަބައްޑި، ކަރާޓޭ، ރަގްބީ، ޝޫޓިން، ސްވިމިން، ޓައެކްވޮންޑޯ، ވެއިޓްލިފްޓިން، ރެސްލިން އަދި ކްރިކެޓް އެވެ.
ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ސައުތު އޭޝިއަން ގޭމްސްގައި އިންޑިއާގެ ބޮޑު ކޮންޓިންޖެންޓެއް ފެނުމުގެ ފުރުސަތު ކުޑަ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ، މި ފަހުން، ޕާކިސްތާނުގައި ހޯސްޓްކުރި، އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި އިންޑިއާ ކުޅުނު ހުރިހާ މެޗެއް ހޯސްޓްކުރީ، ދުބާއީގަ އެވެ. އޭގެ ތެރޭގައި، އިންޑިއާ އާއި ޕާކިސްތާނުން ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗު ވެސް ހިމެނެ އެވެ.
މީގެ ކުރިން، ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ. އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ނޭޕާލުގެ ކަތުމަންޑޫ އާއި ޕޮކާރާގަ އެވެ. އޭގެ ކުރިން ބޭއްވީ 2016 ވަނަ އަހަރު، ފެބްރުއަރީ މަހު، އިންޑިއާގެ ޝިލޯން އާއި ގުވަހާޓީގަ އެވެ. އެ ދެ ފަަހަރު ވެސް ގޭމްސް ބޭއްވުނީ އެކި ފަހަރު މަތިން ޝެޑިއުލްކޮށްގެންނެވެ. އެންމެ ފަހުން ދެ ފަހަރު ވެސް ސައުތު އޭޝިއަން ގޭމްސް ބޭއްވުނީ ކަނޑައެޅި މުއްދަތަށް ވުރެ ފަހުންނެވެ.
ސައުތު އޭޝިއަން ގޭމްސްގައި 27 ކުޅިވަރު އޮންނާނެ: ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަން ސައުތު އޭޝިއަން ގޭމްސްގައި 27 ކުޅިވަރު އޮންނާނެ: ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ