އެފްއޭއެމް ކޮންގްރެސްއަށް ފީފާއާއި އޭއެފްސީގެ ވަފުދެއް ރާއްޖެއަށް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސް ވިލަރެސްކުރުމަށް ފީފާއާއި އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ)ގެ ވަފުދެއް މިއަދު ރާއްޖެއަށް އަތުވެއްޖެއެވެ. ޓީމުގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވީ މީގެކުރިން ވެސް ރާއްޖޭގައި އިންތިޚާބުތަކާއި ކޮންގްރެސްތަކުގައި މަސައްކަތްކުރި ފީފާގެ އަހްމަދު ހައްޒާރެވެ. މާދަމާ ބާއްވާ ކޮންގްރެސްއަކީ ދިވެހި ފުޓުބޯޅައިގެ މުސްތަގްބަލު ބިނާކުރުމަށް މުހިންމު ނިންމުންތަކެއް ނިންމާ ކޮންގްރެސްއެކެވެ. އެހެންކަމުން މިއީ ފީފާއާއި އޭއެފްސީން ބޮޑު ސަމާލުކަމެއް ދޭނެ ކޮންގްރެސްއަކަށް ވާނެއެވެ. މި ކޮންގްރެސްގެ ނިންމުންތައް އަންނަ ގޮތަކުން ދުނިޔޭގެ ފުޓުބޯޅައިން ރާއްޖެއަށް ބޮޑު ސަސްޕެންޝަނެއް އައުން ގާތެވެ. އެހެންކަމުން މި ކޮންގްރެސްގެ ކުރިން ކުލަބުތަކާއެކު ވަކިން ބައްދަލުވުންތަކެއް ކުރިއަށްގެންދަން ނިންމާފައިވާކަން "ސަން" އަށް ވަނީ ކަށަވަރުވެފައެވެ. މި ބައްދަލުވުންތަކުގައި ކުލަބުތަކުގެ އިސްވެރިންނާއި ފީފާއާއި އޭއެފްސީ އަދި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުން ހިމެނެއެވެ. މި ބައްދަލުވުންތަކުގެ ބޭނުމަކީ ކޮންގްރެސްގެ ކުރިން ނިންމަންޖެހޭ ބޮޑެތި ނިންމުންތައް ނިންމުމެވެ. މި ކޮންގްރެސްގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި އެފްއޭއެމްގެ 2023 އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ކުރެވިފައިވާ މާލީ ބަޔާންތައް ހުށަހެޅުން ހިމެނެއެވެ. މީގެ އިތުރުން އެފްއޭއެމްގެ އިސްލާހުކުރެވިފައިވާ ހިންގާ ގަވާއިދާއި އިލެކްޓޯރަލް ކޯޑު ފާސްކުރުމަށް ހުށަހެޅުމަށް ނިންމާފައިވެއެވެ. މި ހިންގާ ގަވާއިދަކީ ކުލަބުތަކާ އޭއެފްސީ އަދި ފީފާގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ގަވާއިދެކެވެ. އެފްއޭއެމްގެ ކޮންގްރެސްގެ އެޖެންޑާގައި ދެން ހިމެނެނީ 2025ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމާއި، 2025 އިން ފެށިގެން 2028ވަނަ އަހަރުގެ ނިޔަލަށް އޮޑިޓުކުރާ އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުމެވެ. ދެން ހިމެނެނީ އިސްލާހުކޮށްފައިވާ ހިންގާ ގަވާއިދު ފާސްކުރުމާއި އިލެކްޓޯރަލް ކޯޑު ފާސްކުރުމެވެ. ދެން މި ކޮންގްރެސްގައި ތާވަލުކޮށްފައިވަނީ އެފްއޭއެމްގެ އައު ހިންގާ ކޮމިޓީ ހޮވުމަށް އިންތިޚާބު ބާއްވާނެ ދުވަސް ކަނޑައެޅުމެވެ. މި ކޮންގްރެސްއާއެކު އެފްއޭއެމްގެ ނޯމަލައިޒޭޝަންގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތް ފެށޭނެ ކަމަށް އެފްއޭއެމުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ