ޕެރިސް (ޖޫން 26) - ސަސްޕެންޝަނެއްގެ ސަބަބުން ދެ އަހަރެއްހާ ދުވަސް ކުޅުމާ ދުރުގައި ހުރުމަށްފަހު ޕްރޮފެޝަނަލް ފުޓްބޯޅައަށް އެނބުރި އައުމަށް މަސައްކަތް ކުރަމުންދާ ފްރާންސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާއަށް މޮނާކޯއިން ހުށަހެޅި ކޮންޓްރެކްޓު އޭނާ ބަލައިގެންފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން މަނާބޭހުގެ މައްސަލައެއްގައި ދިގު މުއްދަތެއް ކުޅުމާ ދުރުގައި ހުރި ޕޮގްބާ، 32، މޮނާކޯއިން ގުޅެނީ ދެ އަހަރުގެ މުއްދަތަކަށެވެ. ފްރާންސް ލީގުގައި ކުޅޭ މޮނާކޯއާ ގުޅުމަށް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދަތުރުކޮށް މި ހަފުތާގެ ތެރޭގައި މެޑިކަލް ޓެސްޓުތައް ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޕޮގްބާ މޮނާކޯ އާ ގުޅުމަށް ނިންމާފައި މިވަނީ އޭނާގެ ސޮއި ހޯދުމަށް ޔޫރަޕް، އޭޝިއާ އަދި އެމެރިކާގެ ގިނަ ޓީމުތަކުން މަސައްކަތް ކުރަމުން ދަނިކޮށެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގުގެ) އަލް އިއްތިހާދާއި ފްރާންސްގެ މާސޭއިން ކުރި މަސައްކަތެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީއިން ވިދާލި ޕޮގްބާ ވަނީ އެ ޓީމަށާއި އިޓަލީގެ ޔުވެންޓަސް އަށް ދެ ފަހަރެއްގެ މަތިން ކުޅެފަ އެވެ. މަނާ ބޭހުގެ މައްސަލާގައި އޭނާ ފުރަތަމަ ވަގުތީ ގޮތުން ސަސްޕެންޑުކުރީ 2023 ގެ ސެޕްޓެމްބަރު މަހު އެވެ.
ވަގުތީ ސަސްޕެންޝަނުގައި ހުއްޓާ ދެވަނަ ފަހަރަށް ނެގި ސާމްޕަލް ވެސް ވަނީ، މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ޓެސްޓޯސްޓެރޯން އަށް ޕޮޒިޓިވްވެފަ އެވެ.
އެއާއެކު ޕޮގްބާ އަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައި ނަމަވެސް ޕޮގްބާގެ ފަރާތުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި ޕޮގްބާގެ ފަރާތުން ރަޖިސްޓްރީކޮށް، ކުރިއަށްގެންދިޔައިރު، ކާސް އިން ނިންމީ ޕޮގްބާގެ ސަސްޕެންޝަން 18 މަސް ދުވަަހަށް ކުޑަކޮށްދިނުމަށެވެ.
ޕޮގްބާގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ އަކީ ފްރާންސްއާ އެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާ ފައިނަލުގައި ވެސް އޭނަ ލަނޑު ޖެހި އެވެ. ރިޕޯޓުތައް ބުނާ ގޮތުން ޕޮގްބާ އަމާޒު ހިފާފައިވަނީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށް ދާ ފްރާންސްގެ ސްކޮޑުގައި ހިމެނުމަށެވެ.
ދެ އަހަރު ފަހުން ޕޮގްބާގެ އެނބުރި އައުން: މޮނާކޯ އާއެކު ކެރިއަރުގެ އާ ފެށުމެއް ދެ އަހަރު ފަހުން ޕޮގްބާގެ އެނބުރި އައުން: މޮނާކޯ އާއެކު ކެރިއަރުގެ އާ ފެށުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ