ގައުމީ ތަރައްގީގައި އެހީ ބޭނުންވާ ދާއިރާތައް ޒަމީރު، އޭއައިއައިބީއާ ހިއްސާކުރައްވައިފި

ރާއްޖޭގެ ގައުމީ ތަރައްގީގައި އެހީ ބޭނުންވާ ދާއިރާތައް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ރައީސް ޖިން ލިކުންއާ މިއަދު ހިއްސާކުރައްވައިފިއެވެ. ޒަމީރު، އޭއައިއައިބީގެ ރައީސާ ބައްދަލުކުރެއްވީ ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއަށްދާ އޭއައިއައިބީގެ ގަވަރުނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ރާއްޖެއާއި އޭއައިއައިބީއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ ތަރައްގީގެ އެޖެންޑާއަށް އެހީތެރިވުމަށް ކުރިމަގުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ މެދު ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ދެ ގައުމުން ވެސް އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް ތިބިކަން ފާޅުކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނި ގޮތުގައި ޒަމީރު ދެއްކެވި ވާހަކަފުޅުގައި ވަނީ އޭއައިއައިބީގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްދާ މުހިންމު މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އޭގެ ތެރޭގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ އިގުތިސާދީ އަސަރުތަކުން އަރައިގަތުމަށް ދިން މުހިންމު އެހީތެރިކަމާއި، ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް އަމާޒުކޮށްގެން ހިންގާ ވޭސްޓް-ޓު-އެނަޖީ ޕްރޮގްރާމަށް ދިން ފައިނޭންސިން އޭނާ ފާހަގަކުރެއްވިއެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އޭއައިއައިބީގެ ރައީސް ޖިން ލިކުން: ގައުމީ ތަރައްގީގައި އެހީ ބޭނުންވާ ދާއިރާތައް ޒަމީރު، އޭއައިއައިބީއާ ހިއްސާކުރެއްވި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ ޒަމީރު ވަނީ ދިވެހި ސަރުކާރުން ކުރިއަށްގެންދާ އިގުތިސާދީ އިސްލާހުތަކާ ބެހޭ މައުލޫމާތު ވެސް ޖިން ލިކުންއަށް ދެއްވައިފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެ އިސްލާހުތަކުގެ ސަބަބުން ދެމެހެއްޓެނިވި އިގުތިސާދީ ކުރިއެރުން އަންނާނެކަމަށް އުންމީދުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ކުރިއެރުމުގެ މައިގަނޑު އެއް ސަބަބަކީ މިހާރު ކުރިއަށްދާ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކަމަށާއި ޚާއްޞަކޮށް ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ އައު ޓާމިނަލާއި އެކި ސަރަހައްދުތަކުގައި އަލަށް ގާއިމުކުރާ އެއާޕޯޓުތައްކަން ޒަމީރު ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ. އެ މަޝްރޫއުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއާއި މުޅި އިގުތިސާދީ ހަރަކާތްތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ކުރިމަގުގެ ފައިނޭންސިން ބޭނުންތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ގައުމީ ތަރައްގީއާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ޒަމީރު ތަފުސީލުކޮށްދެއްވައި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އޭއައިއައިބީގެ އެހީތެރިކަން މުހިންމުވާނެ މައިގަނޑު ދާއިރާތައް އޭނާ ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ދާއިރާތަކާ ގުޅޭ ތަފުސީލެއް ފިނޭންސް މިނިސްޓްރީން ދީފައިނުވެއެވެ. އެ ބައްދަލުވުމުގައި، ޗައިނާގައި ހުންނަވާ ދިވެހި ސަފީރު ޑރ. ފަޒިލް ނަޖީބާއި ޗައިނާގައި ހުންނަ ދިވެހި އެމްބަސީގެ ދެވަނަ ސެކްރެޓަރީ އަލީ ސާޖިދު ޝާކިރާއި، ދެވަނަ ސެކްރެޓަރީ މިޒްނާ ވަޙީދާއި ފިނޭންސް މިނިސްޓްރީގެ ރިސޯސް މޮބިލައިޒޭޝަން އެނަލިސްޓް ރައުޙާ އިބްރާހީމް ބައިވެރިވެވަޑައިގަތެވެ. އޭއައިއައިބީގެ ފަރާތުން އެ ބައްދަލުވުމުގައި ބޭންކްގެ އެކްޓިން ޗީފް އިންވެސްޓްމަންޓް އޮފިސަރު ރަޖަތް މިސްރާ އާއި މެނޭޖަރުން ކަމުގައިވާ ހަރީ ބަސްކާއާއި ތޮޝިއަކީ ކެއިޗޯ ބައިވެރިވެވަޑައިގަތެވެ. https://sun.mv/199072 ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓާ ޕްލޭން ފަދަ ދުރު ރާސްތާއަށް އެކަށައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެއްބާރުލުން ހޯއްދެވުމަށް، މިދިޔަ އަހަރުގެ ނޮވެންބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެ ބޭންކާ މަޝްވަރާކުރައްވައިފައެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ރައީސާއި އޭއައިއައިބީގެ ރައީސްގެ ބައްދަލުކުރެއްވުމުގައި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ވެސް އޭއައިއައިބީގެ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ