އޭއައިއައިބީއާ އެކު ގުޅުން އިތުރަށް ބަދަހިކުރަން ރާއްޖެއިން ބޭނުންވޭ: ޒަމީރު

އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކު (އޭއައިއައިބީ)އާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ރާއްޖެއިން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް - ޗައިނާގެ ބެއިޖިންގައި ކުރިއަށްގެންދާ އޭއައިއައިބީގެ 10 ވަނަ އަހަރީ ބައްދަލުވުމުގައި ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފާއިތުވި 10 އަހަރު ތެރޭގައި ދުނިޔޭގެ ތަރައްގީގައި އޭއައިއައިބީން މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.
ތަފްސީލް - 'ބިލްޑިން އޮން އަ ޑިކޭޑް އޮފް އިމްޕެކްޓް'ގެ ނަމުގައި ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި:
އޭއައިއައިބީގެ މެންބަރު ގައުމުތަކުން ދުނިޔޭގެ ޖީޑީޕީގެ %65 ތަމްސީލު ކުރޭ
އެއީ ދުނިޔޭގެ އާބާދީގެ %81
މާލީ އިންތިޒާމުތަކާއި ގުޅުންތަކުގެ މައްޗަށް އޭއައިއައިބީން އަޅާފައިވާ ބިންގާގެ ތަސައްވަރު ސާފު
އެއީ ގޮންޖެހުންތަކާ އެކު ވެސް ދެމެހެއްޓެނިވި އުމްރާނީ ތަރައްގީއަށް އެހީތެރިވުން
މިއީ 'އޭޝިއަން ސެންޗަރީ' ނުވަތަ އޭޝިއާގެ ގައުމުތަކުގެ ނުފޫޒު ގަދަވާނެ ގަރުނެއްގެ ގޮތުގައި ފާހަގަކުރާ ޒަމާން ކަމަށާއި އޭޝިއާގެ ގައުމުތަކުގެ ތަރައްގީ އާއި ނުފޫޒު ގަދަވަމުން އަންނަ ކަމަަށް ޒަމީރު ވިދާޅުވި އެވެ.
މި ތަރައްގީއާ އެކު އުމްރާނީ ތަރައްގީއަށް އޮތް ޑިމާންޑު އިތުުރުވަމުން އަންނަ ކަމަށާއި އެކަމަށް އިޖާބަދީ، އޭއައިއައިބީން ދުރުވިސްނުމާއި އަމާޒާ އެކު އުމްރާނީ ތަރައްގީއަށް އިންވެސްޓުކޮށް، ގައުމުތަކާ އެކު މަސައްކަތް ކުރަމުން އަންނަކަން ޒަމީރު ފާހަގަކުރެއްވި އެވެ.
ދުނިޔޭގެ އިގުތިސޯދަށް ގޮންޖެހުންތައް ކުރިމަތިވެ، ވިޔަފާރީގެ އުސޫލުތައް ބަދަލުވަން އައި ނަމަވެސް، ގައުމުތަކާ އެކު ގުޅިގެން މަސައްކަތް ކުރުމުގައި އޭއައިއައިބީ ދެމިއޮތްކަން ފިނޭންސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކޮވިޑުގެ ދުވަސްވަރު ކްރައިސިސް ރިކަވަރީގެ ގޮތުގައި އެ ބޭންކުން 20 ބިލިއަން ޑޮލަރު މެންބަރު ގައުމުތަކަށް ދީފައިވާކަން ފާހަގަކުރެއްވި
ރާއްޖެއަކީ ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްކަން ފާހަގަކުރައްވައި މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ބޮޑުކަން ފާހަގަކުރެއްވި
2028 އަންނައިރު ރާއްޖޭގައި އުފައްދާ ހަކަތައިގެ %33 އަކީ އިއާދަކުރަނިވި ހަކަތަކައަށް ހަދަން ސަރުކާރުން ގެންގުޅޭ އަމާޒު ފާހަގަކުރެއްވި
ރާއްޖޭގެ 'ވޭސްޓު-ޓު-އެނާޖީ' ޕްރޮޖެކްޓަށް އޭއައިއައިބީން 40 މިލިއަން ޑޮލަރު ދިންކަން ފާހަގަކުރައްވައި މިއީ ދެމެހެއްޓެނިވި ތިމާވެށީގެ މަސައްކަތްތަކަށް އެ ބޭންކުން ދިން އެހީއެއް ކަމަށް ވިދާޅުވި
ފިނޭންސް މިނިސްޓަރު ވިދާޅުވީ އޭއައިއައިބީގެ މެންބަރު ގައުމުތަކުގައި ހިންގާ 300އަށް ވުރެ ގިނަ ޕްރޮޖެކްޓުތަކަށް އެ ބޭންކުން 60 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އެހީއެއް މިހާތަނަށް ވެފައިވާ ކަމަށެވެ.
އެ އެހީ ލިބޭ ގައުމުތަކުގެ ތެރޭގައި، އޭއައިއައިބީ އުފެއްދުމުގައި ވެސް ބައިވެރިވި ރާއްޖެ ހިމެނުމަކީ ރާއްޖެއަށް ލިބޭ ފަހުރެއްކަން ޒަމީރު ފާހަގަކުރެއްވި އެވެ. 
މިނިސްޓަރުގެ ވާހައިގައި، ޕްރޮޖެކްޓް ރޭވުމުގެ ފުރަތަމަ މަރުހަލާތަކުގައި އޭއައިއައިބީގެ ފަންނީ އެހީ ފޯރުކޮށްދިނުން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އަދި އެކަން އެގޮތުގައި ކުރިއަށް ގެންދެވިއްޖެ ނަމަ، މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި މެންބަރު ގައުމުތަކަށް އޭއައިއައިބީގެ އެހީ ފޯރުކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އޭއައިއައިބީއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން އެކުގައި މަސައްކަތް ކުރަން ރާއްޖެއިން ބޭނުންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ