މާފަރު އެއާޕޯޓަށް ކޯޑް އީ މަތިންދާބޯޓު ޖެއްސޭ ރަންވޭ ތަރައްގީކޮށް ނިމުން ފާހަގަކޮށްފި
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ކޯޑް އީ މަތިންދާ ބޯޓަށް ޖެއްސޭ ފެންވަރުގެ ރަންވޭ ތަރައްގީކޮށް ނިމުން ފާހަގަކޮށް، މޯލްޑިވިއަންގެ އޭ330 މަރުކާގެ ފްލައިޓް މިއަދު ޖައްސައިފިއެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓު (އޭޑީއެފްޑީ)ގެ އެހީގައި މި އެއާޕޯޓު ތަރައްގީކުރީ ދެ ފިޔަވައްސަށް ބަހައިލައިގެންނެވެ. ދެެވަނަ ފިޔަވަހީގެ ނިމުން ފާހަގަކުރުމަށް މިއަދު އެ އެއާޕޯޓުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ފިޔަވަހީގައި ކުރީގެ ރަންވޭއަށް 650 މީޓަރު އިތުރުކޮށް ކޯޑް-އީ މަތިންދާ ބޯޓުތައްކަމަށްވާ ބޮއިން 787، 777 އަދި އޭ330 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރަށް ވަނީ ތަރައްގީކޮށްފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ޔޫއޭއީއާއި ރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ އެއް ކަމަކީ މާފަރު އެއާޕޯޓުގެ ތަރައްގީ ކަމަށެވެ. "މި ފުރުސަތުގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އެޅުަމަށް ފަންޑުކޮށްދެއްވައި، މާފަރަކީ މި ސަރަހައްދުގެ ތަރައްގީގެ ނާރެހަށް ހެއްދެއްވެމުގައި ވެދެއްވި އެހީތެރިކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސް އަދި އަބޫދާބީގެ ރޫލާ ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާނަށާއި، ޔޫއޭއީގެ ސަރުކާރަށާއި، ޔޫއޭއީގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" މުއްތަލިބު ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވެސް ވަނީ، މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ޔޫއޭއީގެ ސަރުކާރާއި، އޭޑީއެފްޑީގެ ފަރާތުން ލިބުނު އެހީއަށް ޝުކުރު އަދައިކުރައްވައިފައެވެ. އޭޑީއެފްޑީގެ ޑިރެކްޓާ ޖެނެރަލް، މުޙައްމަދު ސައިފް އަލް ސުވައިދީ، ވިދާޅުވީ، މިއީ ތަރައްގީގެ އާ ހަރުފަތަކަށް ގެންދާނެ މަޝްރޫއެއް ކަމަށެވެ. އަދި ޔޫއޭއީއާއި، ފަންޑުން އަބަދުވެސް ރާއްޖެއާ ގާތުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. މި ހަފްލާގައި ވާހަކަދައްކަވަމުން މޯލްޑިިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މާފަރު އެއާޕޯޓުން މިހާތަަނަށް ދެލައްކައަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފައިވާ ކަމަށެވެ. އޭގެ ތެރޭ ޑޮމެސްޓިކް ދަތުރުތަކާއި ޖެޓް ދަތުރުތަކާއި، ބައިނަލްއަގްވާމީ އެހެނިހެން ފަސިންޖަރުން ހިމެނޭކަމަށް ވިދާޅުވިއެވެ. އެއާއެކު އިޔާސް ވިދާޅުވީ، އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތާއެކު ޓާމިނަލް ބޮޑުކޮށް، ޒަމާނީ ލޯންޖުތަކާއި، ފްލައިޓުތަކުގެ ކްރޫއިންނަށް ޚާއްސަ ސިޓީ ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރެވެމުން އަންނަކަމަށެވެ. ކޯޑް އީ މަތިންދާ ބޯޓަށް ޖެއްސޭ ފެންވަރުގެ ރަންވޭ ތަރައްގީކޮށް ނިމުން ފާހަގަކޮށް، މޯލްޑިވިއަންގެ އޭ330 މަރުކާގެ ފްލައިޓް ޖެއްސުން -- ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ ދެހާސް އަށާރަވަނަ އަހަރު މާފަރު އެއާޕޯޓު ތަރައްގީކުރަން ފަށައިފައިވަނީ ދެ ފިޔަވައްސަކަށް ބަހައިލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހި ތަރައްގީކުރުމަށް އޭޑީއެފްޑީ 49 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. އެ ފިޔަވަހި، ދެހާސް ނަވާރަވަނަ އަހަރުގެ ތެރޭ ނިންމައި، އޮޕަރޭޝަނަށް ގެނެވުނުއިރު، 2200 މީޓަރުގެ ރަންވޭއަކާއި ޕަސެންޖާ ޓާމިނަލަކާއި، ވީއައިޕީ ޓާމިނަލަކާއި އެހެން ޚިދުމަތްތައް ތަރައްގީކޮށްފައިވެއެވެ. ކޯޑް-އީ މަތިންދާ ބޯޓު ޖެއްސޭ ފެންވަރަށް، ރަންވޭ ބޮޑުކުރުމަށް ޓަކައި ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށީ، 2022ވަނަ އަހަރުގެ ޑިސެމްބަރު އަށްވަނަ ދުވަހެވެ. މި ފިޔަވަހީގައި، ރަންވޭއަށް 650 މީޓަރު އިތުރުކޮށް، އެއާ ފީލްޑް ލައިޓް ސިސްޓަމްތައް އަޕްގްރޭޑްކުރުމަށް 27 މިލިއަން ޑޮލަރު އޭޑީއެފްޑީން ޚަރަދުކޮށްފައިވެއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައިލީ، މިދިޔަ ޑިސެމްބަރުގެ ތެރޭގައެވެ. ނ. އަތޮޅަކީ މަތީ ފަންތީގެ އަށް ރިސޯޓު އޮޕަރޭޓުކުރާ އަތޮޅެކެވެ. މި އެއާޕޯޓު ތަރައްގީވުމާއެކު މިއީ އަތޮޅުގެ ތަރައްގީއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އަތޮޅުގެ ރައްޔިތުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ