މިހާރު ރައްޔިތުން ޖެހެނީ އާސަންދަ ނުވަތަ އެންސްޕާއަށް ސަލާންޖަހަންކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ހިތުގެ އޮޕަރޭޝަނެއް ކުރަން ރާއްޖެއިން ބޭރަށް ނުދެވި ދިވެއްސަކު އުޅޭ ހާލަތުގެ ތަފްސީލް ލިޔެފައިވާ ހަބަރެއް ހިއްސާކުރައްވައި މެމްބަރު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައިވަނީ ކުރިން އޮތީ ބޭސްފަރުވާއަށް ސަލާންޖެހުންކަމަށާއި ނަމަވެސް މިހާރު ޖެހެނީ އާސަންދަ ނުވަތަ އެންސްޕާއަށް ސަލާންޖަހަންކަމަށެވެ.
ސަރުކާރުން ސިއްހީ ދާއިރާގައި އަމަލުކުރާ ގޮތުން މީގެ ކުރިންވެސް އެކި ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ސަރުކާރު އޮތީ ސިއްހީ ދާއިރާގެ ވިޔަފާރި ކުރާ މީހުންގެ ދަށުވެފައިކަމަށް ސިޔާސީ ބޭފުޅުން ތުހުމަތު ކުރައްވައެވެ.
މީގެ ކުރިން އެކި ފަހަރު ރާއްޖޭން ލިބެން ހުންނަ ބޭސްތަކުގެ ފެންވަރާ މެދު ސުވާލު އުފައްދައިވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. އެގޮތުން ރާއްޖެ އިން ފެންވަރު ދަށް ބޭސް ލިބެން ހުންނަނީ ބޭހާ ގުޅޭ ކަންކަން ރެގިއުލޭޓް ކުރާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އުސޫލުތަކުގެ ދޯހަޅި ކަމުންކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.
އެމްއެފްޑީއޭ އިން 1،600 އަށް ވުރެ ގިނަ ބޭސް އެތެރެކުރުމަށް ހުއްދަދީފައިވާއިރު ބޭސްތަކުގެ 60 އިންސައްތަ ހިއްސާ ކުރަނީ އިންޑިއާއިންނެވެ. ކަމާ ބެހޭ އިދާރާތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖެ އަށް ބޭސް އެތެރެކުރުމާ ހަމައަށް އެ އެއްޗެހި ރައްކާ ކޮށްފައި ހުންނަ ގޮތް ކަށަވަރު ކުރެވޭނެ ގޮތެއް ނެތުންކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.
ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންނަށް ކަނޑައަޅާފައިވާ ހެލްތު އިންޝުއަރެންސް ސްކީމްގެ ގޮތުގައި އޮތް އާސަންދަ ޚިދުމަތް ތައާރަފްކުރީ، 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
އާސަންދައަށް ދިވެހި ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކުރާއިރު، ބައެއް އިންތިޚާބުތަކާ ދިމާކޮށް، އާސަންދައަށް ބޮޑު ހޭދައެއް ކުރާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އާސަންދައިން ބޮޑެތި ހަރަދުކޮށް 13 ދުވަހުގެ ތެރޭގައި 170 މިލިއަން ރުފިޔާ އެދާއިރާއަށް ހަރަދުކޮށްފައިވާކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވިއެވެ.
ފާއިތުވި ތިން އަހަރު ވެސް އާސަންދަ އިން ވަނީ ބަޖެޓަށްވުރެ އިތުރަށް ހޭދަކޮށްފައެވެ. އެގޮތުން 2020 ވަނަ އަހަރު އިތުރަށް 255.6 މިލިއަން ރުފިޔާ، 2021 ވަނަ އަހަރުގެ އިތުރަށް 844.6 މިލިއަން ރުފިޔާ އަދި 2022 ވަނަ އަހަރު އިތުރަށް 214 މިލިއަން ރުފިޔާ ހޭދަކުރިއެވެ.
މިހާރު ޖެހެނީ އާސަންދަ ނުވަތަ އެންސްޕާއަށް ސަލާންޖަހަން: މެމްބަރު ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ