ނެޝަނަލް ސާވިސްގެ ފުރަތަމަ ބުރު 300 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ފަށައިފި

ދިވެހި ވަތަނީ ހިދުމަތް ނުވަތަ ރާއްޖޭގެ ނޭޝަނަލް ސާވިސްގެ ފުރަތަމަ ބުރަށް ހޮވުނު 300 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނަށް ފުރައިފި އެވެ.
ވީ ކިހިނެއް؟ ކިޔަވައި ނިމޭ ތަނުން ވަޒީފާގެ މާހައުލަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ދަތިވާ ޒުވާނުން ގައުމަށް ބޭނުންތެރި ބަޔަކަށް ހަދައި ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ނެޝަނަލް ސާވިސް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލީ މިދިޔަ މެއި މަހު އެވެ.
ތަފްސީލް - އެ ފުރުސަތުގައި 1،200 އަށް ވުރެ ގިނަ ޒުވާނުން ކުރިމަތިލި އެވެ. ސެލެކްޝަން ޕްރޮސެސް އަށް ފަހު ޕްރޮގްރާމަށް ހޮވުނު 343 ޒުވާނުން އިއްޔެ ތަމްރީނަށް ފުރި އިރު އޭގެ ތެރޭގައި ހިމެނެނީ107 ރަށަކުން64 އަންހެން ބައިވެރިން އަދި279 ފިރިހެން ބައިވެރިންނެވެ.
މިއީ އުމުރުން16 އަހަރާއި29 އަހަރާ ދެމެދުގެ ޒުވާނުން
ރައީސް މުހައްމަދު މުއިއްޒު ވަނީ ޕްރޮގްރާމުގެ ބައިވެރިންނަށާއި އެ ބައިވެރިންގެ އާއިލާތަކަށް މަރުހަބާ ވިދާޅުވެފައި
ތަމްރީނުތައް ކުރިއަށް ގެންދަނީ ޅ. މާފިލާފުށީގައި
މި ޕްރޮގްރާމުގެ މަގުސަދަކީ، ރައީސް ވިދާޅުވި ގޮތުގައި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވާ، އާލާކޮށް އިސްލާމް ދީނަށް ލޯބިކުރާ ރައްޔިތެއް ބިނާ ކުރުމެވެ .
މީގެ އިތުރުން:
ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްގީކުރުން
ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކޮށް، ނޭޝަނަލް ސާވިސްގެ ތެރެއިން ސަލާމަތީ ހިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދިނުން
ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަހުލާގާއި ސުލޫކު ރަނގަޅު، އިހުތިރާމު ކުރާ، އަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުން
ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުން
ދިވެހި ޒުވާނުންނަކީ ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުން
އެނގުން މުހިންމު - މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ޒުވާނަކަށް، އެ ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭން ވަނީ ނިންމާފަ އެވެ.
މި ޕްރޮގްރާމު ހިންގުމަށް އަހަރަކު 400 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާނެ ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.
 މިދިޔަ އަހަރު ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މި ޕްރޮގްރާމު އިއުލާނު ކުރައްވާ ރައީސް ވިދާޅުވީ:
ޕްރޮގްރާމުގައި ބައިވެރިވެގެން އަސްކަރީ ތަމްރީނު ހޯދަން ޖެހޭނެ
ތަމްރީން ހޯދައިގެން ޕްރޮގްރާމު ނިންމާ މީހުން ސިފައިންގެ ނުވަތަ ފުލުހުންގެ އޮފިސަރަކަށް ބަދަލުވާނެ
މީގެ ނަތީޖާއަކީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭ ސަލާމަތީ ބާރުތަކަށް ގާތްގަނޑަކަށް 5000އެއްހާ އޮފިސަރުން އިތުރުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ