ރާއްޖޭގެ އެންމެ މަގުބޫލު އަދި އެންމެ ވަރުގަދަ ފުޓްބޯޅަ ޓީމުތަކާއި ކުޅުންތެރިން ފެނިގެންދާނެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ މި ފޯރިގަދަ މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ 5 ފެބްރުއަރީގެ ނިޔަލަށް، ގަލޮޅު ރަސްމީ ދަނޑުގަ އެވެ.
ރާއްޖޭގެ އެންމެ މޮޅު 10 ފުޓްބޯޅަ ޓީމު ވާދަކުރާ މި މުބާރާތުގައި ފެނިގެންދާނީ:
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
ކްލަބް ވެލެންސިއާ
ވިކްޓްރީ ސްޕޯޓްސް ކްލަބް
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް
ޔުނައިޓެޑް ވިކްޓްރީ
ކްލަބް އީގަލްސް
ޓީސީ ސްޕޯޓްސް ކްލަބް
ބުރު ސްޕޯޓްސް ކްލަބް
ކްލަބް ގްރީން ސްޓްރީޓްސް
އޯޑީ ސްޕޯޓްސް ކްލަބް
"ދިރާގު ދިވެހި ޕްރިމިއާ ލީގު، ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވި އެވެ.
"ފުޓްބޯޅައަކީ ދިވެހިންގެ މެދުގައި އަބަދު ވެސް އެންމެ މަގުބޫލު ކުޅިވަރުކަމުގައި ވީ ހިނދު، ފުޓްބޯޅައަށް އޮތް ލޯތްބާއި ފޯރި އަލުން އިއާދަކުރުމަށާއި ކުޅުންތެރިން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް."
އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް ވަނީ ދިރާގަކީ ފެށުނީއްސުރެ ވެސް ދިވެހި ފުޓްބޯޅައިގެ ކުރިއެރުމުގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފަ އެވެ.
"ރާއްޖޭގައި ފުޓްބޯޅައިގެ ރޫހު އަލުން ދިރުވައި ކުޅުންތެރިންނާއި ކްލަބްތައް އިތުރަށް ތަރައްގީކޮށް ވާދަވެރި ޕްލެޓްފޯމްތައް ގާއިމްކޮށް، މި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް އެހީތެރިކަން ބޭނުންވެފައިވާ މި ދަނޑިވަޅުގައި ދިރާގުން ދީފައިވާ އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކުރަން،" އޭނާ ވިދާޅުވި އެވެ.
ދިރާގުން އަންނަނީ ރާއްޖޭގައި ކުޅިވަރު ތަރައްގީކުރުމަށާއި މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މި ފަދަ މުހިންމު ހަރަކާތްތަކަށް އެންމެ ކުރީ ސަފުގައި އެއްބާރުލުން ދެމުންނެވެ.
ދިރާގުން ދިވެހި ޕްރިމިއާ ލީގުގެ މައި ސްޕޮންސަރަކަށް ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ