ރައީސުލްޖުމްހޫރިއްޔާގެ ދައުރު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގޭގޮތަށް އޮތް ބިލު ތަސްދީގުކޮށްފި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގޭގޮތަށް އޮތް ބިލު ތަސްދީގުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރު ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާ ބަދަލު ކުރަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މުއިއްޒު އެ ބިލު ތަސްދީގުކުރެއްވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. މިއާއެކު އެމަނިކުފާނަށް އަދި ރައްޔިތުންގެ މަޖިލީހަށް އާންމުންގެ ހިޔާލު ހޯދަން ވޯޓުތަކަށް އެހޭނެ އެވެ. އެކަމަށް ދާ ހަރަދު ހަމަޖައްސަން ޖެހެނީ ދައުލަތުގެ ބަޖެޓުންނެވެ.
ހޯމަ ދުވަހު ދައުރުން ބޭރުން ޖަލްސާގައި ނެގި ވޯޓު ވޯޓުގައި ބައިވެރިވި 76 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ވޯޓު ދިނީ ބިލު ފާސްކުރުމަށެވެ. ބިލާ ދެކޮޅަށް 12 މެންބަރަކު ވޯޓު ދެއްވި އެވެ.
މަޖިލީހުން ބިލު ފާސްކުރީ ގެ ކޮމިޓީގައި ބިލަށް ބައެއް އިސްލާހުތައް ގެނައުމަށްފަހު އެވެ. ބިލަށް ބަދަލު ގެންނަން ހުށަހަޅާ ތާއީދު ކުރީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ.
އެގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގުމަށް މަޖިލީހުން ގަރާރު ފާސްކޮށް އެދޭ ތާރީހުން ނުވަތަ ރައީސުލްޖުމްހުރިއްޔާ ގަރާރު ނެރުއްވާ ތާރީހުން ފެށިގެން ވޯޓު ނެގުމާމެދު 45 ދުވަސް އޮންނަން ޖެހޭނެ ކަމަށް އޮތް އޮތުން ވަނީ ބަދަލުކޮށްފަ އެވެ. ކޮމިޓީން އެ މާއްދާ ބަދަލުކޮށްފައިވަނީ 45 ދުވަހަށްވުރެ މަދު މުއްދަތެއްގެ ތެރޭ ވޯޓު ނެގުމުގެ އިހުތިޔާރު އީސީ އަށް އޮންނާނެ ގޮތަށެވެ.
މީގެ އިތުރުން، މިފަދަ ވޯޓެއް ފާސްވާނީ ސައްހަ ވޯޓުގެ 50 އިންސައްތަ އަށްވުރެ އިތުރަށް ވޯޓު ލިބިގެން ކަމަށް ބުނާ މާއްދާއެއް ވެސް ކޮމިޓީން ވަނީ އިތުރުކޮށްފަ އެވެ.
އަދި، ވޯޓަށް ބޭނުންވާ ފައިސާއަށް އެދޭތާ 10 ދުވަހުގެ ތެރޭ އެކަން ފިނޭންސް މިނިސްޓްރީން އީސީއަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުނާ މާއްދާ އެއް ބިލަށް ވަނީ އިތުރުކޮށްފަ އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ސްޕޮންސާކޮށްގެން ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ބިލުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާ ގުޅޭ މާއްދާއެއް ބަދަލު ކުރާ ނަމަ ނުވަތަ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ނުވަތަ ގައުމީ މުހިންމު މައްސަލަތަކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ