ރޯވީ ނަސަންދުރާއަކު ނޫން, ކުނިތަކެއްގައި

މާލޭގައި ހިންގާ ފަސްތަރީގެ ހޮޓެލް، ބާސެލޯ ނަސަންދުރާ ކައިރީ ބަހައްޓާފައި ހުރި ކުނިތަކެއްގައި ރޯވެ، މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނީ، ރޯވި ކުނިތައް ހުރީ ނަސަންދުރައިގެ އިރުމަތީގައި ކަމަށާއި މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. މި ހާދިސާއާ ގުޅިގެން ދައުރުވަމުން އަންނަ ވީޑިއޯތަކާ ފޮޓޯތަކުން ފެންނަ ގޮތުގައި، އަލިފާން ރޯވި ވަގުތު ނަސަންދުރައިގެ ބިއްދޮށަށް އޮންނަ އަމީރު އަހުމަދު މަގާއި އެ ސަރަހައްދަށް ވަރަށް ބޮޑަށް ކަޅު ދުމުގެ އަސަރުކުރިއެވެ. https://x.com/MNDF_Official/status/1968564977754849788 މީގެ އިތުރުން، އެ ސަރަހައްދުގައި އަލިފާން ނިއްވުމަށް އެމްއެންޑީއެފް ފަޔާ ފައިޓަރުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ. ފާހަގަކުރެވޭ ގޮތުގައި، މާލޭގައި ދޭތެރެއަކުން އަލިފާނުގެ ހާދިސާތައް ހިނގައެވެ. މިދިޔަ އޭޕްރީލް 28ގައި ހުޅުވި ނަސަންދުރައަކީ، 90 މިލިއަން ޑޮލަރު ހޭދަކޮށްގެން ހެދި ފަސްތަރީގެ ހޮޓަލެކެވެ. އެ ހޮޓަލުގައި 136 ކޮޓަރި ހުންނައިރު، އެ ތަން ތަރައްގީކޮށްފައިވަނީ 116 ސާވިސް އެޕާޓްމަންޓާއި ޕޫލާއި އެހެނިހެން ޒަމާނީ އެތައް ޚިދުމަތެއް ލިބޭގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ