ކްލަބް މޯލްޑިވްސް ކްލަސިކް: ކްލަބް 220 ބަލިކޮށް ޓްރާންސްޕޯޓް ދެ ވަނަ ބުރަށް ކްލަބް މޯލްޑިވްސް ކްލަސިކް: ކްލަބް 220 ބަލިކޮށް ޓްރާންސްޕޯޓް ދެ ވަނަ ބުރަށް

ކްލަބް މޯލްޑިވްސް ކްލަސިކްގައި ރޭ ކްލަބް 220 އަތުން 3-1 އިން މޮޅުވެ، ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފި އެވެ.
ގްރޫޕް އޭގައި ފުރަތަމަ ކުޅުނު ދެ މެޗުން ވެސް ޓްރާންސްޕޯޓް މޮޅުވިއިރު، އެ ޓީމަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ކްލަބް 220 އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެގްރި ރެކްރިއޭޝަން ކްލަބުން ވަނީ 4-2 އިން ކްލަބް އެސްޑީއެފްސީ ބަލިކޮށް، ތިން ޕޮއިންޓް ހޯދައިފަ އެވެ. ފުލުގައި އޮތް އެސްޑީއެފްސީ އަށް ޕޮއިންޓެއް ލިބިފައިނުވެ އެެވެ.
މި ގްރޫޕްގެ ފަހު މެޗުތަކުގައި، އެސްޑީއެފްސީން ކުޅޭނީ ޓްރާންސްޕޯޓާ އެވެ. ދެ ވަނަ ބުރުގެ ޖާގަ އަކަށް، އެގްރި އާއި ކްލަބް 220 އިން ކުރިމަތިލާނެ އެވެ.
ރޭގެ މެޗުގައި، ޓްރާންސްޕޯޓަށް ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަނާން އަލީ އާއި ރައުހާން ރިއްފަތު އަދި އަލީ ރާއިފް އާދަމް ސައީދު އެވެ. ކްލަބް 220ގެ ލަނޑު ޖެހީ އަންސަރު އިބްރާހިމް (އަންކޮ) އެވެ. އެގްރިގެ ލަނޑުތައް ޖެހީ، އަލީ ހަމްދޫން ހުސައިން ހެޓްރިކެއްގެ އިތުރުން އައިމަން އަބްދުލް ރަޝީދު އެވެ. އެސްޑީއެފްސީގެ ލަނޑުތައް ޖެހީ އިސްމާއިލް ޒިޔާން ޒުހެއިރު އާއި އިޒުއާން އަބްދުލް ރައްޒާގު އެވެ.
ގްރޫޕް ބީގައި ރޭ ކްލަބް ޑީޖޭއޭ އިން ވަނީ 5-2 އިން ފިނޭންސް ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. ޑީޖޭއޭގެ ލަނޑުތައް ޖެހީ އިބްރާހިމް ނައިމް ހެޓްރިކެއްގެ އިތުރުން އައްފާން ބިން އަހުމަދު އެވެ. ފިނޭންސްގެ ދެ ލަނޑު ވެސް ޖެހީ ހަސަން އަޒްވާން އެވެ.
މި ގްރޫޕްގައި ރޭ ދެން ކުޅުނު މެޗުން އެމްއައިއޭއާރްސީ އަތުން ޔޫތު ރެކްރިއޭޝަން ކްލަބް ބަލިވީ 3-2 އިންނެވެ. ރޭގެ މެޗުގައި، އެމްއައިއޭއާރްސީގެ ލަނޑުތައް ޖެހީ މުހައްމަދު ސަޔާމް ސައީދު އާއި ހުސެއިން އިރުޝާދު އަދި ރައުފަތު އަބޫބަކުރު އެވެ. ޔޫތުގެ ލަނޑުތައް ޖެހީ، މުހައްމަދު ޒިދާން އަހުމަދު އެވެ.
ގްރޫޕް ބީގެ އެއް ވަނައިގައި ޑީޖޭއޭ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް ފިނޭންސާއި ތިން ވަނައިގައި އޮތް އެމްއައިއޭރްސީ އަށް ތިން ޕޮއިންޓް ލިބިފައިވެ އެވެ. އަދި، ފުލުގައި އޮތް ޔޫތަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ