ފުވައްމުލައް ފެނަށް ޖެހުނީ ކުރީ ދެ ސަރުކާރުގެ އިހުމާލުން ކަމަށް ފަޒާދު ވިދާޅުވެއްޖެ ފުވައްމުލައް ފެނަށް ޖެހުނީ ކުރީ ދެ ސަރުކާރުގެ އިހުމާލުން ކަމަށް ފަޒާދު ވިދާޅުވެއްޖެ

ފުވައްމުލަކުގެ ފެނުގެ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ފެން ތަޣައްޔަރުވުމުން އެ ސިޓީން ފެން ކަނޑާލައި، ބޮޑު އާބާދީއެއް ފެނަށް ޖެހުނީ ކުރީ ދެ ސަރުކާރުގެ އިހުމާލުން ކަމަށް ދޭހަވާ މޭރުމަކުން ފުވައްމަލުކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވެއްޖެ އެވެ.
ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ފަޒާދު ވިދާޅުވީ ވޭތުވެދިޔަ ހަފުތާ ނޫސްތަކުގެ ފަލަ ސުރުހީތަކަށް ފުވައްމުލަކު ފެނުގެ ނިޒާމުގެ މައްސަލަ އެރި ކަމަށާއި އެ ނިޒާމަށް އިހުމާލުވީ ނިމިދިޔަ ދެ ސަރުކާރުން ކަމަށެވެ.
"މިދިޔަ ހަފުތާގައި ފަލަ ސުރުހީގައި އޮތީ ފުވައްމުލަކު ފެނުގެ ނިޒާމުގެ ވާހަކަ. ފުވައްމުލަކުގެ ފެނުގެ ނިޒާމަކީ ނިމިދިޔަ ދެ ސަރުކާރުން ހަމަ އިހުމާލުވެފައިވާ ކަމެކޭ އަޅުގަނޑު ދަންނަވާނީ،" ފަޒާދު ވިދާޅުވި އެވެ.
އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ފުވައްމުލަކުގައި ހިންގި ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއު ހިންގީ އެންމެ އެކަށޭނަ ގޮތަކަށް ނޫން ކަމަށާއި އޭރު ހޮޅިތައް ވަޅުލީ މަގުތަކުގައި ތާރު އަޅާނެ ކަމަށް ނުވިސްނާ ކަމަށް އޭނާ މިއަދު ވިދާޅުވި އެވެ.
އެ މަޝްރޫއު ހިންގިއިރު، ފަޒާދު ހުންނެވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރުގެ ގޮތުގައި ޔާމީނުގެ ސަރުކާރާއެކު އެވެ. މަޝްރޫއު ކުރިއަށް ގެންދިޔައީ އޭނާގެ ތާއީދާ ވެސް އެކު އެވެ.
ފުވައްމުލަކުގެ ފެނުގެ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ފެން ތަޣައްޔަރުވުމުން ރަށުން ފެން ކަނޑާލީ ނޮވެމްބަރު 10، ގަ އެވެ. އަލުން ފެން ދޫކުރަން ފެށީ އޭގެ ހަތަރު ދުވަސް ފަހުންނެވެ. ނަމަވެސް، އޭގެ ފަހުން ދޫކުރަމުންދާ ފެން ތަޣައްޔަރުވެފައިވާ ކަމަށް އެ ރަށު ރައްޔިތުން ދަނީ ބުނަމުންނެވެ.
ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުންވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުންވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ފުވައްމުލަކުން ފެން ކަނޑާލުމަށްފަހު ފެން ދޫކުރަން ފެށި ފަހުން އަންނަނީ ސާފުނޫން، ކިލަނބު ފެން ކަމަށާއި އެ ފެނުގެ ވަސް ދުވާ ކަމަށް ބުނެ އެ ރަށުގައި ދިރިއުޅޭ މީހުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން ވެސް ވަނީ ފެނުގެ ރައްކާތެރިކަން ކަށަވަރުނުވާ ކަމަށް ބުނެފަ އެވެ.
ފުވައްމުލަކުން އަދަދު އާ ވާހަކަ ދެއްކި މީހަކު ބުނީ ބައެއް ސަރަހައްދުތަކަށް ދޫކޮށްފައި ހުރި ފެނަކީ ބޭނުންކުރަން ރަނގަޅު ފެން ކަމަށް ނުބެލެވޭ ކަމަށެވެ. ސަބަބަކީ އެ ފެނުގެ ކުލަ އާއި ވަހަށް ބަލާފައި ރައްކާތެރިކަން ކަށަވަރުނުވުން ކަމަށް އޭނާ ބުންޏެވެ.
"ފެނުގެ މައްސަލަ އަދިވެސް ނުވޭ ހައްލެއް. ކުލަ ގޮއްސަހުރީ. ތައްޓަށް އަޅާލީމަ ހުންނަނީ ކުރުނބާ ތައްޓެއްހެން. ބޯން ރަނގަޅެއް ނުވާނެ އެ ފެނެއް،" އޭނާ ބުންޏެވެ.
ނަމަވެސް، އެކަމާއި ގުޅިގެން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުރުސަތެއް ނުދެއްވި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އަދި އެކަމާމެދު ބަހުސް ކުރުމަށް ފުރުސަތު ދިނުމުގެ ބަދަލުގައި އަބްދުއްރަހީމް ވިދާޅުވީ ކުއްލި މައްސަލަތަކަކީ ހަގީގަތެއްގެ މައްޗަށް ބިނާވާ މައްސަލައަކަށް ވާންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ ކަމަށެވެ.
ފުވައްމުލަކަށް ދޫކުރާ ފެނަކީ ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުކުރު ދުވަހު ބުނެފައިވާތީ، މި މައްސަލާގައި ބުނާ ހާލަތަކީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެ، މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ