ކާބޯތަކެތީގައި ހިމެނޭ 100 އަށްވުރެ ގިނަ ބާވަތްތަކުން ޓެރިފް ކަނޑާލުމަށް ޓްރަމްްޕް ނިންމަވައިފި

ވޮޝިންޓަން (15 ނޮވެންބަރު 2025): ދުނިޔޭގެ ގައުމުތަކުން އެމެރިކާއަށް އެކްސްޕޯޓްކުރާ މުދަލުގެ ތެރޭގައި ހިމެނޭ 100 އަށްވުރެ ގިނަ ބާވަތުން ޓެރިފް ނެގުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ. ޓްރަމްޕް އިއުލާން ކުރެއްވި ގޮތުގައި އޭނާ އެކަށައެޅުއްވި ޓެރިފް ނިޒާމުގެ ތެރެއިން 100 އަށްވުރެ ގިނަ ބާވަތުން ޓެރިފް ނެގުން ހުއްޓާލަން ނިންމީ ޓެރިފްގެ ސަބަބުން އެތަކެތީގެ އަގުތައް ބޮޑުވެ އެމެރިކާގެ ގިނަ ބަޔަކަށް އެތަކެތި ގަންނަން ދަތިވާ ހިސާބަށް އަގު އަރައިގެން ދިޔުމުންނެވެ. ޓްރަމްޕް ވަނީ ކާބޯތަކެއްޗަށް ނިސްބަތްވާ 100 އަށްވުރެ ގިނަ ބާވަތުން ޓެރިފް ނެގުން ހުއްޓާލިކަން ބަޔާންކޮށް ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. މި ބާވަތްތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގައި ވަރަށް މަދުން އުފައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކާއި، ގެރިމަހާއި، ނަޓްސްގެ ބާވަތްތަކުގެ އިތުރުން ކަރަންފޫ، ކާފޫރުތޮޅި އަދި ކޮފީއާއި ސައި ފަދަ ތަކެއްޗެވެ. މިއީ އެމެރިކާ ރައްޔިތުންގެ ކެއުމަށް ކޮންމެ ދުވަހަކު ބޭނުންވާ ތަކެއްޗެވެ. ޓްރަމްޕް އެޅުއްވި ޓެރިފްގެ ފިޔަވަޅުތަކުގެ ސަބަބުން މިތަކެތީގެ އަގުތައްވަނީ ހަތަރު ގުނަ ބޮޑުވެފައެވެ. އެހެންކަމުން އެމެރިކާގެ އާންމުންގެ ޖީބުތަކަށް ޚާއްސަކޮށް ފަގީރުންނާއި މެދުފަންތީގެ މީހުންގެ ޖީބުތަކަށް އެކަމުގެ ސަބަބުން ވަނީ ބާރުބޮޑުވެފައެވެ. އެމެރިކާއަކީ އެ ގައުމުގެ އާންމުންގެ ކެއިން ބުއިމާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތީގެ ތެރެއިން ގާތްގަނޑަކަށް 75 އިންސައްތައަށްވުރެ ވެސް ބޮޑު ބައެއް ބޭރު ގައުމުތަކުން އެކްސްޕޯޓް ކުރާ ގައުމެކެވެ. އެމެރިކާގައި ވެސް މޭވާއާއި ތަރުކާރީ އެއްގަމު މަސް އަދި ގްރޯސަރީގެ ބާވަތްތަކާއި ގޮވާމުގެ ބާވަތްތައް އުފައްދައެވެ. ނަމަވެސް އެމެރިކާ ރައްޔިތުންގެ ޑިމާންޑާ ގާތްކުރާ ވަރަށް ވެސް ނުއުފެއްދެއެވެ. އެހެންކަމުން ކެއިން ބުއިމަށް ބޭނުންވާ ގިނަ ތަކެތި އިންޕޯޓް ކުރަންޖެހިފައި ވަނީ ބޭރު ގައުމުތަކުންނެވެ. ޓްރަމްޕް ވަނީ ބޭރު ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ ހުރިހާ ބާވަތްތަކަކުން ވެސް މަތީ ޕަސެންޓަކަށް ޓެރިފް ނެގުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ޗައިނާ ފަދަ ގައުމުތަކުގެ އުފެއްދުންތަކަށްވަނީ ސައްތައިން ސައްތައަށް ވުރެ ވެސް އިތުރަށް ޓެރިފްގެ ފިޔަވަޅުތައް އަޅާފައެވެ. އެއް ގައުމަކަށް ބަލާއިރު އެމެރިކާއަށް އެންމެ ގިނަ ތަކެތި އެތެރެ ކުރަނީ ޗައިނާއިންނެވެ. ދެން ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކާއި އިންޑިއާއިންނެވެ. އެމެރިކާއަކީ މައިގަނޑު ގޮތެއްގައި މަތިންދާ ބޯޓާއި ހަތިޔާރު އަދި ފަޒާގެ ބާވަތްތަކާއި ސޮފްޓްވެއާ އަދި ފޯނާއި ޑިޖިޓަލް ބާވަތްތައް އުފައްދާ ގައުމެކެވެ. އިލެކްޓްރޯނިކް ސާމާނާއި އިމާރާތް ކުރުމަށް ބޭނުންވާ ހާޑްވެއާއާއި އެނޫންވެސް އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ތަކެތި އެމެރިކާގައި އުފައްދަނީ ވަރަށް މަދުންނެވެ. މިތަކެތި ގެންނަން ޖެހެނީ މައިގަނޑު ގޮތެއްގައި ޗައިނާ ފަދަ ގައުމުތަކުންނެވެ. ސަތޭކައަށް ވުރެ ގިނަ ބާވަތުން ޓެރިފް ނެގުން ހުއްޓާލުމަށް ޓްރްމްޕަށް މަޖުބޫރުވުމަކީ އޭނާ ގެންގުޅުއްވާ ޓެރިފް ސިޔާސަތު ފެއިލް ވަމުންދާކަމުގެ ހެއްކެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ކާބޯތަކެތީގެ އިތުރުން އާންމު ދިރިއުޅުމަށް ބޭނުންވާ ހާޑްވެއާ ފަދަ ގިނަ ބާވަތްތަކުގެ އަގު ވެސް ޓްރިފްގެ ސަބަބުން އެމެރިކާގައި ބޮޑުވެ، އާންމުންގެ ޖީބުތަކަށް ބާރުބޮޑުވަމުންދާތީ މީގެ ތެރޭގައި ހިމެނޭ ބައެއް ބާވަތްތަކުން ޓެރިފް ކަނޑާލުމަށްވެސް ޓްރަމްޕް ވިސްނަވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ