ރާއްޖެއަށް ފަތުރުވެރިން ގިނަކުރަން ބޭނުންނަމަ، ޓިކެޓުގެ އަގުތައް ވާންޖެހޭނީ ވާދަވެރި، ހެޔޮ އަގުތަކަކަށް: ޢަމްރު

ރާއްޖެއަށް ގިނަ ފަތުރުވެރިން ގެންނަން ބޭނުންނަމަ، ރާއްޖެއަށް ފަތުރުވެރިން ގެންނަ އަގުތައް ވާންވާނީ ވާދަވެރި، ހެޔޮ އަގުތަކަކަށް ކަމަށް، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރު މުޙައްމަދު ރަޝާދު މިއަދު ވިދާޅުވެއްޖެއެވެ. ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޖެޓް ފިއުލްގެ އަގު ބޭރުގެ ބާޒާރުގައި އުފުލިފައިވާ ދަނޑިވަޅުގައި، ރާއްޖޭގެ އެއާޕޯޓުތަކާ ބެހޭ ކުންފުނި އެމްއޭސީއެލުން ވަނީ މަތިންދާބޯޓުތަކަށް ވިއްކާ ޖެޓް ފިއުލްގެ އަގު ބޮޑުކޮށްފައެވެ. https://sun.mv/219144 މިކަމާ ގުޅިގެން 'ސަން'ގެ ޚަބަރު ރީޕޯސްޓުކުރައްވައި، ޢަމްރު 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައިވަނީ، އެމްއޭސީއެލަށް އެންމެ ބޮޑު ފައިދާއެއްވަނީ ޖެޓް ފިއުލް ވިއްކައިގެން ކަމަށެވެ. އެކަމަކު ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވާ އިގުތިޞާދެއް އޮންނަ ގައުމެއްގައި އެއާޕޯޓުތައް ވާންވާނީ މުހިންމު ވަސީލަތަކަށް ކަމަށާއި، އެއީ ފައިދާތައް އިތުރުކުރާ މަރުކަޒުތަކެއް ނޫން ކަމަށް ޢަމްރު ލިޔުއްވާފައިވެއެވެ. އެމްއޭސީއެލުން ޖެޓް ފިއުލް ވިއްކާ އަގު 1.69 ޑޮލަރަށް އަގު ބޮޑުކުރި ކުރުމަށް އިޝާރާތްކުރައްވައި ޢަމްރު ލިޔުއްވިގޮތުގައި، އަވައްޓެރި އެއާޕޯޓުތަކަށްވުރެ ރާއްޖޭގައި ޖެޓް ފިއުލް ވިއްކާ އަގު ބޮޑެވެ. https://x.com/HusenAmr/status/2032744543167328414 "އަހަރެމެން ފަތުރުވެރިން [ރާއްޖެއަށް] ގިނައިން ގެންނަން ބޭނުންނަމަ، ރާއްޖެއަށް ގެންނަ އަގަކީ [ފަތުރުވެރިކަމުގެ އެހެން މާކެޓުތަކަށްވުރެ] ވާދަވެރި އަގަކަށް ވާން ޖެހޭނެ، ވައިގެ އުދުހުންތަކުގެ ސިޔާސަތަކަށް ވާންވާނީ ފަތުރުވެރިން އިތުރުކުރުން، ފިއުލް ވިއްކައިގެން ބިލިއަނުން އާމްދަނީ ހޯދުމެއްނޫން،" ޢަމްރު ލިޔުއްވާފައިވެއެވެ. މިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަމްރު ވިދާޅުވީ، ސްރީލަންކާއަށް ފަތުރުވެރިން އިތުރުކުރުމަށްޓަކައި އެ ގައުމުގެ މައި އެއާލައިން "ސްރީލަންކަން އެއާލައިންސް"ގެ ފުލައިޓުތަކުގެ ޓިކެޓުތަކުގެ އަގުތައް ތިރިކުރަމުން އަންނަ ކަމަށެވެ. ސްރީލަންކަން އެއާލައިންސްގެ ޓިކެޓުތަކުގެ އަގު ދަށްކުރި ނަމަވެސް، އެ ގައުމުގެ މުޅި އިގުތިޞާދަށް ހެޔޮ އަސަރެއް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/219037 އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދާ ހަވާލާދީ 'އޭވިއޭޓާސް މޯލްޑިވްސް' އިން އިއްޔެ ބުނީ ޖެޓް ފިއުލް ލީޓަރެއް ކުރިން ވިއްކީ 1.19 ޑޮލަރަށް ކަމަށެވެ. ނަމަވެސް މިހާރު 1.69 ޑޮލަރަށް ޖެޓް ފިއުލް ލީޓަރެއްގެ އަގު ވަނީ ބޮޑުކޮށްފައެވެ. އެއީ 50 ސެންޓުގެ އިތުރުވުމެކެވެ. އެ އިތުރުވުމާއެކު 42 ޕަސެންޓުގެ އިތުރުވުމެއް އަންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިއީ ފާއިތުވި އަހަރުތަކުގައި ވެސް ޖެޓް ފިއުލްގެ އަގު އެންމެ ބޮޑުވި ފަހަރެވެ. އެމްއޭސީއެލަށް ޖެޓް ފިއުލް ސަޕްލައިކުރާ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން އެންމެ ގިނައިން އެތެރެކުރަނީ އޮމާންގެ ރިފައިންޑް ޕެޓްރޯލިއަމް އުފެއްދުންތަކެވެ. ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލާއި ރިފައިންޑް އުފެއްދުންތަކުގެ އަގު އުފުލެމުންދާއިރު، ރާއްޖެއަށް ދަނީ ސީދާ އަގުތައް އުފުލަމުންނެވެ. ރާއްޖޭގައި ގިނައިން ބޭނުންކުރާ އޭޓީއާރު މަރުކާގެ ބޯޓުތަކަށް ގަޑިއިރެއްގެ ދަތުރުތަކަށް ގާތްގަނޑަކަށް 750 - 950 ލީޓަރާ ދޭތެރޭ ޖެޓް ފިއުލް ބޭނުންވާނެއެވެ. އޭޓީއާރު ބޯޓެއްގެ ފިއުލް ކެޕޭސިޓީއަކީ 6،200 ލީޓަރާއީ، 6،500 ލީޓަރާ ދެމެދެވެ. އެންމެ ބޮޑެތި ބޮއިން 747 މަރުކާގެ ބޯޓުތަކަށް ވެސް 150،000 ލީޓަރުގެ ޖެޓް ފިއުލް ބޭނުންވާނެއެވެ. އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމަކީ ރައްޔިތުން އަބަދު ވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. ވަކީން ޚާއްސަކޮށް ޢީދު ބަންދާއި ބޮޑު ޗުއްޓީފަދަ ބަންދު ދުވަސްވަރު އެތެރޭގެ އުދުހުންތަކުގެ އަގު އިންތިހާއަށް އަރައިގެން ދާކަން ފާހަގަކޮށްލަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ