ދަރިންނަށް 2 އަހަރު ވަންދެން އަންހެން މުވައްޒަފުންނަށް ހުސް ވަގުތު ލިބޭ އިސްލާހު ތަސްދީގުކުރައްވައިފި

ކުދިންނަށް ދެ އަހަރު ވަންދެން, މުސާރައިން ނުކެނޑޭ ގޮތަށް އަންހެން މުވައްޒަފުންނަށް ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތް ހެދުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ. މި އިސްލާހު ތަސްދީގުކުރުމާ ހަމައަށް، ވަޒީފާއާބެހޭ ގާނޫނުގައި ވަނީ، ކުދިންނަށް އެއް އަހަރު ވަންދެން، މުސާރައިން ނުކެނޑޭ ގޮތަށް އަންހެން މުވައްޒަފުންނަށް ދުވާލަކު ދެ ފަހަރު ބައިގަޑިއިރު ހުސްކުރެވޭނެ ކަމަށެވެ. ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝަމީޒު ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅުއްވީ އެއް އަހަރު ދެ އަހަރަށް ބަދަލުކުރުމަށެވެ. މިދިޔަ އާދީއްތަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި، ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުން ވަނީ ބިލު ފާސްކޮށްފައެވެ. ފާހަގަކުރެވޭ ގޮތުގައި އެ ބިލަށް ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޙުސައިން ސަމީރު އިސްލާހެއް ހުށަހެޅުއްވިއެވެ. އޭނާ ހުށަހެޅުއްވީ 30 މިނެޓުގެ ބަދަލުގައި އެ ވަގުތު 45 މިނެޓަށް ދިގު ކުރުމަށެވެ. ނަމަވެސް ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ވަނީ، އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ނިންމައިފައެވެ. ސަރުކާރު ފަރާތުން ހުށަހެޅި މި އިސްލާހުގައިވާ ގޮތުން، މަސައްކަތްތެރިންގެ ދުވަހަކީ ގާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހަކަށް ވާނެއެވެ. އަދި އެންމެ ކުދި ވިޔަފާރިތަކާއި، ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތައް ގާނޫނުގެ ދަށުން ދައްކަންޖެހޭ، ވަކި ވިޔަފާރިތަކެއް، ކޯޓާފީ ދެއްކުމުން އިސްތިސްނާކުރުމަށް، ވަޒީރުންގެ މަޖިލީހަށް ނިންމިދާނެކަމަށްވެސް، އިސްލާހުގައިވެއެވެ. މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަނީ ވިހެއުމުން މުސާރަ ލިބޭ ގޮތަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް މައިންނަށް ދޭން ފަށައިފައެވެ. އޭގެ ކުރިން ލިބެނީ ތިން މަހުގެ ޗުއްޓީއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ