ފެންނަނުފެންނަ ވޯޓާއި ކައުންސިލު ވޯޓު ގާތުގައި އޮއްވައި، އާރްޑީސީއަށް 150 މުވައްޒަފުން ނަގަނީ

ބޮޑު އިންތިޚާބެއް ބޯމަތިވެފައި އޮއްވައި، ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ސަރުކާރު ކުންފުންޏެއްކަމަށްވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން އެ ކުންފުނީގެ މަޝްރޫއުތަކަށް ބޭނުންވާކަމަށް ބުނެ ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް މިއަދު އިއުލާންކޮށްފިއެވެ. އެ ކުންފުނިން ރާއްޖޭގެ ހަ ރަށެއްގެ ސައިޓުތަކަށް ބޭނުންވާ 150 ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން [email protected] އަށް ފޯމު ހުށަހަޅަންޖެހެއެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް އާރުޑީސީން މުވައްޒަފުން ހޯދަން އިޢުލާންކޮށްފައިވާ ރަށްތަކަކީ: ހއ. އުލިގަން އއ. ރަސްދޫ ޅ. ނައިފަރު ކ. ކާށިދޫ ޅ. ހިންނަވަރު ތ. މަޑިފުށި އާރުޑީސީން ވަކިވަކިން ކޮށްފައިވާ އިޢުލާންތަކަށް ބަލާއިރު، އެންމެ ގިނަ މުވައްޒަފުން ބޭނުންވަނީ އުލިގަމާއި ރަސްދުއަށެވެ. އެއިން ކޮންމެ ރަށަކަށް 50 މުވައްޒަފުން ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ. މީގެ އިތުރުން ކާށިދޫއަށް 24 މުވައްޒަފުން، މަޑިފުށިން 13 މުވައްޒަފުން، އަދި ނައިފަރުން 12 މުވައްޒަފުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ. ހިންނަވަރުން ހުޅުވާލާފައިވަނީ އެއް ފުރުސަތަށެވެ. އިންތިޚާބުތަކާ ދިމާކޮށް ސަރުކާރު ހިއްސާ އޮންނަ ބޮޑެތި ކުންފުނިތަކުން ވަޒީފާތައް "ބެހުން" ވެފައިވަނީ ސަރުކާރުތަކުން ވަރަށް އާންމުކޮށް ކުރާ ކަމަކަށެވެ. ކޮރަޕްޝަނަށް މަގުފަހިވާހެން ސަރުކާރުގެ މިފަދަ ވަސީލަތްތައް ބޭނުންކުރާކަމަށް މީގެ ކުރިން އާންމުކޮށްފައިވާ މިނިވަން މުއައްސަސާތަކުގެ ރިޕޯޓުތަކުން ވެސް ހާމަވެއެވެ. މިގޮތަށް ވަޒީފާ ދިނުން އެންމެ އާންމު ކުންފުނިތަކުގެ ތެރޭ ގެއްލުމުގައި ހިންގާ ފެނަކައާއި، ހިންގުން ދަށްވަމުން އަންނަ އެންމެ ބޮޑު އެއް ކުންފުނި އެމްއޭސީއެލް، ސްޓެލްކޯ، އަދި އާރްޑީސީ ފަދަ ކުދިކުދި ކުންފުނިތައް ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ