ދަރިންނަށް ދެ އަހަރުވަންދެން ހުސްވަގުތު ދޭ ބިލު ތަސްދީގުކޮށްފި

ދަރިންނަށް ދެ އަހަރު ފުރެންދެން، މުވައްޒަފުންނަށް ކޮންމެ ދުވަހަކު ހުސް ވަގުތު ދޭންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.މި އިސްލާހު ތަސްދީގުކުރުމާ ހަމައަށް، ވަޒީފާއާބެހޭ ގާނޫނުގައި ވަނީ، ކުދިންނަށް އެއް އަހަރު ވަންދެން، މުސާރައިން ނުކެނޑޭ ގޮތަށް އަންހެން މުވައްޒަފުންނަށް ދުވާލަކު ދެ ފަހަރު ބައިގަޑިއިރު ހުސްކުރެވޭނެ ކަމަށެވެ. ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒު ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅުއްވީ އެއް އަހަރު ދެ އަހަރަށް ބަދަލުކުރުމަށެވެ.އޭގެ އިތުރުން ބައެއް ބާވަތުގެ ވިޔަފާރިތަކަށް ބިދޭސީން ގެނައުމުގެ ކުރިން ދައްކަންޖެހޭ ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ކުރުމުގެ ބާރު ކެބިނެޓަށް ލިބޭ ގޮތަށް ވެސް ވަނީ ހިމަނައިފަ އެވެ. އަދި އެގޮތަށް އިސްތިސްނާއެއް ދެވޭނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި އާ ވިޔަފާރިތަކަށް ފުރުސަތު ދިނުމާއި ވިޔަފާރީގެ ވާދަވެރިކަން އުފެއްދުމަށް ކަމަށެވެ.މީގެއިތުރުން، ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހަކީ ގާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅައިފަ އެވެ.މިދިޔަ އާދީއްތަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި، ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުން ވަނީ ބިލު ފާސްކޮށްފަ އެވެ.ރައީސް އެ ބިލު ތަސްދީގުކުރެއްވުމާ އެކު މިއަދުން ފެށިގެން އެ ގާނޫނަށް ވަނީ އަމަލުކުރަން ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ