ކޯޓާ ފީ މާފު ކުރުމާއި ދަރިފުޅަށް 2 އަހަރު ވަންދެން ހުސް ވަގުތު ލިބޭ އިސްލާހު ތަސްދީގުކޮށްފި

ސަރުކާރުގެ މުވައްޒަފުންގެ ދަރިންނަށް 2 އަހަރު ވަންދެން މުސާރައިން ނުކެނޑޭ ގޮތަށް ދުވާލަކު 2 ފަހަރު 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތަށާއި، ބައެއް ބާވަތްތަކުގެ ވިޔަފާރިތަކަށް ގެންނަ ބިދޭސީންގެ ކޯޓާ ފީ ދެއްކުން އިސްތިސްނާ ކުރުން ނުވަތަ އެ ފީ މައާފް ކުރެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ވަޒީފާއާ ބެހޭ ގާނޫނަށް 9 ވަނަ އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރީ މި މަހުގެ 8ގައި ބޭއްވި ޖަލްސާގަ އެވެ.
ތަފްސީލު - އެ އިސްލާހު ގެނައުމުގެ މަގްސަދުތަކުގެ ތެރޭގައި:
ވަޒީފާގެ އެއްބަސްވުން ބާތިލްކުރުމުގެ އުސޫލުތައް ހަރުދަނާކުރުން
ބިދޭސީ މުވައްޒަފުން ގެންނަން ގާނޫނުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ މުރާޖައާކުރުން
ކޯޓާ ފީ ދެއްކުމުން ބައެއް ފަރާތްތައް އިސްތިސްނާކުރުމުގެ އުސޫލު ބަޔާންކުރުން
އެ ނޫނަސް ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ހައްގުތައް ކަށަވަރުކޮށް، އެއް ހައްގުތައް ލިއްބައިދޭ މޭރުމުން ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުން
އެގޮތުން ގެނައި އިސްލާހުތަކުގެ ތެރޭގައި:
ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން 2 އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުން
ވަޒީފާގެ އެއްބަސްވުން ބާތިލުކުރުން - އެއްބަސްވުން ބާތިލުކުރެވޭނީ، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ވަޒީފާ އަދާކޮށްފައިވާ މުވައްޒަފެއް ނަމަ ދެ ހަފްތާގެ ނޯޓިސް ދިނުމަށް ފަހު
ވަޒީފާގެ އެއްބަސްވުން ބާތިލުކުރަން ނޯޓިސް ދިނުމުގެ ބަދަލުގައި އެ ނޯޓިހެއްގެ މުއްދަތަށް، އެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތަކަށްވާ ފައިސާ ދިނުމަށް ފަހު އެއްބަސްވުން ބާތިލުކުރެވިދާނެ
އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތައް ގާނޫނުގެ ދަށުން ދައްކަންޖެހޭ ވަކި ވިޔަފާރިތަކެއް ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށް ކަނޑައެޅުން
ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުން
ރައީސް އެ ބިލު ތަސްދީގުކުރެއްވުމާ އެކު މިއަދުން ފެށިގެން އެ ގާނޫނަށް ވަނީ އަމަލުކުރަން ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ