ނިއު ރޭޑިއަންޓް ކަޓުވާލައި ވެޓަރަންސް ކަޕް ފައިނަލުގެ ފަހު ޖާގަ ހުޅުމާލެ ވެޓަރަންސް އަށް ނިއު ރޭޑިއަންޓް ކަޓުވާލައި ވެޓަރަންސް ކަޕް ފައިނަލުގެ ފަހު ޖާގަ ހުޅުމާލެ ވެޓަރަންސް އަށް

ސެމީ ފައިނަލް ދެ ވަނަ މެޗުގައި މިއަދު ހަވީރު 3-1 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ހުޅުމާލެ ވެޓަަރަންސް ކްލަބުން އެފްއޭއެމް ވެޓަރަންސް ކަޕްގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެެވެ.
ހޯމަ ދުވަހު ހަވީރު ކުޅޭ ފައިނަލުގައި ހުޅުމާލެ ވެޓަރަންސް އިން ކުޅޭނީ ވިލިމާލެ ޔުނައިޓެޑާ އެވެ. ވިލިމާލެ ޔުނައިޓެޑުން ފައިނަލަށް ދިޔައީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޕޮލިސް ކްލަބް ބަލިކޮށްފަ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި ފުރަތަމަ ހާފު ނިމުމުގެ ކުރިން، ހުޅުމާލެ ވެޓަރަންސް އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައި ހަމަޖެހިލައިފަ އެވެ.
އެ ގޮތުން، ހުޅުމާލެ ވެޓަރަންސްގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، ހުސެއިން ވިޝާލް އެވެ. މެޗުގެ 23 ވަަނަ މިނިޓްގައި ވިޝާލް ފުރަތަމަ ލަނޑު ޖެހީ، އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓެ) ނެގި ހިލޭ ޖެހުމަކުން ބޮލުންނެވެ. އޭގެ އިރުކޮޅެއް ފަހުން، އަހުމަދު ޝާއިރު ހުސްކޮށްލާފައި ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ވިޝާލް ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ.
މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހުޅުމާލެ ވެޓަަރަންސް ޓީމުގެ ޒިޔާދު ބޯޅަ ފޮނުވާލަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް
ދެ ވަނަ ހާފު ފެށިގެން މާ ލަސްތަކެއްނުވެ، ނިއުގެ އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުރުސަތަކުން ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން މުހައްމަދު ޒިޔާދު ވަނީ ހުޅުމާލެ ވެޓަރަންސް އަށް ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ.
ނިއުގެ ހަމައެކަނި ލަނޑު މެޗުގެ 56 ވަނަ މިނިޓްގައި ކާމިޔާބުކުރީ އިސްމާއިލް އަނިލް އެވެ. އަރިމަތިން މުހައްމަދު ނިޒާމް (ނިޒާމްބެ) ނަގައިދިން ހުރަހަކަށް އަރައި އަނިލް މި ލަނޑު ޖެހީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި އަހަރުގެ ކުރިން، އެފްއޭއެމް އިން ސީދާ ހިންގުމާ ހަވާލުވެގެން ވެޓަރަންސް މުބާރާތެއް ބޭއްވީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ފެށި މި ވެޓަރަންސް މުބާރާތް އެފްއޭއެމް އިން ބޭއްވި ފަހުން، ދެން، އެފްއޭއެމާ ގުޅިގެން ހިންގުމުގެ ކަންތައްތަކާ ހަވާލުވެގެން ބޭއްވީ އެކިއެކި ފަރާތްތަކުންނެވެ.
އެ ގޮތުން، ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް)، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އަދި ކްލަބް އިވެންޓްސް އިން ވެސް ވަނީ މި މުބާރާތް ބާއްވައިފަ އެވެ. އެންމެ ފަހުން، ކްލަބް އިވެންޓްސް އިން ބޭއްވި، އެފްއޭއެމް ވެޓަރަންސް ލީގުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ވެސް ހޯދީ ހުޅުމާލެ ވެޓަރަންސް އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ