ލާމަރުކަޒީ އިސްލާހު: 2،000 އިން ކުޑަ އާބާދީތަކަށް 3 ކައުންސިލަރުން؛ މާލެއަށް 16

ދެހާސް މީހުންނަށް ވުރެ ކުޑަ އާބާދީތަކަށް ތިން ކައުންސިލަރުން އަދި އެއަށް ވުރެ ބޮޑު އާބާދީތަކަށް ފަސް ކައުންސިލަރުން ތިބޭ ގޮތަށް، ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ސަރުކާރުގެ ފަރާތުން ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ. އޭގެ އިތުރުން، މި އިސްލާހުގައިވާ ގޮތުން ފުވަމުއްލައް ފިޔަވައި ސިޓީތަކުގެ ކައުންސިލަރުންގެ ގޮތުގައި ތިބޭނީ މަޖިލީހުގައި އެ ސިޓީއެއް ތަމްސީލު ކުރާ ދާއިރާގެ އަދަދަށެވެ.
ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާގައި ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ.
ތަފްސީލު - ލާމަރުކަޒީ ގާނޫނުގެ 24 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން:
3،000 މީހުންނަށް ވުރެ އާބާދީ ކުޑަ ރަށްތަކުގައި އިންތިހާބު ކުރަން ޖެހެނީ ފަސް ކައުންސިލަރުން؛ އޭގެ ތެރެއިން އެއް ކައުންސިލަރަކީ އަންހެނަކަށް ވާން ޖެހޭ
3،000 އިން މަތީގެ އާބާދީތަކުގައި ތިބޭނީ ހަތް ކައުންސިލަރުން؛ އޭގެ ތެރެއިން ތިން އަންހެނުން އިންތިހާބު ކުރަން ޖެހޭ
އެ މާއްދާއަށް ފަލާހު ހުށަހެޅުއްވި އިސްލާހުގައި އޮތީ، 2،000 މީހުންނަށް ވުރެ ކުޑަ އާބާދީތަކުގައި ތިން ކައުންސިލަރުން އަދި އެއަށް ވުރެ އާބާދީ ބޮޑެތި ރަށްތަކުގައި ފަސް ކައުންސިލަރުން ތިބޭ ގޮތަށް ހެދުމަށެވެ. އެގޮތުން:
ފަސް ކައުންސިލަރުން ތިބޭ ރަށެއްގައި އަންހެނުންނަށް ހާއްސަ ވަނީ އެއް ސްލޮޓް
ތިން ކައުންސިލަރުން ތިބޭ ރަށެއްގައި އަންހެނުންނަށް ހާއްސަ ކުރަނީ ދެ ސްލޮޓް
ގާނޫނުގެ 41 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން، 10،000 އާއި 30،000އާ ދެމެދުގެ ސިޓީއެއްގެ އާބާދީއަކަށް ހަތް ކައުންސިލަރުން އިންތިހާބު ކުރަން ޖެހެ އެވެ. އަދި 30،000 އާއި 60،000އާ ދެމެދުގެ އާބާދީތަކުގައި 13 ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭއިރު، 60،000 އިން މަތީ އާބާދީތަކަށް 19 ކައުންސިލަރުން ތިބެން ޖެހެ އެވެ.
ގާނޫނުގައި އެހެން އޮތުމުން، މާލެ ސިޓީ ކައުންސިލްގައި މިހާރު ތިބެނީ 19 ކައުންސިލަރުންނެވެ. ފަލާހުގެ އިސްލާހުގައި މާލެ ކައުންސިލަރުން މަދު ކުރުމަށް ހިމަނާފައިވެ އެވެ. އެގޮތުން އިސްލާހުގައި ބުނީ:
މާލެ ސިޓީ އެކުލެވިގެންވަނީ ކައުންސިލްގެ މޭޔަރުގެ އިތުރުން، ގާނޫނުގެ ދަށުން އިންތިހާބު ކުރުން ލާޒިމްވާ އަންހެން މެންބަރުން ހިމެނޭ ގޮތަށް ގާނޫނުއަސާސީ އާއި ގާނޫނުގެ ދަށުން މާލެއަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ ގޮނޑީގެ ނިސްބަތުން އިންހާބު ކުރާ މެންބަރުންގެ މައްޗަށް ކަމަށް
މިހާރު މަޖިލީހުގައި މާލެ ދާއިރާތަކުގެ އަދަދަކީ 16 އެވެ. އެހެންކަމުން، ސަރުކާރުން ހުށަހެޅި މި އިސްލާހުގެ ނަތީޖާއަކީ މާލެ ސިޓީ ކައުންސިލަރުންގެ އަދަދު 19އިން 16އަށް މަދުވުމެވެ.
މީގެ އިތުރުން، ފުވަމުލަކު ސިޓީ ކައުންސިލްގެ މެންބަރުންގެ އަދަދަކީ، އިސްލާހުގައިވާ ގޮތުން، މޭޔަރާ އެކު ނުވަ ކައުންސިލަރުންނެވެ. 
މި އިސްލާހުގައި ދެން ހުރި ސިޓީތަކުގައި ކައުންސިލަރުންގެ އަދަދު ސީދާ ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް މިހާރު ގާނޫނު އޮތް ގޮތުން އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ އާއި މީދޫ ވަކިވުމުން އެ ސިޓީގައި ޖުމްލަ ކައުންސިލަރުންގެ އަދަދު ދެން މަދުވާނެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ސަރުކާރުން މިއަދު ވަނީ އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ވެސް އިސްލާހު ހުށަހަޅާފަ އެވެ. އެހެންވެ، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގައި ގާނޫނުގައި އަތޮޅު ކައުންސިލްއަށް ހާއްސަކޮށްފައިވާ މުޅި ބާބާއި އެ އަތޮޅު ކައުންސިލްއާ ގުޅޭ އެންމެހާ މާއްދާތަކެއް ގާނޫނުން އުނި ކުރުމަށް ހިމަނާފައިވެ އެވެ.
ކައުންސިލަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލް އުވާލާ ގޮތަށް ގާނޫނު އިސްލާހު ކުރާތީވެ، ލޯކަލް ކައުންސިލްތަކުގެ ގާނޫނުގައި މިކަމާ ގުޅޭ މާއްދާތަކަށް ވެސް އިސްލާހު ކުރުމަށް ބިލެއް މިއަދު ހުށަހަޅާފައިވެ އެވެ. އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، ފުވަމުއްލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ