ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ހަރުކޮށްފައި ހުރި، މާލޭ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރާ އިސްމާއީލް ޒަރިޔަންދުގެ ކެމްޕޭން ޕޯސްޓަރުތައް ބަޔަކު ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
ޒަރިޔަންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕޮލިހަށް ހުށަހެޅީ ހުޅުމާލޭގައި ހުރި އޭނާގެ ކެމްޕޭން ޕޯސްޓަރުތަކެއް އެޗްޑީސީގެ ޔުނިފޯމުގައި ތިބި ބަޔަކު ނަގާފައި ވުމާއި އޭނާގެ ސަޕޯޓަރުންގެ އަމިއްލަ ބިންތަކުގައި ހުރި ޕޯސްޓަރުތަކެއް ވަގަށް ނެގި މައްސަލަ ކަމަށެވެ.
"މި ޒަމާނުގައި ހުދުމުހުތާރު ހަމަތަކެއްގައި ހިނގާ ވެރިކަމުގެ އުމުރުކުރުކަން އެނގޭތީ، މާތްﷲ ސވ ގެ މިންވަރުފުޅުން ރައީސުލްޖުމްހޫރިއްޔާ މުއިއްޒުއަށް ހެޔޮވިސްނުން ދެއްވާ، ޑިމޮކްރެޓިކް ހަމަތަކާއި، ގާނޫނާ އެއްގޮތަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ނަފްސާނީ ގާބިލުކަމެއް މިންވަރުކޮށްދެއްވުމަށްއެދެމެވެ،" ޒަރިޔަންދު ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ޕާޓީގެ ފޮތިތައް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރިއިރު އަދި އިތުރު ޕޯސްޓަރުތައް ހަރުކުރަމުން ދާއިރު، ޒަރިޔަންދުގެ ޕޯސްޓަރުތަކުގެ އިތުރުން، އެމްޑީޕީގެ ކެންޑިޑޭޓު އަދި މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ކެމްޕޭނު ބެނާތައް ވެސް އެޗްޑީސީގެ މުވައްޒަފުން ވަނީ ކަނޑާލައިފަ އެވެ.
އާދަމް އާޒިމްގެ ބެނާތައް އެޗްޑީސީގެ މުވައްޒަފުންތަކެއް ނަގަމުން ކަނޑަމުން ދިޔަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް 2028 ގެ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ކުރިއަށް ގެންދަން ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލުގެ ބިލް ތަސްދީގުކުރުމާމެދު ރައްޔިތުން ދެކޭ ގޮތެއް ހޯދުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓާ ދިމާކޮށް ސަރުކާރުން ބައެއް ރަށްރަށުގައި ބޮޑެތި މަޝްރޫއުތައް ފަށަމުން ދާއިރު، ގިނަ ބަޔަކަށް ވަޒީފާތައް ވެސް ދަނީ ބަހަމުންނެވެ.
ހުޅުމާލޭގައި ހަރުކޮށްފައި ހުރި ޒަރިޔަންދުގެ ޕޯސްޓަރުތައް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި ހުޅުމާލޭގައި ހަރުކޮށްފައި ހުރި ޒަރިޔަންދުގެ ޕޯސްޓަރުތައް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ