ޔޫރަޕްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވިޔަފާރިތަކުން ގުޅުން ބަދަހިކުރަން، ރޯޑްޝޯއެއް ބާއްވަނީ
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އާއި ނޭޝަނަލް ހޮޓެލް އެންޑް ގެސްޓުހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންޖީއެޗްއެމް)އިން ގުޅިގެން ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުމަށް "އައި އެމް މޯލްޑިވްސް" ނަމުގައި ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ މިއީ އެ ސަރަހައްދުގެ ދަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރުކޮށް، ރާއްޖޭގެ އެކި ފަތުރުވެރިކަމުގެ ކުންފުނިތަކުން ދޭ ޚިދުމަތްތައް ދައްކާލައި މަގުބޫލުކަން ހޯދުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. މިދިޔަ ހޯމަ ދުވަހު ފެށި މި ރޯޑްޝޯ ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ޕޮލެންޑް، ރޯމޭނިއާ އަދި ޗެކް ރިޕަބްލިކްގައި ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ މި ރޯޑްޝޯގައި ރާއްޖޭގެ ހޮޓެލް، ގެސްޓުހައުސް އަދި ލިވްއެބޯޑްސް އާއި ޓްރެވެލް އޭޖެންސީތައް ހިމެނޭހެން 26 ވިޔަފާރިއަކުން ބައިވެރިވާނެ ކަމަށެވެ. މި ރޯޑްޝޯގެ ހަވާސާގައި ވިޔަފާރި ބައްދަލުވުންތަކާއި، ވިޔަފާރިތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އެކި ހަރަކާތްތައް ހިމެނޭހެން މުހިންމު ގިނަ ކަންތައްތަކެއް ކުރިއަށްގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ މި ރޯޑްޝޯގެ ހަރަކާތްތައް ހޯމަ ދުވަހު ޕޮލެންޑުގެ ވެރިރަށް ވޯސޯގައި ކުރިއަށް ގެންގޮސްފައިވާއިރު، ރޯމޭނިއާގެ ވެރިރަށް ބޫކަރެސްޓުގައި މިއަދު ކުރިއަށްގެންދާ ކަމަށެވެ. އަދި ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައި ހުކުރު ދުވަހު ކުރިއަށް ގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ. https://x.com/visitmaldives/status/1991003256491802793 ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، އައި އޭމް މޯލްޑިވްސް ރޯޑްޝޯގައި ވިޔަފާރިތަކުން ރާއްޖެ ތަމްސީލުކޮށްގެން މި ކުރާ މަސައްކަތުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވާނެ ކަމަށެވެ. "މި ރޯޑްޝޯގެ ޒަރިއްޔާއިން ޕޮލެންޑާއި ރޯމޭނިއާ އާއި ޗެކް ރިޕަބްލިކްގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ސަގާފަތާއި ލަގްޒަރީ ޚިދުމަތްތައް އިޝްތިހާރުވެގެންދާނެ،" ޝިއުރީ ވިދާޅުވެފައިވެއެވެ. މިއީ ރާއްޖެއިން މި އަހަރު 2.3 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް ވާސިލުވުމަށް ވެސް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓުން ސެޕްޓެމްބަރުގެ ނިޔަލަށް އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޔޫރަޕްގެ މެދުތެރޭ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 86,860 އަށް އަރައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ސަރަހައްދުން 86,574 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. https://sun.mv/213716 ޔޫރަޕުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ އެހެން ކެމްޕެއިންތައް ވެސް ކުރިއަށްގެންގޮސްފައެވެ. އެގޮތުން، މި އަހަރުގެ މާޗް މަހުގައި، އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ކްލަބު ކަމަށްވާ ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖެހިފައިވެއެވެ. ހަމައެގޮތަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ދާދި ފަހުން އިނގިރޭސިވިލާތުގެ ސެންޓްރަލް ލަންޑަން ސަރަހައްދުގައި ޚާއްސަ ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނެއްވެސް ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ