ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެ ޕާޓީއަށް ލިިބިފައި އޮތްއިރު، 'ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު' އުވާނުލެވުމަކީ ހެދުނު ގޯހެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހުއްދަ ހޯދުމަކާ ނުލާ މުޒާހަރާ ކުރެވޭ ގޮތަށް ހެދުމަށް، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އެއްކޮށް އުވާލަން މީކާއިލް ވަނީ ހުށަހަޅުއްވާފަ އެވެ. ގާނޫނު އުވާލަން ހުށަހަޅާ ސަބަބެއް ކަމަށް ބިލުގައި އޮތީ:
ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ދައުލަތުގެ ހުއްދަ ހޯދުމަކާ ނުލާ ސުލްހަވެރިކަމާ އެކު އެއްވެ އުޅެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، މި ގާނޫނުގެ ދަށުން އެ އެ މިނިވަންކަމަށް ހުރަސް އެޅޭތީ
އެހެންވެ ބިލު ހުށަހަޅަނީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި ހިފުމުގެ ފުރުސަތު ދައުލަތުން ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަށް
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މުޖުތަމައުގެ އަމާންކަން ބެލެހެއްޓުމަށް، ފުލުހުންނަށް ކޮންމެހެން ލިބިދޭން ޖެހޭ ބާރާއި އިހުތިޔާރު އެހެން ގާނޫނުތަކުގައި މިހާރު ފުރިހަމައަށް ކަނޑައަޅާފައިވާތީ މި ގާނޫނު ވުޖޫދުގައި އޮތުމަކީ "ބޭނުންތެރިކަމެއް ކަމަށް ނުވާތީ"
ބުނީ ކީކޭ؟ - މި ބިލު މަޖިލީހަށް ބަލައިގަތުމާ މެދު މިއަދު ކުރިއަށްގެންދިޔަ ބަހުސް ފައްޓަވަމުން މީކާއިލް ވިދާޅުވީ، އެ ގާނޫނަށް 2016 ވަނަ އަހަރު އިސްލާހު ގެނައިއިރު ވެސް ހިޔާލު ފާޅުކުރުމަށް ރައްޔިތުންނަށް ގާނޫނުއަސާސީން ލިބޭ ހައްގަށް ހުރަސްއެޅޭ ގޮތަށް އެ ގާނޫނުގައި އޮތް ކަންކަން އެމްޑީޕީގެ ވެރިކަމެއްގައި އުވާލާނެ ކަމަށް ވައުދުވެފައިވާނެ ކަމަށެވެ.
އޭގެ ފަހުން، އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮވެމެ، އެކަން ނުކުރެވުމަކީ ހެދުނު ގޯހެއްކަން މިއަދު ގަބޫލުކުރައްވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ:
ވެރިކަމުގެ ހަ މަސްދުވަހު މަޖިލީހުގައި އޮތީ ޕީޕީއެމްގެ މެޖޯރިޓީ
އެމްޑީޕީއަށް މެޖޯރިޓީ ލިބުނުއިރު ކޮވިޑުގައި ދެ އަހަރުދުވަސް ފާއިތުވުމުން، އެ ގާނޫނު އުވާލުމަށް ހުރަސް އެޅުނު ކަމަށް ސިފަކުރެއްވި
މިއަދު ބިލު މި ހުށަހަޅަނީ ފަހުރުވެރިކަމާ އެކު އެމްޑީޕީއަށް ހެދިފައިވާ ގޯސްތައް ގަބޫލުކުރާ ހާލު
ސިޔާސީ މައިދާނުގައި ހެެދޭ ގޯސްތައް ގަބޫލުކޮށް، ރައްޔިތުންގެ ހައްގުގައި ރަނގަޅު މަސައްކަތްތަކެއް މަޖިލީހުން ކުރާ ތަން ފެނުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް
"ކޮވިޑުގެ ދެ އަހަރާ އެކު ވެސް، މަޖިލީހަށް އޭރު މި ބިލު، އޭރުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައި މަޖިލީހުގައި އެތައް ދުވަހެއް ވަންދެން ބޭއްވުމަކީ އަޅުގަނޑުމެން މިއަދު ގަބޫލުކުރަން ހެދުނު ވަަރަށް ބޮޑު ގޯހެއް،" މީކާއިލް ވިދާޅުވި އެވެ.
"ސިޔާސީ މައިދާނުގައި ވަރަށް މަދުން ނޫނީ ނުވާ ކަމެއް ސިޔާސީ ޕާޓީތަކުން، ސިޔާސީ ދާއިރާގައި އުޅުއްވާ ބޭފުޅުން، ރައްޔިތުންގެ މަންދޫބުން ހެދޭ ގޯސްތައް، ނުކަސިޔާރުކޮށް އެޅިފައިވާ ފިޔަވަޅުތައް ގަބޫލުކުރުން ވަރަށް ނުވާ ކަމެއް."
މީކާއިލް ވިދާޅުވީ މި ގާނޫނު މިހާރު އޮތުމުގެ ސަބަބުން މުޒާހަރާތަކުގައި ހަރަކާތްތެރިވާ މީހުންނާ ދެކޮޅަށް މި ސަރުކާރުން ދައުވާކުރާ ކަމަށެެވެ. އެގޮތުން، މިދިޔަ މަހުގެ 3 ވަނަ ދުވަހު އެމްޑީޕީން ބޭއްވި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ނިންމީ ވެސް އެ ބިލު މަޖިލީހަށް ހުށަހެޅުމުން ކަމަށް މީކާއިލް ވިދާޅުވި އެވެ. އެކަމަކު އެހާ ހިސާބުން ވެސް ސަރުކާރަށް ހެދުނު ގޯސް ގަބޫލުކޮށް، ދައުވާތައް ނުކުރަން ނިންމުމުން އެކަމަށް އޭނާ މަރުހަބާ ވިދާޅުވި އެވެ.
މީކާއިލް އިތުރަށް ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ހިމެނޭހެން، ބަންޑާރަ ނައިބުގެ އޮފީހުން ވެސް މިހާރު އޮތް އެއްވެއުޅުމުގެ ގާނޫނު އިސްލާހުކުރަންޖެހޭ ކަމަށް މީގެ ކުރިން ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން، އެ ބިލު ބަލައިގަނެ، ވީހާ ވެސް އަވަހަކަށް އެ ގާނޫނު އުވާލަން އެއްބާރުލުން ދިނުމަށް މަޖިލީހުގެ މެމްބަރުންގެ ކިބައިން މީކާއިލް އެދިވަޑައިގެންނެވި އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދެއްކެވި ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ މެންބަރުން މުޅިން ވެސް ވާހަކަދެއްކެވީ އެއީ އުވާލަންޖެހޭ ގާނޫނެއް ނޫން ކަމަށް ވިދާޅުވެ އެވެ.
ވާހަކަދެއްކެވި ހުރިހާ ޕީއެންސީގެ މެންބަރުން ވެސް ޖުމްލަކޮށް ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮވެ، މިދިޔަ ސަރުކާރުގައި އެކަން ނުކޮށް، މިހާރު އެކަން ކުރަން އުޅެނީ "ހީލަތްތެރި ނިޔަތެއްގައި" ކަމަށެވެ. އެ ގާނޫނު މިހާރު އުވާލަން އުޅެނީ އެއްވެސް ހަމައެއް ލަމައެއްނެތި މުޒާހަރާތައް ކުރަން ފުރުސަތު ހޯދަން ވެގެން ކަމަށް ވެސް އެ މެންބަރުން ފާހަގަކުރެއްވި އެވެ.
އެނގުން މުހިންމު - ގައުމީ ސަލާމަތާ ގުޅުން ހުރި ތަންތަނާއި މިސްކިތްތައް ފިޔަވައި އެހެން ހުރިހާ ތަނަކަށް ހުއްދަ ހޯދުމަކާ ނުލާ އެއްވެވޭ ގޮތަށް ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވެސް ކުރިން، އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވައުދުވެވަޑައިގެންނެވި އެވެ. އަދި ރިޔާސީ ބަޔާނުގައި ވެސް އެ ގާނޫނު އިސްލާހުކުރުން އަވަސްކޮށްދޭން އެ މަނިކުފާނު އެދިވަޑައިގެންފައިވެ އެވެ.
ފަސްމަންޒަރު - ފެބްރުއަރީ 2012ގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވައްޓާލުމާ ގުޅިގެން އެ ޕާޓީން ކުރިއަށް ގެންދިޔަ ސިލްސިލާ މުޒަހާރާތައް ހުއްޓުވުމަށްޓަކައި މި ގާނޫނު ވުޖޫދު ކުރީ 2013ގައި އޭރުގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އޭގެ އިތުރުން:
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016ގައި އެ ގާނޫނަށް އިތުރު އިސްލާހުތަކެއް ގެނެސް، އެ ހައްގު އިތުރަށް ހަނިކުރި
އޭރު ވެރިކަން ކުރި ޕީޕީއެމްގެ މެޖޯރިޓީ އޮތް 17 ވަނަ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހަކީ ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ފިޔަވައި އެހެން ތަންތަނުގައި މުޒާހަރާކުރުމަށް ފުލުހުންގެ ހުއްދައެއް ދުރާލާ ހޯދަން ޖެހޭ ގޮތަށް ހެދުން
އެ އިސްލާހުގެ ދަށުން ހޯމް މިނިސްޓްރީން އޭރު އިއުލާން ކުރީ މާލޭގައި ހުއްދަ ނުހޯދައި މުޒާހަރާ ކުރެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް
އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ އޭރުގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވި ގޮތުގައި، އެ ގާނޫނު، ގާނޫނުއަސާސީއާ ހިލާފުވާތީ އެ ޕާޓީން އެ ގާނޫނު ބަލައެއްނުގަނޭ؛ އެ ގާނޫނަށް ތަބާނުވެ މުޒާހަރާތައް ކުރިއަށް ގެންދާނެކަން އިއުލާންކުރެއްވި
ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އެ ގާނޫނު އިސްލާހު ކުރައްވާނެ ކަމުގެ ވައުދާ އެކު؛ ނަމަވެސް ވެރިކަން ނިމިގެންދިޔައީ އެ ވައުދު ނުފުއްދާ
އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތްއިރު އެއްވެ އުޅުމުގެ ގާނޫނު އުވާނުލެވުމަކީ ހެދުނު ގޯހެއް: މީކާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ