ވަކި ބްރޭންޑެއްގެ ބޭސް އިސްކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ: މެޑިކަލް އެސޯސިއޭޝަން

ވަކި ބްރޭންޑެއްގެ ބޭހެއް އިސްކުރަން ޖެހިއްޖެ ނަމަ އެ ބްރޭންޑެއްގެ ބޭސް ލިޔެދިނުމަށް ޑޮކްޓަރުން އިސްކަންދޭނެ ކަމަށް މެޑިކަލް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޑޮކްޓަރުން ބޭސް ސިޓީ ލިޔެދޭ ގޮތުން، ބައެއް ބޭސް ނުލިބޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުންގެ ޝަކުވާ ބޮޑެވެ.
ތަފްސީލް - އެފަދަ ޝަކުވާތަކާ ގުޅިގެން އެ ޖަމްއިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ، މަދު ހާލަތެއްގައި ނޫނީ ޑޮކްޓަރުން ބޭސް ސިޓީ ލިޔަމުން އަންނަނީ ބޭހުގެ އަސްލު ނަން ނުވަތަ ޖެނެރިކް ނަން ކަމަށެވެ.
ނަމަވެސް ބޭހެއްގެ ވަކި ބްރޭންޑެއް އިސްކުރަން ޖެހިއްޖެ ނަމަ ޑޮކްޓަރު ބޭނުންވާ ބްރޭންޑުގެ ބޭސް ލިޔުމުގެ އިހުތިޔާރު ޑޮކްޓަރަށް ލިބިގެންވާ ކަމަށް މެޑިކަލް އެސޯސިއޭޝަނުގެ ބަޔާނުގައި ބުންޏެވެ.
"މިސާލަކަށް، ބޭނުންކުރަން ޖެހޭ ބޭހެއްގެ އެއް ބްރޭންޑަށް ބަލިމީހާ އެލާޖިކުވާ ނަމަ، އެ ބޭހުގެ އެހެން ބްރޭންޑެއް ލިޔުއްވާނެ އެވެ. އަދި ވަކި ބްރޭންޑެއްގެ އަސަރު ދެން ހުންނަ ބްރޭންޑުތަަކަށް ވުރެ ރަނގަޅު ކަމަށް ބެލެވޭ ނަމަ، އެ ބްރޭންޑެއް އިސްކުރުމުގެ ފުރިހަމަ އިހުތިޔާރު ޑޮކްޓަރަށް ލިބިގެންވެ އެވެ،" އެ ބަޔާނުގައި ވެ އެވެ.
ޑޮކްޓަރުންނަށް ލިބިފައިވާ އެ އިހުތިޔާރު ދިފާއުކޮށް މެޑިކަލް އެސޯސިއޭޝަނުން ބުނީ ދިވެހިންނަށް ބޭސް ފޯރުކޮށްދިނުމަށް ސަރުކާރާއި އާސަންދަ ގުޅިގެން ކުރާ މަސައްކަތުގައި އެ ޖަމްއިއްޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.
ގުޅުން ހުރި - ބޭހާ ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް، އެސްޓީއޯ، އާސަންދަ، އެމްއެފްޑީއޭ، މޯލްޑިވްސް ޑޮކްޓާސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ހިމެނޭ ގޮތަށް ހުރިހާ މުއައްސަސާއެއް ބައިވެރިވާ ޖޮއިންޓް ކޮމިޓީއެއް އުފައްދަން އިއްޔެ ވަނީ ނިންމާފަ އެވެ.
އެނގުން މުހިންމު - އާންމުކޮށް ބޮޑެތި އަދި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އާސަންދަ މެދުވެރިކޮށް ބޭސް ގަންނަން ނުލިބުމާއި މީގެ ކުރިން އާސަންދައިން ލިބުނު ބޭސްތައް މިހާރު އެ ސްކީމުގެ ދަށުން ނުލިބޭކަމުގެ ޝަކުވާ ގިނަ އެވެ.
މީގެ ކުރިން އާސަންދައިން ލިބުނު ބޭސްތައް އެ ސްކީމުގެ ދަށުން ދޫކުރާ ނަމަ ބޭސްފިހާރައަށް ގެއްލުންވާ ކަމަށް ބުނެ، ބައެއް ބޭސްފިހާރަތަކުން އާސަންދައިން އެ ބޭސްތައް ދޫކުރުން ވަނީ ހުއްޓާލައިފަ އެވެ. އެފަދަ ހާލަތްތަކުގައި އެ ބޭސް ގަންނަން ޖެހެނީ އަތުން ހަރަދުކޮށްގެންނެވެ.
މީގެ އިތުރުން، އާސަންދައިން ކަނޑައަޅާފައި އޮންނަ އަގު އެ ސްކީމުގެ ދަށުން ކަވަރު ކުރުމަށް ފަހު ބާކީ ފައިސާ އަމިއްލަ އަތުން ދައްކާ ގޮތަށް ވެސް ބައެއް ފާމަސީތަކުން ބޭސް ދޫކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ