ރައްޔިތުންގެ މަޖިލީހުގެ ރިސޯސްތައް ޑިޖިޓަލައިޒް ކުރުމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އެ މަޖިލީހުގެ ތިރީ ގޭގެ ރައީސް އޯމް ބިރްލާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބިރްލާއާ މިއަދު ވަނީ ބައްދަލު ކުރައްވައިފަ އެވެ.
ތަފްސީލް - އެ ބައްދަލުކުރެއްވުމަށް ފަހު ބިރްލާ އެކްސް ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރަމުންދާ ގޮތަށް އަބްދުއްރަހީމް ތައުރީފު ކުރައްވާފައިވާ ކަމަށެވެ.
"ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރިސޯސްތައް ޑިޖިޓަލައިޒް ކުރުމަށް އެހީތެރިކަން ދިނުމަށް އެދިވަޑައިގެންނެވި. މި އެއްބާރުލުން ހުރިހާ ގޮތަކުން ދޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނަށް އެރުވިން،" ބިރްލާ ވިދާޅުވި އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުން ތަމްރީނު ކުރުމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތަމްރީން ފެސިލިޓީ ލޮކް ސަބާ ޕްރައިޑްގެ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ބިރްލާ ވަނީ ދެއްވައިފަ އެވެ.
އެނގުން މުހިއްމު - އަބްދުއްރަހީމް އިއްޔެ އިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އިންޑިއާއަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވަނީ ލޮކް ސަބާގެ ރައީސާއި ރާޖްޔަ ސަބާގެ ޗެއާމަންގެ ދައުވަތަކަށެވެ. މިއީ ލެޖިސްލޭޓިވް ދާއިރާ އިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
މަޖިލީހުގެ ރިސޯސްތައް ޑިޖިޓަލައިޒް ކުރަން ލޮކް ސަބާ އިން އެހީވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ