ގާޒާގެ އާބާދީ ވަގުތީގޮތުން ބަދަލުކުރުމަށް ޓްރަމްޕް ހުށަހެޅި ހުށަހެޅުމަކީ އިންސާނިއްޔަތާ ޚިލާފު ކަމެއްކަމަށް ބުނެ އިމްޕީޗްކުރުމަށް ރާވަނީ

"ދުނިޔޭގެ އެންމެ ބާރުގަދަ ލީޑަރުގެ ފަރާތުން އަންނަ ގާޒާގެ އާބާދީ ސާފުކުރުމުގެ ވާހަކައަކީ މަޖަލަކަށް ދެއްކޭނެ ވާހަކައެއް ނޫން،" މިހެން ވިދާޅުވަމުން އެމެރިކާގެ ކޮންގްރެސްގެ މެމްބަރެއްކަމުގައިވާ އަލް ގްރީން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރުމަށް ހުށަހަޅުއްވާނެކަމަށް އިއުލާންކުރައްވާފަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޓެކްސާސް ރެޕްރެޒެންޓެޓިވް އަލް ގްރީން މިކަން އިއުލާންކުރެއްވީ ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވި ވީޑިއޯއެއްގަ އެވެ. އަދި "އަޅުގަނޑު މި ތެދުވަނީ ރައީސް ކުރައްވާފައިވާ އަދި ކުރައްވަން ހުށަހަޅުއްވާފައިވާ ނުބައި ކަންތައްތަކާ ގުޅިގެން އިމްޕީޗްމަންޓް އާޓިކަލްސް ހުށަހަޅަން" ކަމަށް ވިދާޅުވިއެވެ.
ގާޒާގެ އާބާދީ ބަދަލުކޮށް، އެސަރަހައްދު އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން، އެމެރިކާގެ ސަރުކާރުން ވަނީ އެކަމާމެދު ދައްކަމުން އައި ވާހަކަތަކަށް ބޮޑު ބަދަލެއް ގެނެސްފައެވެ. މި ބަދަލާއެކު:
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ ޓްރަމްޕްގެ ހުށަހެޅުއްވުމަކީ ގާޒާގެ ހަލާކުވެފައިވާ ތަންތަން ސާފުކުރުމަށް ހުށަހެޅުއްވި ތަފާތު ހުށަހެޅުއްވުމެއް ކަމަށެވެ.
"އެމެރިކާއިން ވަރަށް ހެޔޮނިޔަތުގައި ހުށަހަޅާފައި މިވަނީ ގާޒާގެ ސަރަހައްދު ސާފުކޮށް، ގޮވާ ތަކެތި ނައްތާލައި، އަލުން އިމާރާތްކޮށް، ގެތަކާއި ވިޔަފާރިތައް އަލުން ބިނާކޮށް، މީހުންނަށް އަނބުރާ ދިރިއުޅެވޭނެ މާހައުލެއް ގާއިމްކުރުމަށް،" ގުއަޓެމާލާ ސިޓީގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޫބިއޯ ވިދާޅުވިއެވެ.
ވައިޓް ހައުސްގެ ސްޕޯކްސްޕާސަން ކެރޮލައިން ލެވިޓް ވެސް ވަނީ ޓްރަމްޕްގެ ފުރަތަމަ ބަޔާނުގައި ގާޒާ "މިލްކުވެރިވާނެ" ކަމަށް ވިދާޅުވި ވިދާޅުވުން އިސްލާހުކުރައްވާފަ އެވެ. އަދި ރައީސް ބޭނުންފުޅުވަނީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުން "ވަގުތީގޮތުން" އެހެން ތަނަކަށް ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ.
ސެނެޓާ ޖޮޝް ހޯލީ ވިދާޅުވި ގޮތުގައި މެދުއިރުމަތީގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޮފް ވަނީ ރިޕަބްލިކަން ސެނެޓަރުންނާއެކު ބޭއްވުނު ސިއްރު ބައްދަލުވުމެއްގައި، ޓްރަމްޕް "އެމެރިކާ ސިފައިންތަކެއް ގާޒާގައި ބޭތިއްބުމަށް އަދި އެއްވެސް އެމެރިކާ ޑޮލަރެއް ހޭދަކުރުމަށް" ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕްގެ ގާޒާ ޕްލޭނަށް ނަތަންޔާހޫގެ ތާއީދު
ގާޒާގެ އާބާދީ ބަދަލުކުރުމަށް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުއްވުމަކީ "ނަސްލީ ސާފުކުރުމުގެ" އަމަލެއްގެ ގޮތުގައި މުޅި ދުނިޔެއިން ފާޑުކިޔަމުންދާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ މި ހުށަހެޅުމާމެދު އެއްވެސް މައްސަލައެއް ނުދެކޭ ކަމަށެވެ.
ބުދަ ދުވަހު ފޮކްސް ނިއުސްގެ ޝޯން ހެނިޓީއަށް ދެއްވި އިންޓަވިއުއެއްގައި "ގާޒާއިން ފުރަން ބޭނުންވާ މީހުންނަށް ފުރުމުގެ ފުރުސަތު ދިނުމަކީ ކޮބައިތޯ މައްސަލައަކީ؟ އެމީހުންނަށް ދެވިދާނެ، އަދި އަނބުރާ އާދެވިދާނެ، އެހެން ތަނަކަށް ބަދަލުވެވިދާނެ އަދި އަނބުރާ އާދެވިދާނެ. އެކަމަކު ގާޒާ އަލުން އިމާރާތްކުރަންޖެހޭ. ގާޒާ އަލުން އިމާރާތްކުރަން ބޭނުންވާނަމަ..." މިހެން ވިދާޅުވުމަށްފަހު އިތުރަށް ވާހަކަފުޅު ކުރިއަށް ނުގެންދަވައި މެދުކަނޑުއްވާލެއްވި އެވެ.
އަދި "މިއީ އަޅުގަނޑު އަޑުއެހި އެންމެ ފުރަތަމަ ރަނގަޅު ޚިޔާލު. މިއީ ފާހަގަކޮށްލެވޭ ޚިޔާލެއް، އަދި އަޅުގަނޑު ދެކޭގޮތުގައި މިކަން ކުރިއަށް ގެންގޮސް، ދިރާސާކޮށް، ތަންފީޒުކުރަންވާނެ،" މިހެން ވިދާޅުވެ ޓްރަމްޕްގެ ހުށަހެޅުއްވުމަށް ފުރިހަމައަށް ތާއީދުކުރައްވާފައި ވެއެވެ.
ޓްރަމްޕްގެ ގާޒާ ޕްލޭނަށް  އިސްރާއީލުގެ %72 ތާއީދުކުރާކަމަށް ސާވޭއަކުން ދައްކައިފި
އަންގާރަ ދުވަހު އެމެރިކާގެ  ޓްރަމްޕް ހުށަހެޅުއްވި ގޮތަށް ފަލަސްތީނުގެ ރައްޔިތުން ގާޒާއިން އެހެން ތަނަކަށް ބަދަލުކުރުމަށް އިސްރާއީލުގެ %72 ރައްޔިތުން ތާއީދުކުރާ ކަމަށް ޗެނަލް 13 ގެ ސާވޭއަކުން ދައްކައިފި އެވެ.
މި ސާވޭގައި މި ޕްލޭނާ ދެކޮޅަށް ވޯޓުދިނީ އެންމެ %17 ކަމަށާއި، %11 އަކީ އެކަމާމެދު ވަކިގޮތެއް ނިންމާފައިނުވާ މީހުން ކަމަށްވެ އެވެ.
މިފަދަ ނަތީޖާއެއް ޖުވިޝް ޕީޕަލް ޕޮލިސީ އިންސްޓިޓިއުޓް ތިންކް ޓޭންކުން މި ހަފްތާގައި ހާމަކުރި އެހެން ސާވޭއަކުންވެސް ފެނިގެން ގޮސްފައިވެ އެވެ. މި ސާވޭގައި ގާތްގަނޑަކަށް ކޮންމެ 10 މީހުންގެ ތެރެއިން 7 މީހުން "ގާޒާގެ އަރަބިން އެހެން ގައުމަކަށް ބަދަލުކުރަންވާނެ" ކަމަށް ތާއީދުކުރި އެވެ.
އަދި ޓްރަމްޕްގެ ޕްލޭނަކީ "ޢަމަލީގޮތުން ކުރެވިދާނެކަމެއް" ކަމަށް ބުނެ މިކަން ތަންފީޒުކުރަން މަސައްކަތްކުރަންވާނެ ކަމަށް ޔަހޫދީ އިސްރާއީލީންގެ %52 ތާއީދުކުރާކަންވެސް މި ސާވޭއިން ދައްކަ އެވެ.
ފަލަސްތީނުގެ ރައްޔިތުން ބަދަލުކުރުމުގެ އެއްވެސް މަސައްކަތަކަށް ޔޫއޭއީން ތާއީދު ނުކުރާނެ
އެހެން އަރަބި ގައުމުތަކެކޭ އެއްފަދައިން ޔޫނައިޓެޑް އެރެބް އެމިރޭޓްސް އިންވެސް ބުދަ ދުވަހު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމާއި އެމީހުން ބަދަލުކުރުމުގެ އެއްވެސް މަސައްކަތަކަށް ތާއީދު ނުކުރާނެކަމަށް ބުނެފަ އެވެ. އަދި މި ސަރަހައްދުގައި ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް، ސަރަހައްދީ އަދި ބައިނަލްއަގްވާމީ މަސައްކަތްތައް އިތުރުކޮށް، ފުރިހަމަ ސުލްހައިގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭކަމަށް ބުނެފަ އެވެ.
ޔޫއޭއީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބުނީ "ފަލަސްތީނު-އިސްރާއީލު ހަމަނުޖެހުމަށް ސިޔާސީ ހައްލެއް ހޯދައި، މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމްކުރުމުގެ މުހިންމުކަން" ފާހަގަކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ