އިންޑިއާގެ މައި އިދިކޮޅު ޕާޓީގެ ދެ ލީޑަރުން، ސޯނިއާ ގާންދީ އާއި ރާހުލް ގާންދީގެ މައްޗަށް އިންޑިއާގެ މާލީ ކުށްތައް ބަލާ އިދާރާއިން މަނީ ލޯންޑްރިންގެ ދައުވާ އުފުލައިފި އެވެ.
ތަންފީޒީ އިދާރާ އިން ވަނީ މިދިޔަ އަންގާރަ ދުވަހު ދިއްލީގެ ކޯޓަކަށް އެ މައްސަލައިގެ ހޯދުންތައް ހުށަހަޅައިފަ އެވެ. އެ ހުށަހެޅުމުގައި ވަނީ ނޭޝަނަލް ހެރަލްޑް ނޫހުގެ 233 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑު މުދާ ގާނޫނާ ހިލާފަށް ހޯދުމަށް ގާންދީގެ އާއިލާ އިން ޝެލް ކުންފުންޏެއް އުފެއްދި ކަމަށް ތުހުމަތެވެ.
ކޮންގްރެސްގެ ތަރުޖަމާނު ޖައިރާމް ރަމޭޝް ވަނީ މި ދައުވާތަކަކީ ސަރުކާރުން ބަދަލު ހިފުމުގެ އަދި ބިރުދެއްކުމުގެ ސިޔާސީ ކަމެއް ކަމަށް ސިފަކުރައްވައިފަ އެވެ.
ނަމަވެސް މީގެ ކުރިން އެއްވެސް ކުށެއް ކޮށްފައި ނުވާ ކަމަށް ދައުވާ ކުރާ، ގާންދީގެ އާއިލާ އިން އެ ތުހުމަތުތަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.
އެ ތުހުމަތު ކޮންގްރެސް ޕާޓީގެ ބޭރުގެ ވެރިޔާ ސޭމް ޕިޓްރޯޑާގެ އިތުރުން އެ ޕާޓީގެ އެހެން މެމްބަރުންގެ ނަން ވެސް ހިމެނޭ ކަމަށް ނިއުސް އެޖެންސީ، އޭއެންއައިއިން ބުނެ އެވެ.
އެންފޯސްމަންޓް ޑައިރެކްޓްރޭޓް (އީޑީ) އިން އެ މައްސަލަ ބަލަން ފެށީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ މެމްބަރު، ސުބްރަމާނިއަމް ސްވާމީ އަމިއްލައަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ސްވާމީ ތުހުމަތު ކުރެއްވި ގޮތުގައި، ގާންދީގެ އާއިލާ އިން ޕާޓީގެ ފައިސާ ބޭނުންކޮށްގެން ނެޝަނަލް ހެރަލްޑް ނޫސް ހިންގާ އެސޯސިއޭޓެޑް ޖާނަލްސް ލިމިޓެޑް (އޭޖޭއެލް) ގަނެ، ގާނޫނާ ހިލާފަށް އޭޖޭއެލް މެދުވެރިކޮށް އެތައް މިލިއަން ރުފިޔާގެ މުދާ ވަނީ ހޯދައިފަ އެވެ. އެ ނޫސް 2008 ވަނަ އަހަރު ނެރުން ހުއްޓާލި އެވެ. ނަމަވެސް ފަހުން ވަނީ ޑިޖިޓަލް ޕަބްލިކޭޝަނެއްގެ ގޮތުގައި އަލުން ނެރެން ފަށާފަ އެވެ.
ކޮންގްރެސް އިން ބުނަމުން ދަނީ އެ ޕަބްލިޝަރުގެ ތާރީހީ ލެގަސީގެ ސަބަބުން ޕަބްލިޝަރު ބެއިލްކޮށް، އޭޖޭއެލްއަށް 900 މިލިއަނަށް ވުރެ ގިނަ ރުޕީސް ދީފައިވާ ކަމަށެވެ.
އޭޖޭއެލް 2010 ވަނަ އަހަރު ދަރަނިން ސަލާމަތްވީ އެ ކުންފުނީގެ ދަރަނި އިކުއިޓީއަށް ބަދަލުކޮށް، އަލަށް އުފެއްދި ޔަންގް އިންޑިއަން ނަމަކަށް ކިޔާ ކުންފުންޏަކާ ހިއްސާ ހަވާލުކޮށްގެންނެވެ. އެ ޕާޓީން ބުނަނީ އެ ކުންފުނީގެ ހިއްސާދާރުންނާއި ޑިރެކްޓަރުންނަށް ޑިވިޑެންޑެއް ނުދޭ "ފައިދާ ނުލިބޭ ކުންފުންޏެއް" ކަމަށެވެ.
ސޯނިއާ އާއި ރާހުލް ގާންދީ އަކީ 'ޔަންގް އިންޑިއަން'ގެ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުން ކަމަށާއި އެ ދެ ބޭފުޅުންގެ ވެސް ކުންފުނީގެ %38 ހިއްސާ އޮވެ އެވެ. ބާކީ %24 ހިއްސާ އޮންނަނީ ކޮންގްރެސްގެ ލީޑަރުން ކަމަށްވާ މޯތިލާލް ވޯރާ އާއި ސޭމް ޕިޓްރޯޑާ އަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.
ނޭޝަނަލް ހެރަލްޑް ނޫހަކީ 1938 ވަނަ އަހަރު އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު އަދި ރާހުލް ގާންދީގެ މުނިކާފަ ޖަވާހަރްލާލް ނެހްރޫ އުފެއްދެވި ނޫހެކެވެ.
މާލީ ދަތިތަކާ ކުރިމަތިލާން ޖެހުމަށް ފަހު 2008 ވަނަ އަހަރު ޝާއިއުކުރުން ހުއްޓާލި ނަމަވެސް ފަހުން 2010 ވަނަ އަހަރު ކޮންގްރެސް އިން ގަނެ، 2016 ވަނަ އަހަރު ޑިޖިޓަލް ނިއުސް އައުޓްލެޓެއްގެ ގޮތުގައި އަލުން ލޯންޗްކުރި އެވެ.
ރާހުލްގެ ދެމައިންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ